މި ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް އައްޝައިޚު، އިމްރާން ޢަބްދުﷲ ކިޔާ ބޭފުޅެއްގެ ދުލުން ވިދާޅުވުމަކީ އައިބު ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޢުމަރު މިހެން ވިދާޅުވީ މި ސަރުކާރުން މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ހޯމް މިނިސްޓަރު ޝައިޚު އިމްރާމް ޢަބްދުﷲ ވިދާޅުވުމާ ގުޅުވައިގެން އެ ވާހަކަފުޅަށް ފާޑު ވިދާޅުވެ. "ސަން"އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ޢުމަރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން މަރުގެ ޙުކުމް ތަންފީޒު ކުރާނެކަން އިއުލާނު ކުރި ދުވަހުގައި އިމްރާން ވަނީ އެކަމަށް މަރުޙަބާ ވެސް ކިޔުއްވާފައި ކަމަށެވެ.
"އަދާލަތު ޕާޓީ އުފެދުނީ ރައްޖޭގައި އިސްލާމް ދީނުގެ އަސާސްތައް ކުރިއަރުވާ އިސްލާމީ ޝަރިއަތް ކުރިއަރުވާ އެކަންކަން ކުރުމަށް ކަމަށް ހަމަ ގައިމުވެސް އެމީހުންގެ މެނިފެސްޓޯގައި ވެސް ވޭ،" ޢުމަރު ވިދާޅުވިއެވެ.
"އެވާހަކަ އަންނި، ނޫނީ ޖާބިރު ބުނި ނަމަ އަޅުގަނޑަކަށް އައިބެއް ނޫން. ނަމަވެސް އެ ވާހަކަ ޝައިޚު އިމްރާން ކިޔާ ބޭފުޅަކު ވިދާޅުވުމުން އަޅުގަނޑު ހައިރާންވަނީ. އެއީ ނަމުގެ ކުރިއަށް ފަލަ އަކުރުން އައްޝައިޚު އަންނާތީވެ،" ޢުމަރު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވުމަށްފަހު، ކެންޕެއިން ވެސް ކުރައްވަމުން ވަޑައިގަންނަވާ ޢުމަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތު، ހަވާލު ކޮށްފިއްޔާ މަރުގެ ޙުކުމް ތަންފީޒުކޮށް، ރާއްޖޭގައި އިސްލާމީ ޝަރީއަތް ޤާއިމު ކުރައްވާނީ އޭނާ ކަމަށެވެ.
ޢުމަރު ވިދާޅުވީ ގައުމުގައި މާރާމާރީ އާއި މީހުން މެރުމާ، ވައްކަމާއި ފޭރުން އިންތިހާ އަށް އިތުރުވެ، މުޖުތައުމު ނާމާންވެއްޓަކަށް ބަދަލުވެފައި މިވަނީ އިސްލާމީ ޝަރީއަތް ޤާއިމު ނުކުރާތީ ކަމަށެވެ.
އޭނާ ވިދާޅުވީ އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމުގެ މާނައަކީ ހަމައެކަނި މީހުންގެ އަތްފައި ބުރިކުރުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ދަރީން ތަރުބިއްޔަތު ކުރުމާއި މަދުރަސީ މާހައުލާއި އިސްލާމީ އަޚުލާގިއްޔާތުގެ މައްޗަށް އިސްލާމީ ޝަރީއަތް ވެސް ވަނީ ގުޅިލާމެހިފައިވާ ކަމަށް ވިދާޅުވިއެވެ.
"އަހަރެން ހޯމް މިނިސްޓަރުކަމުގައި ހުއްޓާ ސުޕްރީމް ކޯޓު މަރުހަލާ ނިމިގެން އެއްވެސް މީހަކު ނާދެ. އަދި ޢާއިލާއިން އެކަމަށް ހުއްދަދިން ނަމަ މަރުގެ އަދަބު ތަންފީޒު ކުރާނަން. ރައީސްކަން އަހަރެންނަށް ލިބޭ ދުވަހަކު، ރާއްޖޭގައި މިކަން ހިނގާނެ. އަދި ކުށްވެރީންނަށް ހައްގު އަދަބު ލިބި، އިންސާފު ގާއިމު ކުރާނަން،" ޢުމަރު ވިދާޅުވިއެވެ.
ދުނިޔޭގައި މަރުގެ އަދަބު ތަންފީޒުކުރާ ޤައުމުތަކުގައި އަމާންކަން ޤާއިމުކުރެވިފައިވާ ކަމަށާއި އެއީ ދެބަސް ވެވޭންނެތް ހަޤީގަތެއްކަން ވެސް ޢުމަރު ފާގަފަ ކުރެއްވިއެވެ.
"އިސްލާމީ ޝަރީއަތް ޤާއިމު ކުރުމުގެ މާނައަކީ ހަމައެކަނި މީހުންގެ އަތްފައި ކަނޑާ، ބޯ ބުރިކުރުމެއް ނޫން. އޭގެ އިތުރުން މައިބަފައިން، ދަރިން ތަރުބިއްޔަތު ކުރުމާ އަދި ޓީޗަރުން ދަރިވަރުންނަށް ހެޔޮގޮތް، ހެޔޮ މަގު ދައްކައިދިނުމާާ، އިސްލާމް ދީނުގައި ހުރި ހުރިހާ އަޚުލާގިއްޔާތެއް މުޖުތަމައުގައި ޤާއިމް ކުރުމަށް މަސައްކަތް ކުރާން އެބަޖެހޭ،" ޢުމަރު ވިދާޅުވިއެވެ.
މަރުގެ އަދަބަކީ ދޭނީތޯ ނުދޭނީތޯ، ބަހުސް ކުރުމުގެ ކުޑަވެސް ޖާގައެއް އޮތް ކަމެއް ނޫންކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެހެންކަމުން އެއީ އިންކާރު ނުކުރެވޭނެ ކަމެއް ކަމަށެވެ.
ޢުމަރު ނަސީރަކީ ރާއްޖޭގައި މަރުގެ އަބަދު ތަންފީޒުކޮށް، އިސްލާމީ ޝަރީއަތް ޤާއިމު ކުރުމަށް ގޮވައިލައި މީގެ 15 އަހަރު ކުރީން ފަށައިގެން ވެސް ވަކާލާތު ކުރައްވަމުން ވަޑައިގަންނަވައި ބޭފުޅެކެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ޢުމަރު ވަނީ މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި އެކަމާ ގުޅުވައިގެން އެތައް ބައެއްގެ ނުރުހުމާ ފާޑުކިޔުން ވެސް އޭނާއަށް އަމާޒުވިއެވެ.
ޢުމަރުގެ ހޯމް މިނިސްޓަރު ކަމުގައި މަރުގެ އަދަބު ދިނުމަށް ޓަކައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ޙުކުމް ތަންފީޒު ކުރާން ބޭނުންވާ މުހިއްމު ބައެއް ކަންކަން ކުރެވޭނެ އިންތިޒާމުތަކެއް މާފުށީ ޖަލުގައި ވެސް ހަމަޖެއްސިއެވެ. އެހެނަސް ރައީސް ޔާމީންފެ ފަސް އަހަރުގެ ދައުރު ނިމުނުއިރު ވެސް މަރުގެ ޙުކުމް ތަންފީޒު ކުރެވޭނެ ގޮތެއް ނުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚު އިމްރާން ވިދާޅުވެފައިވަނީ ރާއްޖޭގައި އަދިވެސް އޮތީ މަރުގެ ޙުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ ސިޔާސަތު ކަމަށެވެ.. އެމަނިކުފާނު ވިދާޅުވީ އެއީ މި ސަރުކާރުން އުފަން ކުރި ސިޔާސަތެއް ނޫން ކަމަށާއި ދެވަނަ ޖުމްހޫރިއްޔާގެ އެއްވެސް ސަރުކާރަކުން އެ ސިޔާސަތު ބަދަލު ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ވިސްނުމެއް މިސަރުކާރުގައި ވެސް ނުގެންގުޅޭ ކަމަށް ވިދާޅުވިއެވެ.