ލޭބަރ ޕާޓީ އުފަައްދަން ބޭނުންވާ އާންމު ޖަލްސާ މިރޭ ބާއްވަނީ

އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ އެމްއެލްއެސްޑީޕީ އަށް ދިނުމުގެ ތެރެއިން--

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުފެއްދުމަށް ބާއްވަން ޖެހޭ ފުރަތަމަ އާންމު ޖަލްސާ މިރޭ ބާއްވަން ނިންމައިފިއެވެ.

އެމްއެލްއެސްޑީޕީ އުފައްދަން ބާއްވާ އާންމު ޖަލްސާ ބާއްވާނީ މިރޭ 20:00ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ. އެ ޖަލްސާގައި ޕާޓީގެ ހިންގާ ގަވާއިދާއި، ޕާޓީގެ ލޯގޯއާއި ވަގުތީ ހިންގާ ކޮމިޓީ ފާސް ކުރާނެއެވެ.

އެމްއެލްއެސްޑީޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ ގާނޫނީ ވަކީލް އަބްދުﷲ ހަސީން އަށެވެ. އެ ޕާޓީން 3000 ފޯމު ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނީ ޑިސެމްބަރު 19 ވަނަ ދުވަހުއެވެ.

ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭއްވޭ އާންމު ޖަލްސާ ބޭއްވުމަށް ހުއްދަ ދެވޭތާ ތިން މަސް ދުވަހުގެ ތެރޭގައި އެ އާންމު ޖަލްސާ ބާއްވަން ޖެހޭނެއެވެ. އަދި ޖަލްސާ ބޭއްވުމުގެ ތިން ދުވަސް ކުރިން އީސީއަށް އަންގަންވާނެއެވެ. އެ ކޮމިޝަނުން އެ ޖަލްސާ މޮނިޓާ ކުރާނެއެވެ. އޭގެ އިތުރުން އެ ޖަލްސާ ބާއްވާކަން އާންމުކޮށް އަންގާ ހުރިހާ މީޑިއާތަކަށް އިއުލާނު ކުރަން ޖެހޭނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު އޮތީ ހަތް ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި، އެމްޑީޕީއާއި، އެމްޑީއޭއާއި ޖުމްހޫރީ ޕާޓީއާއި ޑީއާރުޕީއާއި އަދާލަތު ޕާޓީ އަދި އެމްޓީޑީއެވެ.

comment ކޮމެންޓް