ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހުނަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ބިލް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާ ނުކޮށް ކަމަށާއި އެހެން ކަމުން އެ ބިލް އަނބުރާ ނެގުމަށް އޭނާއަށް ދަންނަވާފައިވާ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ރިޔާޒު މިއަދު ކުރެއްވި ޓްވީޓެއެއްގައި ވިދާޅުވެފައި ވަނީ، އަބްދުއްލަތީފް ހުށަހެޅުއްވި ބިލްގެ ސަބަބުން ކޯލިޝަންގެ އެއް ލީޑަރު ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަސާސީ ހައްގެއް ގެއްލިދާނެ ފަދަ ކަމަކަށް ވާތީ އެ ބިލް އަނބުރާ ނެންގެވުމަށް ލަތީފަށް ދަންނަވާފައިވާ ކަމަށެވެ.
ޖޭޕީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު ލަތީފު ރޭ 'ސަން' އަށް ވިދާޅުވީ ރައީސްކަން ކޮށްފައިވާ މީހުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ އިސްލާހު މަޖިލީހަށް ހުށަހަޅުއްވާނީ މިއަދު ކަމަށެވެ.
ލަތީފު ވިދާޅުވީ، އެގޮތަށް އިސްލާހު ހުށަހަޅަނީ އެއީ ދައުލަތުން މިހާރު ވެސް އެބޭފުޅުންނަށް ޚަރަދު ކުރަމުންދާތީ ކަމަށެވެ. އަދި ޝަރަފާ އެކު ގައުމަށް ހިދުމަތް ކުރެއްވި ބަޔަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވުރެ ދަށް މަގާމަކަށް ކުރިމަތި ލުމަށް އޭނާ ބޭނުންނުވުމަކީ އެ އިސްލާހު ހުށަހަޅުއްވަން ނިންމެވި ސަބަބެއް ކަމަށް ލަތީފް ވިދާޅުވި އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓްގައި 19 ވަނަ ރައްޔިތުން މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާއަށް ކުރިމަތިލެއްވުމަށް ރައީސް ނަޝީދު ދަނީ އެޕާޓީ ޕްރައިމަރީގައި ވާދަކުރުމަށް ކެމްޕެއިން ކުރައްވަމުންނެވެ.
މީގެ އިތުރުން ރައީސް ޔާމީން މަޖިލީހަށް ކުރިމަތިލައްވާނެ ކަމާ މެދު އަދި ގޮތެއް ނުނިންމަވަ އެވެ. އެމަނިކުފާނު ވިދާޅުވަނީ ވަގުތު ޖެހުމުން ވާދަ ކުރައްވާނެ ކަމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.