އޮމާނުގެ ޔުނިވާސިޓީތަކުން އިސްލާމީ ޔުނިވަސިޓީއަށް އެހީވެވޭނެ ގޮތްތަކާ މެދު މަޝްވަރާކޮށްފި

އޮމާންގެ އިސްލާމިކް މިނިސްޓަރުގެ އެޑްވައިސަރު އައިޔޫއެމްއާއެކު ބޭއްވި ބައްދަލުވުމަށް ފަހު ---

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ (އައިޔޫއެމް) އަށް އޮމާނުގެ ޔުނިވަސިޓީތަކުން އެހީވެވޭނެ ދާއިރާތަކާ މެދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ އޮމާނުގެ މިނިސްޓްރީ އޮފް އެންޑޯމެންޓްސް އެންޑް ރިލިޖަސް އެފެއާޒުގެ އެޑްވައިޒަރ އައްޝައިޚް އިސްމާއީލް ބިން ނާސިރު ބިން ސައީދު އަލް އައުފީ ރާއްޖެއަށް ކުރެއްވި ނުރަސްމީ ޒިޔާރަތުގައި އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޚަލީލާ އަބްދުއްސައްތާރާ އެކު ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ.

މި މަޝްވަރާތަކުގައި ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި އައިޔޫއެމްގައި ހިންގާ އަރަބި ބަހުގެ ކޯސްތަކުގެ ދަރިވަރުންނަށް އޮމާނުގައި އަރަބި ބަހުން ފަރިތަކަމާއެކު ރަނގަޅަށް ވާހަކަ ދެއްކުމުގެ ޕްރޮގްރާމް ތަކުގައި ބައިވެރިވުމަށް ފުރުސަތު ދިނުމާއި އައިޔޫއެމްގައި ކިޔަވައިދެއްވާ ލެކްޗަރާއިންނަށް އިލްމީ ތަޖްރިބާ މުއްސަނދިކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮމާނުގެ ޔުނިވާސިޓީތަކުން ހޯދައި ދިނުން ހިމެނެ އެވެ.

މި ބައްދަލުވުމުގައި ރާއްޖެއާއި އޮމާނާ ދެމެދު އޮތް ސަގާފީ އަދި ތާރީހީ ކަންކަމާ ބެހޭ ކޮންފަރެންސެއް އަހަރަކު އެއްފަހަރު އައިޔޫއެމް އާއި އޮމާނުގެ އިލްމީ މުއައްސަސާތަކާ ގުޅިގެން ބޭއްވުމާ މެދު ވެސް މަޝްވަރާ ކުރެވުނު ކަމަށް ޚަބަރު ލިބެއެވެ. އަދި އައިޔޫއެމްގައި ބާއްވާ ބައިނަލްއަގުވާމީ މަހާސިންތާތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮމާނުގެ ކަމާބެހޭ ފަރާތްތަކަށް ދެއްވާނެ ކަމަށް އައިޔޫއެމްގެ ވައިސް ޗާންސެލަރު އައިޝަތު ހަލީލާ މި ބައްދަލުވުމުގައި ވިދާޅުވި އެވެ.

އޮމާނާއި ރާއްޖެއާ ތާރީހީ ގޮތުން ވަރަށް ބޮޑު ގުޅުންތަކެއް ހުރިކަން ދެބޭފުޅުންގެ ވާހަކައިގައިވެސް ފާހަގަ ކުރެއްވި އެވެ. އެގޮތުން ދިވެހިރާއްޖޭގެ ސުލްޠާން މުހައްމަދު ތަކުރުފާނުގެ ޒަމާނުގައި ރާއްޖޭގައި ބޭނުންކުރި ފައިސާ އޮމާނުގެ އައްސޭރިފަށުން ފެނުނު ގަދީމީ ފައިސާތަކުގެ ތެރޭގައި ހިމެނޭ ކަމަށް އައިޝަތު ހަލީލާ ވިދާޅުވި އެވެ. މި މައުލޫމާތު އޭނާއަށް ލިބިވަޑައިގަތީ އޭނާ އެކުވެރި އަރަބި އިމާރާތުގައި ކިޔަވަން ހުރިއިރު ބެލި މަޖައްލާއަކުން ކަމަށްވެސް ވިދާޅުވި އެވެ.

އޮމާނުގެ މީހުން ކުރީ ޒަމާނުގައި އައިސް ރާއްޖޭގައި ވަޒަންވެރިވެ އެމީހުންގެ ދަރިކޮޅުތައް ރާއްޖޭގައި އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި ދިވެހިބަހުގެ އެކެޑަމީއަށް ކުރެއްވި ޒިޔާރަތުގައި އެކަމާ ގުޅެ ތާރީހީ ލިޔުމެއް ދެކެވަޑައިގަތް ކަމަށް އޮމާނުގެ ރިލިޖަސް މިނިސްޓްރީގެ އެޑްވައިޒަރު އިސްމާއިލް ބިން ނާސިރު ބިން ސައީދު އަލް އައުފީ ވިދާޅުވި އެވެ. އަދި ހަމައެހެންމެ ރާއްޖޭގެ ވަރަށް ގަދަރުވެރި އާއިލާތަކުގެ ފެށުން ނިސްބަތްވާ ކާފައެއް ކަމުގައިވާ އައްސައްޔިދު މުޙައްމަދު ސާހިބުލް މިރްބާތު ފަސްދާނުލެވިފައިވަނީ އޮމާނުގެ މިރްބާތުގައި ކަން ވެސް ފާހަގަ ކުރެއްވި އެވެ.

އަދި ރާއްޖޭގައި ފުރަތަމަ އިސްލާމްވި ރަސްގެފާނު ހައްޖަށް ވަޑައިގެން އެނބުރި ވަޑައިގަތް މަގުމަތީގައި އަވަހާރަވެ ފަސްދާނުލެވިފައިވަނީ އޮމާނުގެ ސަލާލާގައި ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށްވެސް އައްޝައިޚް އިސްމާޢީލް ބިން ނާސިރު އަލްއައުފީ ވިދާޅުވި އެވެ.

އަރަބި ގައުމުތަކުގެ ތެރެއިން ރާއްޖެއާ އެންމެ ކައިރީގައި އޮތީ އޮމާން ކަމަށާއި ކުރީ ޒަމާނުގައި ސީނުކަރައަށާއި ސިޔާމަށާއި އަސޭ ފަދަ ތަންތަނަށް އޮމާނުގެ ބޯޓުފަހަރު ދަތުރު ކުރި އިރު، ކޮންމެ އަހަރަކު ދެ ފަހަރު ރާއްޖޭގައި ބަނދަރުކޮށްފައިވާ ކަން ވެސް އައުފީ ފާހަގަކުރެއްވި އެވެ. އެއީ އިރުމައްޗަށް އޮޑި ފަހަރު ދާ ދަތުރުމަތީގައި އެއް ފަހަރު، އަދި އިރުމަތީން އެނބުރި އޮމާނަށް އަންނަ ދަތުރު މަތީގައި އެއް ފަހަރެވެ.

އެ ޒަމާނުގައި ވެސް ގުޅުންތައް ބިނާވެފައި އޮތީ ވިޔަފާރީގެ މައްޗަށް ކަމުން މި ޒަމާނުގައި ވެސް ދިވެހިރާއްޖެއާއި އޮމާނާ ދެމެދު ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޮމާނުގެ ރިލިޖަސް އެފެއާޒް މިނިސްޓްރީގެ އެޑްވައިޒަރު އިސްމާއިލް ބިން ނާސިރު ބިން ސައީދު އަލް އައުފީ ރާއްޖެ ވަޑައިގަތީ އިންޑިއާގެ ކެރެލާގެ ކާލީކޯޓުގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު ނުރަސްމީ ދަތުރުފުޅެއްގަ އެވެ.

comment ކޮމެންޓް