ސްރީލަންކާއަކީ ރާއްޖެއާ އެންމެ އެކުވެރި ގައުމު: ރައީސް ސޯލިހް

ރައީސް ސޯލިހް ސްރީލަންކާ ސަފީރާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އަވަށްޓެރި ސްރީ ލަންކާ އަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރި ޤައުމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއްޖެއެވެ.

ސްރީލަންކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މޭޖާ ޖެނެރަލް (ރިޓަޔަރޑް) ބީ.އާރ.ޑަބްލިއު.އެމް.އާރު.އޭ.ބީ. ތޮރަޑެނިޔަ އާ މިއަދު ރައީސް އޮފީހުގައި ބައްދަލު ކުރައްވާ، ރައީސް ވިދާޅުވީ އެ ގައުމަކީ އެންމެ ގާތް އެކުވެރި ގައުމުކަމަށާއި ސްރީލަންކާ އަކީ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގައި މުހިންމު ބައިވެރިއެއް ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، އެކި ބޭނުންތަކަށް ސްރިލަންކާއަށް ޒިޔާރަތްކުރާ ދިވެހިންނަށާއި، އެޤައުމުގައި ދިރިއުޅޭ 10،000 އަށްވުރެ ގިނަ ދިވެހިންނާއި ދޭތެރޭ ސްރީލަންކާއިން ބަހައްޓާ ގާތްކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ސަފީރު ދެއްކަވަމުން ވިދާޅުވީ، ރާއްޖެއަކީ ސްރީލަންކާގެ ވަރަށް ގިނަ ރައްޔިތުންނަށް ވަޒީފާ އަދާކުރަން މަގުބޫލު މަންޒިލެއް ކަމަށާއި ރާއްޖޭގައި ގިނަ އަދަދެއްގެ ސްރީލަންކާ ރައްޔިތުން ވަޒީފާ އަދާކުރައްވާ ކަމަށެވެ.

މީގެ އިތުރުން ސަފީރުގެ ވާހަކަ ފުޅުގައި، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހް ހޯއްދެވި ކާމިޔާބީއަކީ ދިވެހިންގެ އަޒުމް ވަރުގަދަކަން ސާބިތުކޮށްދިން ކަމެއް ކަމުގައި ސްރީލަންކާ ސަފީރު ވިދާޅުވިއެވެ.

ރައީސް ސޯލިހް ސްރީލަންކާ ސަފީރާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މި ބައްދަލު ކުރެއްވުމުގައި ދެގައުމު ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހި ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ސްރީލަންކާ އާއި ރާއްޖެއާ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުވިތާ މިހާރު 54 އަހަރު ވެއްޖެއެވެ.

comment ކޮމެންޓް