ޕީޕީއެމްގެ ޓިކެޓް ދިނަސް ޑރ. ޝައިނީ ވާދަކުރައްވާނީ އަމިއްލަ ގޮތުން

ޕީޕީއެމުން މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ޝައިނީ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ މަޖިލީހަށް ކުރިމަތި ލައްވާނީ އަމިއްލަ ގޮތުން ކަމަށް ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އިދިކޮޅު ޕީޕީއެމްގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް ޓިކެޓް ދިން ނަމަވެސް އޭނާ ވާދަކުރައްވާނީ އަމިއްލަ ގޮތުން ކަމަށް ނިމިދިޔަ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ތާއިދު ކުރައްވާ ފަރާތްތަކަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް ޓިކެޓް ދެއްވިއިރު ޑރ. ޝައިނީއަށް ވަނީ ހެންވޭރު އުތުރު ދާއިރާގެ ޓިކެޓް ދެއްވާފަ އެވެ.

ނަމަވެސް ޓިކެޓް ދިން ފަހުން ޑރ. ޝައިނީ، ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްއާ ބައްދަލު ކުރައްވާފަ އެވެ. އަދި އެ މައްސަލާގައި ޕީޕީއެމްގެ ލީޑާޝިޕްގައި ހިމެނޭ ފަރާތްތަކުގެ އިތުރުން އާންމު މެންބަރުން ވަނީ ޑރ. ޝައިނީއަށް ފާޑު ކިޔާފައެވެ.

ޑރ. ޝައިނީ ރަސްމީކޮށް އިއްޔެ ކެމްޕެއިން ފަށާފައިވާއިރު، އޭނާ 'ސަން' އަށް ވިދާޅުވީ މަޖިލީހަށް ކުރިމަތިލާނީ އަމިއްލަ ގޮތުން ކަމަށެވެ.

"އެއްވެސް ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރުމުގެ ވިސްނުމެއް ނެތް. އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުން މިދަނީ،" ޑރ. ޝައިނީ ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހު މިވަގުތު އޮތް ގޮތުން އެއްވެސް ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ވިސްނުން މިވަގުތު ނެތް ކަން ޑރ. ޝައިނީ ވިދާޅުވިއެވެ.

comment ކޮމެންޓް