ސީބީއައިގެ ވެރިޔާގެ މަގާމު އިންޑިއާގެ ސުޕްރީމް ކޯޓުން އިޔާދަކޮށްފި

އަލޮކް ވަރުމާ (ކ) އާއި އޭނާގެ ޑެޕިއުޓީ ރާކޭޝް އަސްތާނާ ވަނީ އެކަކު އަނެކަކަށް ކޮރަޕްޝަނުގެ ތުހުމަތުކޮށްފަ -- ފޮޓޯ: ގެޓީ

ދިއްލީ (ޖެނުއަރީ 9): އިންޑިއާގެ ސަރުކާރުން ސަސްޕެންޑު ކުރި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)ގެ ވެރިޔާ އަލޮކް ވަރުމާގެ މަގާމު އެގައުމުގެ ސުޕްރީމް ކޯޓުން އިޔާދަކޮށްފި އެވެ.

މިދިޔަ އޮކްޓޯބަރު މަހު ވަރުމާ އާއި އޭނާގެ ޑެޕިއުޓީ ރާކޭޝް އަސްތާނާ މަގާމުން ސަސްޕެންޑު ކުރީ އެދެ މީހުން އެކަކު އަނެކެއްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރި ފަހުންނެވެ.

އެގޮތުން ވަރުމާ ވަނީ، ސީބީއައި އިން ތަހުގީގު ކުރަމުން ދިޔަ މީހެއްގެ އަތުން އަސްތާނާ 409،000 ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކުރައްވައިފަ އެވެ. ނަމަވެސް އަސްތާނާ ވަނީ އެއީ ދޮގު ތުހުމަތެއް ކަމަށް ވިދާޅުވެފަ އެވެ. އަދި 283,660 ޑޮލަރުގެ ރިޝްވަތު ނެންގެވީ ވަރުމާ ތުހުމަތު ކުރައްވައިފަ އެވެ.

ވަރުމާގެ ސަސްޕެންޝަނާ ގުޅިގެން އޭނާ ހުށަހެޅި މައްސަލައާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ނިންމީ ސަރުކާރަށް އޭނާ ސަސްޕެންޑު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ވަރުމާ އާއި އަސްތާނާގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލާ ނުނިމެނީސް، ވަރުމާއަށް ބޮޑެތި ސިޔާސަތުތަކާ ގުޅުން ހުރި އެއްވެސް ނިންމުމެއް ނުނިންމޭނެ ކަމަށް ބުނެފަ އެވެ.

އިދިކޮޅު ޕާޓީތަކުން ވަނީ ސުޕްރީމް ކޯޓުގެ އެނިންމުމަށް މަރުހަބާ ކިޔާފަ އެވެ. އެގޮތުން މައި އިދިކޮޅު ޕާޓީ ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވަނީ ވަރުމާ މަގާމުން ދުރު ކުރީ ސަރުކާރާ ގުޅުން ހުރި ކޮރަޕްޝަނުގެ މައްސަލައެއް ސީބީއައި އިން ބަލާތީ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް