ޒިނޭ ކުރި މީހަކު ރަޖަމް ކުރަން ނައިފަރު ކޯޓުން ހުކުމް ކޮށްފި

ނައިފަރު

ޒިނޭކުރިކަން ސާބިތުވި މީހަކު ރަޖަމް ކުރަން ނައިފަރު މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކުރީ ނައިފަރު ކޯޓުގެ ގާޒީ ޝައިހު މުހައްމަދު މޫސާ އެވެ.

މުހައްމަދު މޫސާ އަކީ ނައިފަރު ކޯޓުގައި މަސައަކަތް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ބޭފުޅެކެވެ. މުހައްމަދު މޫސާ އަކީ މިސްރުން ދީނީ ތައުލީމު އުނގެނިވަޑައިގެން ހުންނެވި ޝެއިހެކެވެ.

އެނގިފައިވާ ގޮތުން އަދަބާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދައުލަތުން އެދިފައި ވަނީ އެމީހާއަށް އަދަބެއްގެ ގޮތުން 100 އެތިފަހަރުން ހައްދު ޖެހުމާ އެކު ގޭބަންދުގައި ބެހެއްޓުމަށެވެ.

އެމައްސަލައަކީ ނިހާއީ ހުކުމެއްކަން ސާބިތު ކުރަން ޖެހޭ ޖިނާއީ މައްސަލައަކަށް ވާތީ އެ މައްސަލަ އޮޓޯއިން އިސްތިއުނާފަށް ދާނެ އެވެ. އެއީ ސުޕްރީމް ކޯޓޫން އާންމުކޮށްފައިވާ އުސޫލާ އެއްގޮތަށެވެ.

މީގެ ތިން އަހަރު ކުރިން ގއ. ގެމަނަފުށީ ކޯޓުން ވެސް ވަނީ ޒިނޭގެ ކުށް ސާބިތުވި މީހަކު ރަޖަމް ކުރަން ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ހުކުމް ކުރިތާ ގަޑިއެއްގެ އިރު ނުވަނީސް ސުޕްރީމް ކޯޓުން އޭރު ވަނީ އެ ހުކުމް ބާތިލުކޮށްފަ އެވެ. ސުޕްރީމް ކޯޓުން އޭރު އެ މައްސަލަ ބާތިލު ކުރީ ޝަރުއީ އަދި ގާނޫނީ އުސޫލާ ހިލާފަށް ކުރި ހުކުމެއް ކަމަށް ބުނެ އެވެ.

ގާނޫނުލް އުގޫބާތުގެ 1205 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތަސް އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް އިސްލާމީ ޝަރީއަތުގައި ބުނާ މިންގަނޑަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެއްޖެ ނަމަ އެ މީހަކަށް ދޭންޖެހޭނީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ކަމަށެވެ. ނަމަވެސް އެފަދަ އަދަބެއް ތަންފީޒު ކުރަންޖެހޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް އެ މާއްދާގައިވެ އެވެ.

comment ކޮމެންޓް