ތިލަފުށި، ގުޅީފަޅު، ވިލިމާލެ އަދި މާލެ ގުޅާލަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ތިލަފުށި، ގުޅީފަޅު، ވިލިމާލެ އަދި މާލެ ގުޅުވާލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި--- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މާލެއަށް ދިމާވެފައިވާ ބޯހިޔާވެހި ކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިލަފުށި، ގުޅީފަޅު، ވިލިމާލެ އަދި މާލެ ގުޅުވާލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓެއްގެ ކެމްޕެއިން ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މާލެއަށް މިވަގުތު އެންމެ ބޭނުން ވަނީ ބޯހިޔާވަހިކަމަށް ހައްލެއް ކަމަށާއި އެ ވައުދު މި ސަރުކާރަށް ފުއްދޭނެ ކަމަށެވެ.

އެގޮތުން ވެށިފަހި މާލެ ޕްރޮގްރާމްގެ ތެރެއިން ތިލަފުއްޓާއި ގުޅީ ފަޅާއި ވިލިމާލެ އަދި މާލެ-ހުޅުމާލެ ގުޅާލުމަށް ވިސްނާފައި އޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެނަށް ފެންނަ ފެނުމުގައި ކުރިއްސުރެ ގިރާވަރު ކަނޑާ ހަމައަށް ގުޅާލެވޭ މަގެއްގައި މާލޭގެ ރައްޔިތުންގެ އަދި މި މާލޭގެ ތޮއްޖެހުން ފިލުވޭނެ،" ނަޝީދު ވިދާޅުވި އެވެ.

ތިލަފުއްޓާއި ގުޅީފަޅާއި ވިލިމާލެ އަދި މާލެ ގުޅުވާލުމުގެ ސިޔާސަތެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ގެންގުޅުއްވި އެވެ. އަދި އެ މަޝްރޫއަށް ރައީސް ޔާމީންގެ ސަރުކާރުން ދިން ނަމަކީ ވިލިމާލެ 2 އެވެ. އެ މަޝްރޫއުގެ ދަށުން ގޯއްޗަށް އެދުމުގެ ފުރުސަތު ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް ރައީސް ޔާމީންގެ ސަރުކާރުން ހުޅުވާލި އެވެ. ކިޔުގައި ޖެހިގެން އެތައް ބަޔަކު ވަނީ ގޯއްޗަށް އެދުމުގެ ފޯމް ނަގައި ފުރިހަމަކޮށް ހުށަހަޅައިފަ އެވެ.

އަދި މާލެ އަތޮޅު ފުށިދިއްގަރު ފަޅު ހިއްކައި ބޭނުން ކޮންމެ މީހަކަށް އެތަނުން 1000 އަކަފޫޓުގެ ގޯތި ދޫކުރުމުގެ ސިޔާސަތެއް ވެސް ރައީސް ޔާމީން ސަރުކާރުން ކަނޑައެޅުއްވި އެވެ.

https://sun.mv/109460

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ މަޝްރޫއު ހުއްޓާނުލައި ކުރިއަށްދިޔުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އޭރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

އަދި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން މީހުން މާލެ އައުމުގެ ދައުވަތު ވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ރައްޔިތުންނަށް ދީފަ އެވެ.

ނަމަވެސް ރައީސް ނަޝީދުގެ އެކަމާ ދެކޮޅެވެ. އެމަނިކުފާނު މިރޭ ވިދާޅުވީ މާލެ ސަރަހައްދު ގުޅުވާލި ނަމަވެސް މާލެ އަށް އިތުރަށް މީހުން ތޮއްޖައްސަން ނުވާނެ ކަމަށެވެ. ރައީސް ނަޝީދު ބޭނުންފުޅުވަނީ ތިލަފުށި، ގުޅީފަޅު، ވިލިމާލެ އަދި މާލެ ގުޅުވާލައިގެން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށެވެ.

comment ކޮމެންޓް