ގިލި ލަންކަންފުށި ރިސޯޓްގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ރިސޯޓް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
މާލެ އަތޮޅު ލަންކަންފުށީގައި ތަރައްގީކޮށްފައިވާ، ގިލި ލަންކަންފުށީ ރިސޯޓްގައި މިދިޔަ ބުދަ ދުވަހުގެ ރޭ އަލިފާން ރޯވެ، އެ ރިސޯޓުގެ މޫދު ކޮޓަރިތަކުގެ ތެރެއިން ހަތް ކޮޓަރި އާއި ރެސްޓޯރެންޓެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފަ އެވެ.
އެކަމާ ގުޅިގެން އެ ރިސޯޓުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރިސޯޓް މިހާރު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަަމަށާއި ރިސޯޓަށް ލިބުނު ގެއްލުންތައް ފުރިހަމައަށް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ރިސޯޓުގެ ހާލަތު ބައްލަވައިލެއްވުމަށް ޓޫއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އެރޭ ރިސޯޓަށް ވަގުތުން ވަޑައިގެން އެ ރިސޯޓް އިސްވެރިންގެ އިތުރުން ޓުއަރިސްޓުންނާ ވެސް ބައްދަލު ކުރައްވައިފަ އެއެވެ.
އަދި ސަރުކާރުގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީން ކަން އެރޭ މިނިސްޓަރު އަލީ ވަހީދު ދެއްވި އެވެ.
ގިލި ލަންކަންފުށި ރިސޯޓުން ނެރުނު ބަޔާނުގައި އެކަން ފާހަގަކޮށް އަލީ ވަހީދަށް ޝުކުރު އަދާ ކުރި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެ އެވެ.
ރިސޯޓުން ބުނި ގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަކަށް ހޯދިފައި ނުވާ ކަމަށާއި ނަމަވެސް އެމްއެންޑީއެފްއާ ގުޅިގެން ފުރިހަމަ ތަހުގީގެއް މިހާރު ކުރަމުންދާ ކަމަށް ބަޔާނުގައިވެ އެވެ.