ނައިބު ރައީސް ފައިސަލް ނަސީމް ހިލާލީ ގެއަށް ބަދަލުވެވަޑައިގެންފި

ހިލާލީގެ ކައިރީގައި ސިފައިންގެ މީހަކު ފާރަޔަށް:

ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް، ހިލާލީ ގެއަށް ދިރިއުޅުން ބަދަލު ކުރައްވައިފި އެވެ.

އެމަނިކުފާނު އާއިލާއާ އެކު ހިލާލީ ގެއަށް ދިރިއުޅުން ބަދަލު ކުރައްވާފައި ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގަ އެވެ.

މަގާމުގެ ހުވާ ކުރެއްވިތާ ދެ މަސް ފަހުން ފައިސަލް ހިލާލީ ގެޔަށް ބަދަލުވެވަޑައިގެންފައިވާ އިރު، އެމަނިކުފާނު މީގެ ކުރިން އެ ގެޔަށް ބަދަލުވެވަޑައިނުގަނެ މަޑުކުރެއްވީ އެ ގެ މަރާމާތުކޮށް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔައީތީ އެވެ.

މިއަހަރަށް ފާސް ކުރި ބަޖެޓުގައިވާ ގޮތުން ނާއިބު ރައީސްގެ ރަސްމީ ގެކޮޅަށް މި އަހަރު ހަރަދު ކުރާން ނިންމާފައި ވަނީ 2.5 މިލިއަން ރުފިޔާ އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވެސް ހިލާލީގޭގައި ދިރިއުޅުއްވި އެެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި ޑރ. ޖަމީލް ވެސް އެ ގޭގައި ދިރިއުޅުއްވި އެވެ. އަދި ކުރީގެ ރައީސް ޑރ. ވަހީދު ވެސް މީގެ ކުރިން އެ ގޭގައި ދިރިއުޅުއްވި އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު