ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ތާއީދާއެކު ތިންވަނަ ދައުރަކަށް ފޮނަދޫ ދާއިރާއަށް ކުރިމަތި ލެއްވުމަށް އެދާއިރާގެ މިހާރުވެސް މެމްބަރުކަން ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނިންމަވައިފިއެވެ.
ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދުރޭ އަށް ރައީސް ޔާމީން ވަނީ މީގެ ކުރިން ޕްރައިމަރީ އަކާ ނުލައި ޕީޕީއެމްގެ ޓިކެޓް ދީފައެވެ. ނަމަވެސް ފަހުން އެޕަޓީން ވަކިވެ އޭނާ އަންނަނީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރި ވަމުންވެ.
އަދުރޭ މިރޭ "ސަން" އަށް ވިދާޅުވީ، ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވަނީ ކޮން ޕާޓީ އަކުންކަން އަދި ނުނިންމަވާ ކަމަށާއި ނަމަވެސް އެ ދާއިރާއަށް ކުރިމަތި ލައްވަނީ ރައީސް ޔާމީންގެ ތާއީދާ އެކު ކަމަށެވެ.
"ޕީއެންސި ރަޖިސްޓްރީ ވެއްޖެ ނަމަ ކުރިމަތި ލާނީ ޕީއެންސީގެ ނަމުގައި. އިންތިހާބާ ހަމައަށް ދާއިރު ޕީއެންސީ ރަޖިސްޓްރީ ނުވެއްޖެ ނަމަ އަމިއްލަ ގޮތުންވެސް ކުރިމަތި ލާންވެސް ޖެހިދާނެ. ހާލަތު ނިޔާކުރާ ގޮތަކުން އެނގޭނީ ކުރިމަތިލާނީ ކޮން ގޮތަކުންކަން،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮންމެ ގޮތެއް ވިޔަސް ފޮނަދޫ ދާއިރާއަށް މިފަހަރު އޭނާ ވާދަކުރައްވާނެ ކަމަށެވެ.
"މާތްﷲގެ އިރާދަފުޅުން ދެންވެސް އެދާއިރާގެ އިންތިޚާބު ކާމިޔާބު ކުރާނީ އަޅުގަނޑު،" ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވޭނެ ކަމާމެދު ކިހާ ޔަގީން ކަމެއް އެބަ އޮތްތޯ ދެންނެވުމުން އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވަނީ މިދިޔަ ހަފްތާގެ ތެރޭ އެޕާޓީ ރަޖިސްޓްރީ ކުރުމަށް 4،000 ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. ނަމަވެސް އަދި މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ ރެޖިސްޓްދީފައެއްނުވެއެވެ.