މަޖިލިސް އިންތިހާބުގެ އަޣުލަބިއްޔަތު ނަގަން އެމްޑީޕީ ތައްޔާރު: ނަޝީދު

ރައީސް މުހައްމަދު ނަޝީދު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އަޣުލަބިއްޔަތު ހޯދަން އެމްޑީޕީ އިން ތައްޔާރު ކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ވަނީ މަޖިލިސް އިންތިހާބަށް ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް އިއްޔެ ޕްރައިމަރީ ބާއްވައިފައެވެ. އެ ޕްރައިމަރީގެ ނަތީޖާ އިއުލާނު ކޮށްފައިވާއިރު ނަޝީދު ވަނީ މައްޗަންގޮޅި މެދު ދާއިރާގެ ޓިކެޓު ކާމިޔާބު ކުރައްވައިފައެވެެ.

އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ޕްރައިމަރީގައި ވޯޓުދިން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ. ނަޝީދު ވިދާޅުވީ މަޖިލިސް އިންތިހާބުގެ މެޖޯރިޓީ އެމްޑީޕީ އިން ނަގަންޖެހޭނެ ކަމަށާއި އެކަމަކީ އޮޅިފައިވާ ކަމެއް ނޫން ކަމަށެވެ.

"އެ އަގުލަބިއްޔަތު ނަގާނަން. އެކަމަށް ތައްޔާރު،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ޕްރައިމަރީ އާއެކު ލިބިއްޖެ ކަމަށާއި އެ ކެނޑިޑޭޓުންނާއެކު މަސައްކަތް ކުރައްވަން ތައްޔާރު ކަމަށެވެ. އަދި ޕްރައިމަރީގައި ނާކާމިޔާބުވި ކެނޑިޑޭޓުންނާއި އެ ކެނޑިޑޭޓުންގެ ކެމްޕެއިނު ޓީމުންވެސް ރައީސް ނަޝީދަށާއި އެމްޑީޕީގެ ސެކްރެޓޭރިއޭޓަށް ގުޅުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ. ނަޝީދު ވިދާޅުވީ ހުރިހާ ފަރާތްތަކުން އެކުގައި އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

ސަރުކާރުން ކުރާ މަސައްކަތްތަކާއި ވައުދު ފުއްދުމަށް ކުރާ މަސައްކަތްތަކާއެކު ރައްޔިތުންގެ ހިތުގައި އެމްޑީޕީ އާމެދު އުއްމީދު އާވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް