ގަވައިދާ ހިލާފަށް ރުއް ގަސް ކެނޑިކަމަށް ބުނެ ށ. ޅައިމަގު ކައުންސިލް ޖޫރިމަނާކޮށްފިއެވެ.
އެންވާރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ބަދަލުނެގުމުގެ ގަވައިދުގެ ދަށުން ޅައިމަގު ކައުންސިލްއިން ގަވައިދާ ހިލާފަަށް ރުއްގަސްތައް ނަގައިފައިވާތީވެ، އެ ކައުންސިލް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އީޕީއޭއިން ކުރިން ވަނީ އެ އޭޖެންސީން ޅައިމަގުން ރުއްގަސް ނަގަން ހުއްދަ ދިން މިންވަރަށް ވުރެ ގިނައިން ރުއްގަސް ނެގި މައްސަލައިގައި އެ ރުއްތަށް އަލުން އިންދުމަށްވެސް އަންގައިފައެވެ.
ދާދި ފަހުން ދ. ރިނބުދޫ ކައުންސިލްވެސް ވަނީ ރުއްގަސް ގަވައިދާ ހިލާފަށް ކެނޑިކަމަށް ބުނެ އެ ކައުންސިލް ޖޫރިމަނާކޮށްފައެވެ.
ގަވައިދާ ހިލާފަށް ރުއްގަސް ކަނޑައި އެކި ރިސޯޓްތަކަށް ގެންދޭކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށް އީޕީއޭއިން ބުނެއެވެ.
އީޕިއޭއިން ބުނީ އެކި އެކި ކައުންސިލްތަކުން އެކި އެކި ޕްރޮޖެކްޓްތަކުގެ ނަމުގައި ކަމަށްބުނެ ރުއްގަސް ނަގައި ހަދާ ކަމަށެވެ. އަދި މިހާރު އީޕީއޭއިން ރުއްގަސް ކަނޑަން ހުއްދަ ދެނީ އެ ޕްރޮޖެކްޓްތައް ވަރަށް ބޮޑަށް ބެލުމަށްފަހު ކަމަށެވެ.
ދާދިފަހުން ނުވަ ރަށަކުން ގަވައިދާ ހިލާފަށް ރުއްކެނޑާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް އީޕީއޭ އިން ބުނެ އެވެ. އޭގެ ތެރޭގައި ށ. ޅައިމަގުގެ އިތުރުން ށ. މާކަނޑުދު އާއި މިލަންދޫ ދ. ބަނޑިދޫ، ބ. ފުޅަދޫ، ދ. އުއްދޫ، ގދ. ފަރެސްމާތޮޑާ ކައިރީ އޮންނަ ފަޅުރަށަކާއި ރ. ރަސްގެތީމް، ބ. މާމަޑުއްވަރި، ނ. މާފަރު ހިމެނޭކަމަށް އީޕީއޭ އިން ބުންޏެވެ.