ކަޅުވަކަރު މިސްކަތް ބަހައްޓަނީ ދިރާގު އޮފީސް ކުރިން ހުރި ބިމުގައި

ސަލްޓަން ޕާކު ތެރޭގައި މީގެ އެތަށް ޒަމާނެއް ކުރިން ހަދާފައި ހުރި ކަޅު ވަކަރު މިސްކިތް --

ރައީސް ޔާމީންގެ ސަރުކާރުގައި ރޫޅާލި ކަޅުވަކަރު މިސްކިތް ބަހައްޓާނީ ޗާންދަނީމަގު، ދިރާގު އޮފީސް ކުރިން ހުރި ބިމުގައި ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން މިއަދު ބުނެފިއެވެ.

ކުރީގެ ސަރުކާރުން ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތް ހޯދައި އަލުން ރާވައި ބެހެއްޓުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ 100 ދުވަހުގެ ތެރޭގައި ފުރިަހަމަ ކުރަން ނިންމާފައިވާ ވައުދެކެވެ. މި ސަރުކާރަށް ކަޅުވަކަރު މިސްކިތް ފެނުނީ އޭގެ ބައިތައް ހަލާކުނުވާނޭ ގޮތަށް ރައްކާތެރިކަމާއެކު ގައުމީ ދާރުލްއާޘާރުތެރޭގައި ބަހައްޓާފައި ހުއްޓައެވެ.

އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ކަޅުވަކަރު މިސްކިތް ޗާންދަނީމަގާއި މެދު ޒިޔާރަތްމަގު ގުޅޭ ކަންމަތިން، ކުރިން ދިރާގު އޮފީސް ހުރި ބިމުގައި ބަހައްޓަން ރައީސް ޞާލިހު ނިންމަވާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ، މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ކުރުމުގެ ގޮތުން މިސްކިތުގެ ލަކުޑީގެ ބައިތަކަށް ދޭންޖެހޭ ފަރުވާ ދިނުމާއި މަރާމާތު ކުރަންޖެހޭ ބައިތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި މިސްކިތް ބަހައްޓާ ބިމުގެ ކުރެހުންތައް ތައްޔާރުކުރުމާއި މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ރޭވުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތުގައި ހިލޭ ސާބަހަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

ކުރީން ކަޅުވަކަރު މިސްކިތް ހުރީ މިހާރު ސަލްޓަން ޕާކުގައި ހުންނަ ވިންޓާ ޕާކު ހުންނަ ތަނުގައެވެ. ކަޅުވަކަރު މިސްކިތް އަލުން ބަހައްޓާނެ ތަނެއް ނިންމުމަށް ސަރުކާރުން ވަނީ އާންމުންގެ ހިޔާލު ހޯދުމަށް ފޯރަމެއް ވެސް ބާއްވާފައެވެ.

comment ކޮމެންޓް