މަސްއޫލިއްޔަތު އަދާނުކުރާނަމަ ވެރިކަމަކީ ހިތާމަހުރި ކަމެއް: ހުކުރު ހުތުބާ

ވެރިކަމުގައި ހުންނަ މީހަކަށް އޭނާގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ނަމަ ވެރިކަމަކީ ހިތާމަވެރި ކަމަކަށް ވެގެން ދާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ބިނާކޮށްފައިވަނީ، މަގާމުގެ މަސްއޫލިއްޔަތު އަދުލުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުމުގެ މައްޗަށެވެ.

ހުތުބާގައި ބުނެފައި ވަނީ، އަމާނާތްތަކުގެ ތެރެއިން އެންމެ ބޮޑު އަމާނާތަކީ، ވެރިކަމުގެ އަމާނާތް ކަމަށާއި އެގެތެރޭގައި އާދައިގެ އިދާރާތަކާއި އޮފީސްތަކުގެ ވެރިކަމުން ފެށިގެން ގައުމުގެ އެންމެ މަތީ ވެރިކަން ވެސް ހިމެނޭ ކަމަށެވެ.

"ވެރިކަމުގެ މަސްއޫލިއްޔަތު އަދާ ކުރަން ޖެހޭ ގޮތަށް އަދާ ނުކޮށްފި ނަމަ، ވެރިކަމަކީ ގިޔާމަތް ދުވަހުން ހިތާމައަކަށް ނުވަތަ ހިތްދަތި ކަމަކަށް ވެގެން ދާނެ ކަމެއް،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، މަސްއޫލުވެރިން އެމީހުންގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް އިސްލާމީ ޝަރީއަތުގައި ބާރުއަޅުއްވާފައިވާ ކަމަށެވެ. އަދި އަމާނާތްތެރިކަމާއެކު އެ ހައްގުތަކުގެ ވެރިންނަަށް ހައްގު ހޯދައިދީ، އަމާނާތްތަކުގެ އަހުލުވެރިންނަށް އަމާނާތް ރައްދު ކުރުމަށް ވެސް އިސްލާމް ޝަރީއަތުގައި ބާރު އަޅުއްވާފައިވާ ކަމަށެވެ.

"މީގެ ސަބަބުން ހުރިހާ ބާވަތެއްގެ މަސްލަހަތެއް ފުރިހަމަވެ، ފަސާދަތައް ނެތިގެން ދޭ. އަދި އާހިރުގެ ފޮނި ނަތީޖާ ފޮނިވެގެން ދޭ،" އަމާނާތްތެރިކަމުގެ މުހިންމުކަން ހާމަކޮށް ހުތުބާގައި ބުންޏެވެ.

އިސްލާމް ދީނުގެ މަތިވެރިވެގެންވާ އުސޫލުތަކުގެ ތެރެއިން އެންމެ މުހިންމު އެއް އުސޫލަކީ އަމާނާތްތައް އޭގެ ހައްގު ވެރިންނަށް އަދާ ކުރުން ވާޖިބުވެގެން ވުމާއި، އެ އަމާނާތަށް ހިޔާނާތްތެރިވުން ހަރާމްވެގެން ވުން ކަމަށެވެ.

އަދުވެރިކަމާ ގުޅޭގޮތުން ހުތުބާގައި ބުނީ، އަދުލުވެރި ވެރިޔާއަށް ކީރތި ރަަސޫލާ އުފާވެރި ހަބަރު ދެއްވާ ކަމަށާއި، ގިޔާމަތް ދުވަހުން އެމީހުންނަށް އަރުޝީގެ ހިޔާވަހިކަން ލިބޭ ހަތް މީހުންގެ ތެރޭގައި އަދުލުވެރި ވެރިޔާ ހިމެނޭ ކަމަށެވެ.

ކިރީތި ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވަނީ، "ހަމަ ކަށަވަރުން އަދުލުވެރި ވެރީން ﷲގެ ހަޟްރަތުގައި ތިބޭހުށީ ނޫރުން ވާ މިންބަރުތަކެއްގެ މަތީގައެވެ. އެބައި މީހުންނަކީ، އެބައިމީހުންގެ ހުކުމްތަކުގައާއި އެބައިމީހުންގެ އަހުލުވެރިންނާއި އަދި އެބައިމީހުންގެ ބެލުމުގެ ދަށުގައިވާ މީހުނާ މެދު އަދުލުވެރިވާ މީހުންނެވެ،"

ހުތުބާގައި އިތުރަށް ބުނެފައިވަނީ، މަގާމެއްގައި ހުރި މީހަކު ކަމުގައި ވީނަމަވެސް އޭނާގެ ބާރުގެ ދަށުގައި އެއްވެސް ފަރާތަކަށް އަނިޔާވެރި ނުވުމަށް، މުސްލިމުންގެ ކަންކަމުގައި ހަވާލުވާ ވެރިންނަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

އަދި ވެރިން އެމީހުންގެ ބެލުމުގެ ދަށުގައި ވާ މީހުންނަށް އޯގާތެރިވުމަކީ ކީރިތި ރަސޫލާގެ ހެޔޮ ދުއާ ލިބި މާތްﷲ އެ ވެރިންނާ މެދު އޯގާވެރިވެވޮޑިގެން ވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް