މެމްބަރު ލަތީފުގެ އިސްލާހަށް ރައީސް މައުމޫން ނުސީދާކޮށް ފާޑުވިދާޅުވެއްޖެ

ކުރީގެ ރައީސް މައުމޫން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ސަން ފައިލް ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ރައީސްކަން ކުރައްވާފައި ތިއްބަވާ ބޭފުޅުންނަށް މަޖިލިސް މެމްބަރުކަން ނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނަން ހުށާހަޅާ އިސްލާހަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުސީދާކޮށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދީއްދޫ ދާއިރާ މެމްބަރު އަބްދުލް ލަތީފު މުހައްމަދު ރޭ "ސަން" އަށް ވިދާޅުވީ، ރައީސްކަން ކުރައްވާފައި ތިއްބަވާ ބޭފުޅުން މަޖިލީހަށް ވާދަކުރުމަށް ތާއީދު ނުކުރައްވާ ކަމަށާއި އެ ބޭފުޅުންނަށް މަޖިލީހަށް ކުރިމަތި ނުލޭވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ރަސްމީކޮށް ހުށަހަޅުއްވާނެ ކަމަށެވެ.

ރައީސް މައުމޫން ސަރުކާރުގެ ޕަބްލިކް ވޯކްސް މިނިސްޓަރު ކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން އެ އިސްލާހާ ގުޅޭ ގޮތުން ކުރެއްވި ޓުވީޓެއް ރީ ޓުވީޓް ކުރައްވައި ރައީސް މައުމޫން ވިދާޅުވީ، ގާނޫނު ކުރިމަގައި އެންމެންނަކީ ވެސް ހަމަ ހަމަ ބައެއް ކަމަށެވެ.

"ޖިންސީ ކުލަ އަކަށް، އުފަން ރަށަކަށް އުމުރަކަށް ބެލުމެއް ނެތި ގާނޫނުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަ ވާން ޖެހޭ،" ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުން ތެރޭގައި ހިމެނޭ ރައީސް މައުމޫން ކުރެއްވި ޓުވީޓްގައި ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ލަތީފު އެފަދަ އިސްލާހެއް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ އިރު، ޖުމްހޫރީ ޕާޓީން ވަނީ އޭނާގެ އިސްލާހު އަނބުރާ ނެގުމަށް ގޮވާލައިފަ އެވެ.

https://www.sun.mv/114017

ލަތީފު އެފަދަ އިސްލާހެއް ހުށަހަޅުއްވަން ނިންމަވާފައި މި ވަނީ، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީ ޕްރައިމަރީގައި ވާދަކޮށް ކެންޕެއިން ވެސް ކުރައްވަމުން ގެންދަވަނިކޮށެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ކުރިމަތިލައްވާނެ ކަމާ މެދު އަދި ގޮތެއް ނުނިންމަވަ އެވެ. އެމަނިކުފާނު ވިދާޅުވަނީ ވަގުތު ޖެހުމުން ވާދަ ކުރައްވާނެ ކަމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

comment ކޮމެންޓް