އެމްޑީޕީ ޕްރައިމަރީގެ ބިލެތްފަހީ ދާއިރާއިން ވޯޓު އޮޅުވާލިކަމުގެ ތުހުމަތެއް!

ޖެނުއަރީ 18، 2019: މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕާޓީ ޕްރައިމެރީ ވޯޓުލުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް އިއްޔެ ބޭއްވި އެ ޕާޓީގެ ޕްރައިމަރީގައި ށ. ބިލެއްފަހިން ވޯޓު އޮޅުވާލިކަަމަށް ތުހުމަތުކޮށްފިއެވެ.

ބިލެއްފަހީގެ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓް އަމީން ފައިސަލް "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ވޯޓު އޮޅުވާލައިފައިވަނީ އެރަށުގައި ނޫޅޭ 11 މީހެއްގެ އައިޑީކާޑް އެހެން ބަޔަކު ހިފައިގެން ގޮސް ވޯޓު ލައިގެން ކަމަށެވެ..

އެ ޕްރައިމަރީގައި އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އަބްދުﷲ ޝަހީމް ޕްރައިމަރީ ކާމިޔާބުކުރެެއްވީ އެންމެ 6 ވޯޓުގެ ތަފާތުންނެވެ. ފައިސަލް އަށް 456 ވޯޓުް ލިބިވަޑައިގެންނެވިއިރު ޝަހީމްއަށް 462 ވޯޓް ލިބިވަޑައިގެންނެވެ.

" އެމްޑީޕީގެ ސެކްރެޓެރީއަށްވެސް މިހާރު ވަނީ ރަސްމީގޮތުން ޝަކުވާ ހުށަހަޅާފައި. ޝަކުވާ ލިބިއްޖެކަމަށް އެބޭފުޅުން ބުނޭ. ނަމަވެސް އަދި އެއްވެސް ޖަވާބެއް ނުލިބޭ." ފައިސަލް ވިދާޅުވިއެވެ.

ރޭ ބޭއްވި ޕްރައިމަރީގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ވޯޓުލައިފައެވެ. އަދި އެ ޕްރަައިމަރީގައި ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ހިމެނި ވަޑައިގެންނެވި ނަމަވެސް، 18 ވަނަ މަޖިލީހަށް ހޮވިވަޑައި ނުގަންނަވާ ފަސް ބޭފުޅަކު 19 ވަނަ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ކާމިޔާބު ކުރައްވައިފިއެވެ.

އެ ބޭފުޅުންނަކީ ކިނބިދޫ ދާއިރާގެ ޓިކެޓު ކާމިޔާބުކުރެއްވި މުހައްމަދު ނާޝިޒާއި ހުޅުދޫ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި އިލްޔާސް ލަބީބާއި މާފަންނު މެދު ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު ކަން ކުރެއްވި އަހުމަދު އީސާ އަދި ކޮމަންޑޫ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި ހުސެން ވަހީދެވެ.
comment ކޮމެންޓް