އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން ތުރުކީއަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި އޭނާ އާ ބައްދަލުކުރެއްވުމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ދެކޮޅު ހެއްދެވުމުން ބޯލްޓަން ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ތުރިކީން ފުރާވަޑައިގެންފައެވެ.
ބޯލްޓަން ތުރުކީއަށް ވަޑައިގެންނެވީ ސޫރިޔާއިން އެމެރިކާ ސިފައިން ބޭލުމުގެ ކުރިން ސޫރިޔާގެ ކުރުދީ ޖަމާއަތްތައް ތުރުކީގެ ހަމަލާތަކުން ސަލާމަތް ކުރުމުގެ ގެރެންޓީ ހޯދުމަށްޓަކައި އުރުދުޣާން އާ ބައްދަލުކުރެއްވުމަށް ކަމަށްވިޔަސް އުރުދުޣާން ވަނީ ބޯލްޓަންދެކެ ކޯފާވެގެން އޭނާއާ ބައްދަލުކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ. މިއީ އެމެރިކާގެ މަތީފެންވަރުގެ މަސްއޫލުވެރިއަކަށް ތުރުކީން ކުރި އިހާނާތެއްކަމަށް އެމެރިކާގެ މީޑޔާތަކުންނާއި އިސްރާއީލުގެ މީޑީޔާ ތަކުންވަނީ ސިފަކޮށްފައެވެ.
އެމެރިކާ ސޫރިޔާއިން ފައިބާނީ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކަށް ހަމަލާ ނުދޭނެކަމުގެ ގެރެންޓީ ތުރުކީ ސަރުކާރުން ދިނުމުން ކަމަށް ވިދާޅުވެ ޖޯން ބޯލްޓަން އިސްރާއީލުގައި ދެއްވި ބަޔާނަށް އުރުދުޣާން ވަނީ ފާޑުވިދާޅުވެ ވަރަށްބޮޑަށް ކޯފާވެ ނުރުހުން ފާޅުކުރައްވާފައެވެ. އެމެރިކާ ވާގިވެރިވާ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކަކީ ތުރުކީ ދެކޭގޮތުގައި ހަނގުރާމަކޮށް ބަލިކުރަންޖެހޭ ޓެރަރިސްޓް ޖަމާއަތްތަކެކެވެ. އެހެންކަމުން މިޖަމާއަތްތަކަށް ހަމަލާނުދޭނެ ކަމުގެ ގެރެންޓީ ތުރުކީން ދިނުމަކީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ނުކުރާނެކަމުގެ ގެރެންޓީ ދިނުންފަދަ ކަމެއްކަމަށާ މިއީ ދައްކަންވެސްޖެހޭ ވާހަކައެއް ނޫންކަމަށް ވިދާޅުވެ އުރުދުޣާންވަނީ ބޯލްޓަންދެކެ ވަރަށް ބޮޑަށް ކޯފާވެ އޭނާއަށް ފާޑުވިދާޅުވެ ބައްދަލުކުރައްވަން ދެކޮޅު ހައްދަވާފައެވެ.
ސޫރިޔާގެ އުތުރުން އެމެރިކާ ސިފައިން ބޭލުމަށް ޓްރަމްޕް ނިންމެވީވެސް އުދުޣާންގެ ފޯންކޯލަކާ ގުޅިގެން މިދިޔަ ޑިސެމްބަރުމަހުއެވެ. އެފޯންކޯލްގައި އުރުދުޣާންއަށް ދޫދެއްވައި އެމެރިކާ ސިފައިން ސޫރިޔާއިން ބާލަން ކުއްލިގޮތަކަށް ޓްރަމްޕް ނިންމެވި ނިންމެވުމުގެ ފަހަތުގައިވާ ހަގީގީ ސަބަބުތައް އަދިވެސްވަނީ ނޭންގުމެއްގެ ތެރޭގައެވެ. ބޯލްޓަންގެ އިތުރުން މިހާރު މެދުއިރުމައްޗަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވެސްވަނީ އެމެރިކާ ސޫރިޔާއިން ފައިބާނީ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކަށް ހަމަލާ ނުދޭނެކަމުގެ ގެރެންޓީ ތުރުކީ ސަރުކާރުން ދިނުމުން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އެމެރިކާ އެހީވާ ސޫރިޔާގެ ކުރުދީ ޖަމާއަތްތައް ތުރުކީގެ ކިބައިން ސަލާމަތް ކުރުމުގެ ވާހަކަތައް އެމެރިކާގެ މަސްއޫލުވެރިން ދައްކަވަން ފައްޓަވާފައި މިވަނީ އެމެރިކާ ސިފައިން ސޫރިޔާއިން ބޭލުމަށް ޓްރަމްޕް ނިންމެވިފަހުންނެވެ. އެހެންކަމުން މިހާރުވމިވަނީ މިމައްސަލާގައި ތުރުކީއާއި އެމެރިކާއާ ދެމެދު އަނެއްކާވެސް ކުރީގެ މައްސަލަތައް އަލުން އުފެދިފައެވެ. އުރުދުގާން އާއި ޓްރަމްޕްގެ އެއްބަސްވުން ޚަރާބުވެފައެވެ. އުރުދުޣާންވަނީ އެމެރިކާ ސިފައިން ސޫރިޔާއިން ފޭބިނަމަވެސް އަދި ސޫރިޔާގައި ތިބި ނަމަވެސް އެމެރިކާގެ މަދަދުލިބޭ ސޫރިޔާގެ ކުރުދީ ޖަމާއަތްތައް ބަލިކޮށްލުމަށްޓަކައި އެމީހުންނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަން ފަށާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އެހެންކަމުން އެމެރިކާގެ ނުރުހުނު ކަމުގައިވިޔަސް ތުރުކީން ސޫރިޔާގެ ކުރުދީ ޖަމާއަތްތައް ހިމާޔަތެއް ނުކުރާނެއެވެ. ނަމަވެސް ސުވާލަކީ އެމެރިކާ ރުޅިއަރުވާލާފައި އެމެރިކާ ސިފައިން ތިއްބައި ސޫރިޔާގެ ކުރުދީންނަށް ހަމަލާތައް ދޭން ފަށަން ތުރުކީއަށް ކެރިދާނެ ކަމުގެ ސުވާލެވެ. އަނެއް ސުވާލަކީ މިމައްސަލާގައި ހިތްހަމަނުޖެހިގެން އެމެރިކާ ސިފައިން ސޫރިޔާއިން ބޭލުމުގެ ކަންތައް ޓްރަމްޕް ހުއްޓާލައްވަފާނެ ބާވައެވެ؟
ތުރުކީންވަނީ އެމެރިކާ ސިފައިން ސޫރިޔާއިން ފޭބުމަށްފަހު ސޫރިޔާގައިވާ އެމެރިކާގެ އަސްކަރީ ބޭސްތައް ހަލާކުކުރުން ނޫނީ އެ ބޭސްތައް ތުރުކީއާ ހަވާލުކުރުން މިދެގޮތުންކުރެ ގޮތެއްނޫނީ ގަބޫލުނުކުރާނެ ކަންވެސް ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަންއަށް އަންގާފައެވެ. މިއީވެސް އެމެރިކާއަށް ގަބޫލުކުރަން ފަސޭހަ ކަމަކަށްނުވާނެއެވެ.
ޓްރަމްޕަށްވަނީ އުރުދުޣާންގެ ފިއްތުންތަކާ ގުޅިގެން އެމެރިކާ ސިފައިން ސޫރިޔާއިން ބޭލުމަށް ނިންމެވުމާއެކު އެމެރިކާގެ އެތެރޭންނާއި ކުރުދީ ޖަމާއަތްތަކުން ފަރާތުން ބޮޑެތި ފިއްތުންތަކަކާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ. މި ފިއްތުންތަކަށް އިޖާބަ ދިނުމުގެ ގޮތުން ޓްރަމްޕްވަނީ އެމެރިކާ ސިފައިން ސޫރިޔާއިން ބޭލުމުގެ ކަންތައް ތަންފީޒުކުރާނީ މަޑުމަޑުން ކަމަށާ އެކަމަށް މުހުލަތެއް ކަނޑައަޅާފައި ނުވާކަމަށް ހޯމަ ދުވަހު ވިދާޅުވެފައެވެ. އަދި މި ފިއްތުންތައް ކުޑަކުރުމާއި ސޫރިޔާގެ ކުރުދީން ރުއްސުމަށްޓަކައި ބޯލްޓަންއާއި ޕޮމްޕެއޯ ފަދަ އެމެރިކާގެ މަސްއޫލުވެރިންވަނީ އެމެރިކާ ސޫރިޔާއިން ފައިބާނީ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކަށް ހަމަލާ ނުދޭނެކަމުގެ ގެރެންޓީ ތުރުކީ ސަރުކާރުން ދިނުމުން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަން ފައްޓަވާފައެވެ. މިކަމުގެ ސަބަބުން އަނެއްކާ ތުރުކީއާއި އެމެރިކާގެ ގުޅުންތައް މިވަނީ ގޯސްވެ ކުރީގެ ހާލަތަށް ރުޖޫއަވެފައެވެ.