ވިލިމާލޭ-2 އިން ބޯހިޔާވަހިކަން ހޯދުމަށް ހަތް ދުވަސް ތެރޭ 5222 ފޯމް ނަގައިފި: މުއިއްޒު

މުއިއްޒު: އޭނާ ވިދާޅުވީ ވިލިމާލެ-2 މަޝްރޫއިން ބޯހިޔާވަހިކަން ހޯދުމަށް 5222 މީހުން ފޯމް ނަގާފައިވާ ކަމަށް -- ފައިލް ފޮޓޯ/ ރައީސް އޮފީސް

ވިލިމާލެ-2 ނުވަތަ "ހިޔާ އެކޮމްޕްލިޝްޑް" މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހަތް ދުވަހުގެ ތެރޭގައި 5222 މީހުން ފޯމް ނަގާފައިވާ ކަމަށް ގެދޮރާ ބެހޭ ވަޒީރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅަށް ރައީސް އަބްދުﷲ ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ވިލިމާލެ-2ގެ މަޝްރޫއަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ވާނެ ޕްރޮޖެކްޓެއް ކަމަށާއި އަދި އެކަން ރައްޔިތުން ވެސް ގަބޫލުކުރާ ކަމަށެވެ.

ރައީސް ޔާމީންގެ ވައުދުތަކަށް ރައްޔިތުން އިތުބާރުކުރާ މިންވަރު އެގިގެން ދަނީ ވިލިމާލެ-2ގެ މަޝްރޫއަށް އޮތް ތަރުހީބުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަދި މިވީ ހަތް ދުވަސް. ހަތް ދުވަސް ވީ އިރު އިއްޔެގެ ނިޔަލަށް 5222 މީހުން ފޯމް ނަގައިފި. 5222 ފޯމް އިއްޔެގެ ނިޔަލަށް ނެގީމަ ގައިމު ރައްޔިތުންތަކަކަށް ޔަގީންކަން އެބައޮތް ރައީސް ޔާމީން އެކަންތައް ކޮށްދެއްވާނެ ކަން މީހުން،" މުއިއްޒު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި އެހާ ބޮޑު މަޝްރޫއެއް ހިންގަނީ ހަމަ އެކަނި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދީ މާލެ ތަރައްގީ ކުރުމަށް ނޫންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބްތަކުގައި ބިން ހިއްކުމުން ދަނީ އެ ސަރަހައްދުތަކުން ގޯތި ބޭނުންވާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދީ މުޅި ރާއްޖެ އެކީ އެކަށްޗަކަށް ތަރައްގީ ކުރުމަށް ކަމަށެވެ.

ގެދޮރާ ބެހޭ ވަޒީރު މިއަދު ވަނީ އިދިކޮޅުން ގެންގުޅޭ ބޯހިޔާވަހިކަމުގެ ސިޔާސަތައް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އިދިކޮޅުގެ މެނިފެސްޓޯގައި އޮތީ އެ މީހަކު ބޭނުން ތަނަކުން ގޯތި ލިބޭނެ ކަމަށް ލިޔެފައި ކަމަށް މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި އެއީ ވައުދެއް ނޫން ކަމަށާއި އެއީ ހަމަޖެހޭ ވާހަކައެއް ވެސް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ވިލިމާލެ-2 މަޝްރޫއު ރައީސް ޔާމީން އިއުލާން ކުރެއްވުމުން އެކަމަށް ޖަވާބެއް ދޭން ޖެހޭނެ ކަމަށް ގަބޫލުކުރެވޭތީ އެބަކިޔާ މާލޭގެ ހުރިހާ ރައްޔިތުންނަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަން ހޯދައިދުނުމަށް މަސައްކަތް ކުރާނަމޭ،" މުއިއްޒު ވިދާޅުވި އެވެ.

ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުގެ ދަށުން ވިލިމާލެ - 2 ތަރައްގީ ކުރަން ނިންމައި އެކަން ރައީސް ޔާމީން އިއުލާނު ކުރެއްވީ މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ. އެ މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަންނަން މިއަދު ފަށާފައިވާ އިރު އަންނަ އަހަރުގެ ޖެނުއަރީ 31ގެ ނިޔަލަށް ފުރުސަތު އޮންނާނެ އެވެ. އެ މުއްދަތުގައި ފްލެޓަށް އެދޭ އަދި ގޯއްޗަށް އެދޭ ފޯމު ދޫކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 1000 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެގޮތުން ގުޅީފަޅުން 230 ހެކްޓަރު އަދި އެނބޫދޫ ފަޅާ އިންވެގެން އޮންނަ ފުށިދިއްގަރު ފަޅުން 800 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް