ރަޝިޔާގެ ދިފާއީ ނިޒާމުގެ ބަދަލުގައި އެމެރިކާގެ ދިފާއީ ނިޒާމު ގަންނަން ތުރުކީ ދެކޮޅު ހަދައިފި

ރަޝިޔާގައި އުފައްދާ ދިފާއީ ނިޒާމު އެސް 400

އަންކަރާ (ޖަނަވަރީ 5): ރަޝިޔާގައި އުފައްދާ އެސް -400 މަރުކާގެ ދިފާއީ އައްޑަނައިގެ ނިޒާމު ގަތުމުގެ ބަދަލުގައި އެމެރިކާގައި އުފައްދާ ޕެޓްރިއޮޓް މަރުކާގެ ދިފާއީ ނިޒާމު ގަތުމަށް އެމެރިކާ ހުށަހަޅި ހުށަހެޅުމަކަށް ތުރުކީން ދެކޮޅު ހަދައިފިއެވެ.

ތުރުކީގެ މަސްއޫލުވެރިއަކާ ހަވާލާދީ އެގައުމުގެ "ޔަނީ ޝަފަގު" ނޫސް ބުނާގޮތުން މިދިޔަ ހަފްތާގައި ތުރުކީއަށް ޒިޔާރަތް ކުރެއްވި އެމެރިކާގެ ވަފްދަކުންވަނީ ރަޝިޔާގައި އުފައްދާ އެސް -400 މަރުކާގެ ދިފާއީ އައްޑަނައިގެ ނިޒާމު ގަތުމުގެ ބަދަލުގައި އެމެރިކާގައި އުފައްދާ ޕެޓްރިއޮޓް މަރުކާގެ ދިފާއީ ނިޒާމު ގަތުމަށް ތުރުކީ ސަރުކާރަށް ހުށަހަޅުއްވައި އެމެރިކާގެ ނިޒާމު ގަތުމަށް ތުރުކީގެ މަސްއޫލުވެރިންނަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. ނަމަވެސް ތުރުކީ ސަރުކާރުން ރަސްމިކޮށްވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. މިދިޔަ އަހަރުވެސް އެމެރިކާވަނީ މިހުށަހެޅުން ތުރުކީއަށް ހުށަހަޅާފައެވެ. ނަމަވެސް ތުރުކީވަނީ އޭރުވެސް އެކަމާ ދެކޮޅު ހަދާފައެވެ.

ރަޝިޔާގައި އުފައްދާ އެސް -400 މަރުކާގެ ދިފާއީ އައްޑަނައިގެ ނިޒާމު ގަތުމަށް ތުރުކީ މަސައްކަތް ކުރަމުން ގެންދަނީ 2017 ވަނައަހަރުން ފެށިގެންނެވެ. ތުރުކީގެ މަސްއޫލުވެރިޔާ ވިދާޅުވިގޮތުގައި މިދިޔައަހަރުވަނީ މިނިޒާމު ގަތުމަށް ބޭނުންވާ ފައިސާގެ ދެބައިކުޅަ ތިންބައި ރަޝިޔާއާ ހަވާލުކޮށްފައެވެ. ރަޝިޔާއިންވަނީ މިއަހަރު އެނިޒާމުގެ ބައިތައް ތުރުކީއަށް ފޯރުކޮށްދޭނެކަން މިދިޔަ އަހަރު އިޢުލާން ކޮށްފައެވެ.

ތުރުކީއަކީ އެމެރިކާގެ ހަތިޔާރު ބޭނުންކުރާ ގައުމަކަށްވެފައި ތުރުކީއަކީ ނޭޓޯގެ ގައުމަކަށްވާތީ ރަޝިޔާގައި އުފައްދާ ހަތިޔާރު ގަންނަން ތުރުކީ ފެށުމަކީ އެމެރިކާއަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށް އެމެރިކާ ދެކެއެވެ. އެމެރިކާގެ އިގްތިސާދަކީ ހަތިޔާރުގެ ސިނާއަތަށް ވަރަށް ބޮޑަށް ބަރޯސާވާ އިގްތިސާދަކަށްވާތީ އެމެރިކާގެ ހަތިޔާރު ގަންނަ ކަސްޓަމަރަކު ގެއްލިގެން ދިޔުމަކީ އެމެރިކާއަށް ކުރިމަތިވާ އާދަޔާ ޚިލާފު ގޮންޖެހުމެކެވެ.

ތުރުކީވަނީ ރަޝިޔާ އަތުން ބައެއް ހަތިޔާރު ގަތުމަށް މަސައްކަތް ކުރުމުގެ އިތުރުން އަމިއްލަ ޓެކްނޮލޮޖީގައި ހަތިޔާރު އުފެއްދުމުގެ ސިނާއަތުވެސް ވަރަށް ބޮޑަށް ފުޅާކުރަން ފަށާފައެވެ. މިކަމުގެ ސަބަބުން ކުރިޔަށްއޮތް މަދުއަހަރުތަކުގައި ތުރުކީއަށް ބޭނުންވާ 80 އިންސައްތަ ހަތިޔާރު އުފައްދާނީ އަމިއްލަ ގައުމުގައި އަމިއްލަ ޓެކްނޮލޮޖީގައި ކަމަށް ތުރުކީ ބުނެއެވެ. މީގެއިތުރުން ތުރުކީވަނީ ހަތިޔާރުގެ ޓެކްނޮލޮޖީ ތަރައްގީކޮށްގެން އާމްދަނީ ހޯދުމަށްވެސް ރާވާފައެވެ. މިއީވެސް ދުނިޔޭގެ ހަތިޔާރުގެ ބާޒާރުގައި އެމެރިކާއަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށް އެމެރިކާ ދެކެއެވެ.

ރަޝިޔާގައި އުފައްދާ އެސް -400 މަރުކާގެ ދިފާއީ އައްޑަނައިގެ ނިޒާމު ގަތުމަށް 2017 ވަނައަހަރު ތުރުކީ ނިންމީ އެމެރިކާގައި އުފައްދާ ޕެޓްރިއޮޓް މަރުކާގެ ނިޒާމުފަދަ އެމެރިކާގެ ދިފާއީ ނިޒާމުތަކަށްވުރެ ރަޝިޔާގެ ނިޒާމު މޮޅުވެފައި ގާބިލްކަން ބޮޑުކަމުން ކަމަށާ އެމެރިކާ އެދުނަސް ރަޝިޔާގެ ނިޒާމު ގަތުމަށް ތުރުކީ ނިންމާފައިވާ ނިންމުން ބަދަލު ނުކުރެވޭނެ ކަމަށް ނަން ހަމަކުރަން ނޭދޭ ތުރުކީގެ މަސްއޫލުވެރިއާ ހަވާލާދީ އެގައުމުގެ "ޔަނީ ޝަފަގު" ނޫސް ބުނެއެވެ.

އެމެރިކާގެ ހަތިޔާރު ގަންނަ މައި ގައުމުކަމަށްވާ ސައޫދީ ވެސް ވަނީ ރަޝިޔާގައި އުފައްދާ އެސް -400 މަރުކާގެ ދިފާއީ އައްޑަނައިގެ ނިޒާމު ގަތުމުގެ ޝައުގުވެރިކަން މިދިޔައަހަރު ފާޅުކޮށްފައެވެ. ނަމަވެސް އެމެރިކާގެ ފިއްތުންތައް ބޮޑުވުމުން މިކަމާބެހޭ ނިންމުމެއް ސައޫދީން އަދި ނިންމާފައެއް ނުވެއެވެ. (އަނަތޯލިޔާ)

comment ކޮމެންޓް