އުނގަދޫވާ ގޮތަށް ބަހައްޓާފައި ހުރި ޕެލެެޓުތައް ނަގަން ފަށައިފި

މާލޭގެ މަގުތަކުގައި އާންމު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ބަހައްޓާފައި ހުރި ޕެލެޓުތައް ނަގަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ މަގުތަކުގައި އާންމު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ބަހައްޓާފައި ހުރި ޕެލެޓުތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މެންބަރު ހުސެއިން ޝަރީފް މިއަދު "ސަން"އަށް ވިދާޅުވީ ފުލުހުންނާ ގުޅިގެން ޕެލެޓުތައް ނެގުމުގެ މަސައްކަތް ކުރަމުން ދަނީ، ޕެލެޓުތަކުގެ ސަބަބުން އާންމުނަށް އުނދަގޫވާތީ ކަމަށާއި އަދި ބައެއް ހާލަތްތަކުގައި މީހުންނަށް އަނިޔާވެ، ގެއްލުންވާ ކަމުގެ ޝަކުވާ ވެސް ގިނަ ކަމުން ކަމަށެވެ.

"ހަމަ އެކަނި ނުނަގާނެ ތަންތަނަށް މިއަދު ހުންނާނީ ކްލިނިކުތަކާއި ގަރާޖުތަކާއި ޕޭވްމަންޓެއް ނެތް ތަންތަން. މިސާލަކަށް އެ މީހުންނަށް ގެއިން ނުނިކުމެވޭނެ ޕޭވްމެންޓެއް ނެތިއްޔާ، އެކަހަލަ ތަންތަން،" އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިހާރު ޕެލެޓުތައް ނެގި ނަމަވެސް، ބެލެޓުތައް ބެހެއްޓުމާ ގުޅޭ އުސޫލެއް އެކުލަވާލައި، ކްލިނިކުތަކާއި ގަރާޖުތައް ފަދަ ތަންތަނުން އެދޭ ގޮތަށް ޕެލެޓު ބެހެއްޓުމުގެ ހުއްދަ ދެވޭނެ ކަމަށެވެ.

މާލޭގެ މަގެއްގައި ބަހައްޓާފައި ހުރި ޕެލެޓެއް -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

މިހާރު ގަވާއިދުގައި އޮންނަ ގޮތުން މާލޭގެ މަގުމަތީގައި ޕެލެޓު ބެއްޓުމަކީ މަނާކަމެއް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ހުސެއިން ޝަރީފް ވިދާޅުވި ގޮތުގައި މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި ޕެލެޓުތަކުން އާންމުންނަށް އަނިޔާވާ ކަމުގެ ޝަކުވާ ވެސް ވަނީ ލިބިފަ އެވެ. އެގޮތުން ފީވެފައި ހުންނަ ޕެލެޓެއްގެ މައްޗަށް ބައެއް މީހުން އެރުމުން، އޭގެ ތެރެއަށް ފައި ވަދެ ތަންތަން ކަނޑައިގެން ގޮސްފައި ވެސް އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް