އެމްޑީޕީއަށް މަރުހަބާ ކިޔައި، މައުމޫނު ރިފޯމުން ރީތި މިސާލެއް!

މައުމޫނު ރިފޯމްގެ ހަރަކާތެއްގެ ތެރެއިން ---

އިއްޔެ ބޭއްވުނު އެމްޑީޕީގެ މަޖިލިސް ޕްރައިމެރީއަކީ އެ ޕާޓީން ސިފަކުރާ ގޮތުން އެޕާޓީގެ އެންމެ ބޮޑު ހަރަކާތެވެ. އަދި ޕްރައިމެރީ ބާއްވައި އެމްޑީޕީން ޑިމޮކްރެސީގެ ރީތި މިސާލެއް ދެއްކެވި ކަމަށްވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން އިއްޔެ އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ރިފޯމް މޫވްމެންޓުން އެމްޑީޕީއަށް މަރުހަބާ ކިޔައި ދެއްކެވި މިސާލެވެ.

އެމްޑީޕީއަކީ ވާދަވެރި ސިޔާސީ ޕާޓީ އެކެވެ. އެމްއާރުއެމްއިން ސިޔާސީ މައިދާނުގައި ހޯދަން ބޭނުންވާ ކާމިޔާބީތައް ގިނަވާނެއެވެ. ވާދަވެރި ޕާޓީތަކުގެ މައްޗަށް ކުރި ހޯދަންވެސް ބޭނުންވާނެއެވެ. ވާދަވެރި ކަމުގެ ތެރޭން ހިތް ހެޔޮ ކަމުގެ މިސާލެއް އެމްއާރުއެމްގެ މެމްބަރުން ވަނީ ދައްކަވާފައެވެ.

ޔުމްނާ މައުމޫނު --

ރައީސް މައުމޫނުގެ ދަރިކަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވަނީ ޓްވީޓް ކުރައްވާ ޕްރައިމެރީގެ ކުރިން ކެންޑިޑޭޓުންނަށް ކަމީޔާބީއަށް އެދި ޓްވީޓް ކުރައްވާފައެވެ. އަދި އޭގެ ފަހުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޕްރަައިމެރީ ކާމިޔާބު ކުރެއްވުމުން މަރުހަބާ ދެންނެވިއެވެ. އަދި ޕާޓީގެ ހުރިހާ ދާއިރާއަކުން ޕްރައިމެރީ ކާމިޔާބު ކުރެއްވި މެމްބަރުންނަށްވެސް ޔުމްނާ މަރުހަބާ ދެންނެވިއެވެ.

އެމްއާރުއެމްއިންވެސް މަޖިލިސް އިންތިހާބުގައި ވާދަކުރާނެކަން އިއުލާނުކޮށްފައިވާއިރު އެހެން ޕާޓީއަކަށް މަރުހަބާ ދަންނަވައި ޓްވީޓް ކުރެއްވުމަކީ ރީ މިސާލެކެވެ.

ޔުމްނާގެ އިތުރުން މައުމޫނު ރިފޯމްގެ އޮފިޝަލް ޓްވިޓާ އެކައުންޓުންވެސް ވަނީ އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރެއްވި ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ރައީސް މައުމޫނުގެ ރިފޯމްގައި އުޅުއްވާ އައިމިނަތު ނާދިރާ އަދި މައުމޫނު ރިފޯމްގެ ގިނަ މެމްބަރުން ވަނީ އެމްޑީޕީ ޕްރައިމެރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން މިއަދު ހެނދުނު ރައީސް މައުމޫނު ވަނީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ހޯއްދެވި ހުރިހާ މެންބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެންމެން ގުޅިގެން ގައުމުގެ ހަމަޖެހުމާ ސަލާމަތަށް މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސް މައުމޫނުގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނުވެސް އެމްޑީޕީ ޑިމޮކްރެސީގައި ދެއްކެވި މިސާލަށް މަރުހަބާ ދަންނަވާފައެވެ. އަދި އެމްޑީޕީގެ ޕްރައިމެރީ ސްރީލަންކާގައި ކުރިއަށް ދިޔަ ގޮތް ބައްލަވާލަންވެސް ދުންޔާ ވަޑައިގަތެވެ.

މައުމޫނު ރިފޯމް މުވްމަންޓުން ދެއްކެވި ރީތި މިސާލަށް އެމްޑީޕީ މެމްބަރުންވެސް ތައުރީފު ކުރިއެވެ. މީހުން ބުނާ ގޮތުން މައުމޫނުގެ ފަރާތުން ތަމްސީލު ކުރައްވާ ބޭފުޅުން ދައްކަވަނީ ރީތި މިސާލެކެވެ.

އިންތިހާބެއްގައި ވާދަކުރައްވާއިރު ވާދަވެރިކަންވެސް އޮންނާނެއެވެ. އެކަމަކު އެއްބަޔަކު އަނެއް ބަޔަކަށް ލިބޭ ކާމިޔާބީގައި ބައިވެރިވުމަކީ އަބަދުވެސް ރީތި މިސާލެކެވެ.

comment ކޮމެންޓް