އދ.ގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ގުއާޓަމާލާ ވަކިވަނީ

އދ.ގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ރައީސް މޮރާލޭސްއާ ގުޅުން ހުރި މައްސަލަތަކެއް ބަލާފަ -- ފޮޓޯ: ގެޓީ

ގުއާޓަމާލާ ސިޓީ (ޖެނުއަރީ 8): ގުއާޓަމާލާގެ ރައީސް ޖިމީ މޮރާލޭސްގެ އަރިސް ފަރާތްތަކާއި ސަރުކާރުގެ އޮފިޝަލުންގެ މައްސަލަ ބަލާފައި ވާތީ އެ މައްސަލަ ތަހުގީގު ކުރި އދ.ގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެގައުމު ވަކިވާން ނިންމައިފި އެވެ.

ގުއާޓަމާލާގެ ފޮރިން މިނިސްޓަރު ސަންޑުރާ ޖޮވެލް ވަނީ އެކޮމިޝަނުގެ މެމްބަރުން އެގައުމު ދޫކޮށް ދިޔުމަށް 24 ގަޑިއިރުގެ މުހުލަތެއް ދެއްވާފަ އެވެ.

އދ.ގެ އިންޓަނޭޝަނަލް ކޮމިޝަން އެގެންސްޓް އިމްޕިއުނިޓީ އިން ގުއާޓަމާލާ (ސީއައިސީއައިޖީ)އިން ވަނީ އެގައުމުގެ ގިނަ އަދަދެއްގެ އިސް އޮފިޝަލުންނާ ދެކޮޅަށް ކޮރަޕްޝަނުގެ މައްސަލަތައް ބެލުމުގައި އެގައުމުގެ ޕަބްލިކް ޕްރޮސިކިއުޓާސް އޮފީހަށާއި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އޭގެ ތެރޭގައި ރައީސް މޮރާލޭސް އާއި އޭނާގެ އާއިލާގެ މެމްބަރުން ވެސް ހިމެނެ އެވެ. ސީއައިސީއައިޖީން ތުހުމަތު ކުރާ ގޮތުގައި މޮރާލޭސްގެ ޕާޓީން ވަނީ 2015 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން ތެރޭގައި ގަވާއިދާ ހިލާފަށް ފައިސާ އެއްކޮށްފަ އެވެ.

އެމައްސަލަ ބެލުމަށް އެކޮމިޝަނުން ވަނީ މޮރާލޭސްއަށް ދީފައިވާ ގާނޫނީ ރައްކާތެރިކަން އުވާލަން ގޮވާލާފަ އެވެ. ނަމަވެސް ގުއާޓަމާލާގެ ޕާލިމެންޓުން ވަނީ އެގޮވާލުމަށް އިޖާބަ ދޭން ދެކޮޅު ހަދާފަ އެވެ.

comment ކޮމެންޓް