ވައިކަރަދޫ ނާޒިމް، ބްރިގޭޑިއާ ޑީޑީ އަދި ރުކުމާއަށް ޓިކެޓު ނާކާމިޔާބުވެއްޖެ

ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ އިބްރާހިމް މުހައްމަދު ދީދީއާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް -- ސަން ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާ، ހިތަދޫ މެދު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާ ތަމްސީލުކުރައްވާ ތިން މެމްބަރުން އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންފިއެވެ.

އެ ދާއިރާތައް ތަމްސީލުކުރައްވާ މެމްބަރުންނަކީ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އިބްރާހިމް މުހައްމަދު ދީދީ އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ އަހްމަދު)އެވެ.

ހެންވޭރު ދެކުނު ދާއިރާގެ ޕްރައިމަރީން ރުކުމާ އަހްމަދު ނާކާމިޔާބުވެވަޑައިގެންނެވި އިރު، އެ ދާއިރާގެ ޓިކެޓު ލިބިވަޑައިގަތީ ހުސައިން ޝަހީމް (އަނދުން ހުސައިން)އަށެވެ.

ވައިކަރަދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކޮށްފައިވަނީ ހުސައިން ޒިޔާދުއެވެ. މިހާރުގެ މެމްބަރު ނާޒިމްއަށް ލިބިވަޑައިގަތީ ދެވަނައަށް އެންމެ ގިނަ ވޯޓެވެ.

އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ދީދީގެ މައްޗަށް ކުރި ހޯއްދަވައި، އެ ދާއިރާގެ އެމްޑީޕީ ޓިކެޓު ކާމިޔާބުކުރެއްވީ (ހިޔަލީ) އަހްމަދު ރަޝީދެވެ.

މިހާރުގެ ތިން މެމްބަރުން ޕްރައިމަރީން ނާކާމިޔާބުވެ ވަޑައިގެންނެވުމާއެކު، އޭޕްރިލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެއްވެސް ހައިސިއްޔަތަކުން ވާދަކުރުމުގެ ފުރުސަތު އެ މެމްބަރުންނަށް ވަނީ ގެއްލިފައެވެ.

comment ކޮމެންޓް