ދައުލަތާއި ރައްޔިތުންގެ ފައިސާ "ފޭރޭ" މީހުން

ތިލަފުށި

އެއްވެސް މަސައްކަތެއް ނުކޮށް ދައުލަތުން 162 މިލިއަން ރުފިޔާ ލިބުމަކީ ކުޑަ ކަމެއް ނޫނެވެ. ރީކޯ މޫސަގެ ހެވީލޯޑް ކުންފުންޏަށް މިވަރުގެ ބޮޑު ހެޔޮ ކަމެއް ކޮށްދިނީ ޔާމިނުގެ ސަރުކާރުން އެކަންޏެއް ނޫނެވެ. މިކަން ފެއްޓީ ނަޝީދުގެ ވެރިކަމުގައި އެމްޑީޕީ ސަރުކާރުން 2010 ވަނަ އަހަރު އެވެ. އޭރު ރީކޯ މޫސަ އަކީ އެމްޑީޕީގެ ވަރަށް އިސް ބޭފުޅެކެވެ. ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. ވަރަށް އަޑު ގަދަ ބޭފުޅެކެވެ.

ތިލަފުށީގެ ދެ ވަނަ ފޭސް ހިއްކުމުގެ މަޝްރޫއު 2010 ވަނަ އަހަރު ހެވީލޯޑާ ހަވާލު ކުރީ 323 މިލައަން ރުފިޔާ އަށް 156 ހެކްޓަރުގެ ބިން ހިއްކާށެވެ. ހަތް މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް ހެވީ ލޯޑަށް ހިއްކޭވަރުވީ 24 ހެކްޓަރުގެ ބިމެވެ. އޭގެ ފަހުން 2011 ވަނަ އަހަރު މި މަސްކަތުގެ އެއްބަސްވުން ވަގުތީ ގޮތުން މެދުކަނޑާލަން ތިލަފުށި ކޯޕަރޭޝަނާއި ހެވީލޯޑާ ދެމެދު އެއްބަސްވުމެއްގައި ސޮއެ ކުރެވުނެވެ. .

އޭގެ ފަހުން މަސައްކަތް ފަށައިފައެއް ނުވެ އެވެ. ދެހާސް ދިހަ ވަނަ އަހަރު މި މަޝްރޫއު ހުޅުވާލީ މަސައްކަތް ކުރާ ފަރާތުގެ އަމިއްލަ ފައިސާގައި ބިން ހިއްކަން ކަމަށް ވިޔަސް ހެވީ ލޯޑަށް މަޝްރޫއު ހަވާލުކުރުމަށް ފަހު ތިލަފުށީ ކޯޕަރޭޝަންއިން ވަނީ އެކަން ބަދަލުކޮށް، ހެވީ ލޯޑަށް އެޑްވާންސަށް ތިން މިލިއަން ޑޮލަރު ވެސް ދީފަ އެވެ. އެޑްވާންސަށް ތިން މިލިއަން ޑޮލަރު ތިލަފުށި ކޯޕަރޭޝަނުން ހޯދައިގެން ފެށި މަސައްކަތް މެދުކަނޑާލައިފައި ހެވީ ލޯޑުން ދިޔައީ އެހެން މަޝްރޫއުއެއްގެ މަސައްކަތް ކުރަމުންނެވެ. ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ނިމިގެން ދިޔައިރު ވެސް ރީކޯ މޫސަގެ ކުންފުންޏަކަށް މިސައްކަތެއް ނުނިންމުނެވެ. މީގެ އިތުރުން، ފިއުލް ސަޕްލައި މޯލްޑިވްސް މެދުވެރިކޮށް ހެވީލޯޑަށް ފަސް މިލިއަން ރުފިޔާގެ ތެޔޮ، ދަރަންޏަށް ދިނުމުން އެތެލުގެ 85 ޕަސެންޓް ވެސް ބޭނުންކޮށްފައި ވަނީ ހެވީލޯޑުން ހިންގި އެހެން މަޝްރޫއުތަކަށެވެ.

މިމައުލޫމާތު އެނގެނީ ޑިސެމްބަރު 2018ގައި އާންމުކުރި ތިލަފުށި ހިއްކުމުގެ ހާއްސަ އޮޑިޓް ރިޕޯޓުން ނެވެ. އެރިޕޯރޓުން އެނގެނީ އެމްޑީޕީގެ ސަރުކާރުންނާއި ޔާމީންގެ ސަރުކާރުން ވެސް ހެވީ ލޯޑަށް ނާޖާއިޒު ގޮތުގައި ފައިދާތަކެއް ހޯދައިދީފައިވާ ކަމެވެ. އެގޮތުން އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ނަޝީދުގެ ވެރިކަމުގައި ހެވީލޯޑަށް މިމަސައްކަތް ހަވާލުކުރީ ވެސް ހެވީލޯޑަށް ވުރެ 100 މިލިއަން ރުފިޔާ ހެޔޮ އަގެއްގައި މިމަސައްކަތް ކުރުމަށް އެހެން ކުންފުންޏަކުން ބިޑްކޮށްފައިވަނިކޮށެވެ.

ނަޝީދުގެ ސަރުކާރުގައި އިސްކޮށް ހުރި ރީކޯ މޫސައަށް މިވަރުގެ ބޮޑު ކަމެއް ގަވާއިދާ ހިލާފަށް ކޮށްދީފައި އޮތް އިރު އޭގެ ބަދަލު ދައުލަތަށް ހޯދައި ދިނުމުގެ ބަދަލުގައި ޔާމިނުގެ ސަރުކާރުން ވެސް ބެލީ ރީކޯ މޫސަގެ ތާއިދު ރައީސް ޔާމިނަށް ހޯދުމަށް ޓަކައި ރީކޯ އަތުއަޅުވާލެވޭތޯ އެވެ. އެގޮތުން މި މަޝްރޫއިން ގެއްލުން ލިބުނީ ދައުލަތަށް ނޫންކަމަށާއި ގެއްލުން ލިބުނީ ހެވީލޯޑަށް ކަމަށް ބުނެ، ބަދަލުގެ ގޮތުގައި ހެވީ ލޯޑަށްް 162 މިލިއަން ރުފިޔާގެ ބަދަލު ޔާމިނުގެ ވެރިކަމުގައި ދިނެވެ. އެއާ އެކު ދެން ފެނުނީ ރީކޯ މޫސަ ޔާމިނުގެ ޕާރޓީއާ ގުޅުނުތަނެވެ. ޔާމިނުގެ ސަރުކާރުން 30 ޑިސެމްބަރު 2014ގައި ބިން ހިއްކުމުގެ އެއްބަސްވުން ރަސްމީކޮށް އުވާލީ، ހެވީ ލޯޑަށް ބަދަލުގެ ގޮތުގައި ލ. އަތޮޅުން ތިން ރަށާއި 35 މިލިއަން ރުފިޔާ ވެސް ދީފަ އެވެ. އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ލ. ބޮޑުހުރާ އާއި އެ ރަށާ ޖެހިގެން އޮންނަ ދެ ރަށް ކަމަށް ވާ ފަރެސް އާއި ކުޑަ ފަރެސް ބަލާފައި ވަނީ 62 މިލިއަން ރުފިޔާގެ އަގުހުރި ތަންތަނުގެ ގޮތުގަ އެވެ.

ހެވީ ލޯޑަށް "އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އެއްބަސްވުން އުވާލުމުގެ ފުރުސަތު ތިލަފުށީ ކޯޕަރޭޝަން އަށް ލިބިފައިވީ ނަމަވެސް މަޝްރޫއުގެ މަސައްކަތް މެދުކަނޑާލި ފަހުން އެތައް އަހަރެއް ފާއިތުވީ ފަހުން 30 ޑިސެމްބަރު 2014 ގައި އެއްބަސްވުން އުވާލައި ހެވީ ލޯޑަށް ބަދަލު ދިނުމަށް ނިންމުމަކީ އެންމެ ޒިންމާދާރުކޮށް ނިންމާފައިވާ ނިންމުމެއް ކަމުގައި ނުބެލެވޭ" ކަމަށް އޮޑިޓް ރިޕޯރޓްގައި ބުނެފައިވެ އެވެ.

ހެވީ ލޯޑު މުއްސަނދިވާ ވަރުގެ ބޮޑު ބަދަލެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޭނާއަށް ދިން އިރު، އެމްޑީޕީގެ ފިކުރު ބަދަލުކޮށް، ޔާމިނުގެ ސަރުކާރަށް ތާއީދުކުރެއްވި މެމްބަރަކަށް މޫސަ ވެވަޑައިގަތެވެ. އަދި އޭގެ ފަހުން ޔާމީންގެ ވެރިކަން ނިމުމާ ހަމައަށް ވެސް އޭނާ ހުންނެވީ އެގޮތުގަ އެވެ.

ސަރުކާރުތަކުން ހިންގާ މިފަދަ މާލީ ޖަރީމާތަކަށް ނުވަތަ ނުފޫޒުގެ ބޭނުންކޮށްގެން ވަކިބަޔަކަށް މިލިއަނުން ފައިދާ ހޯދައިދިނުންތަކަށް އިންސާފު ހޯދޭނެކަމުގެ އެއްވެސް އުއްމީދެއް މިދިވެހި ރާއްޖެ އަކު ނެތެވެ. ކޮންމެ ސަރުކާރެއް އަޔަސް މިކަން އޮންނަނީ މިގޮތަށެވެ. ރައްޔިތު މީހާ ބުރަ މަސައްކަތް ކޮށްގެން ހޯދާ ފައިސާއިން ޖީއެސްޓީ ފަދަ ޓެކްސް ދައުލަތަށް ދެއްކުމުން މީރާ އަށް މަހަކު މިތެއް ބިލިއަން ރިފިޔާ ލިބޭ ކަމަށް ނޫސްތަކުގައި ޖެހުމުން ރައްޔިތުންނަށް ލިބެނީ ކޮން އުފަލެއްތޯ އެވެ؟ މީރާއަށް ލިބޭ މިފަދަ އެތައް މިލިއަނެއް މިދަނީ ސިޔާސީ ބޭނުމަށް ސިޔާސީ ފަރާތަތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށެވެ. ރީކޯ މޫސަގެ ހެވީ ލޯޑަށް ދެވުނު 162 މިލިއަން ރުފިޔާ އަކީ ކިތައް ދިވެހި ރައްޔިތުން އޮހޮރި ދަލުގެ ޖުމްލަ ތޯ އެވެ؟ މިއީ ވަރަށް ވެސް ބޮޑު ބޭ އިންސާފެކެވެ؟

މިފަދަ އެހެން މިސާލެކެވެ! ސިޔާސީ ބޭނުމަށް އެއް ސަރުކާރަކުން ވަޒީފާ އިން ވަކި ކުރާ މީހާ އޭގެ އެތައް އަހަރެއް ފަހުން އެހެން ސަރުކާރެއް އައިސް، އެމީހާ ވަޒީފާއިން ވަކި ކުރީ ޤާނޫނާ ހިލާފަށް ކަމަށް ބުނެ އަލުން ވަޒީފާދީ، ވަޒީފާ ނެތި ފާއިތުވި ހުރިހާ އަހަރެއްގެ މުސާރަ ގަނޑުކޮށް، އެއްފަހަރާ ދެއެވެ. މިހާރު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމްގައި ހުންނެވި ޝަމާލް އާއި، އެކްޓިންގް ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ހަމީދު އަކީ ވެސް މިގޮތަށް އެއް ސަރުކާރަކުން ވަކި ކުރުމުން އަނެއް ސަރުކާރަކުން ވަޒީފާ ދީފައިވާ ފަރާތް ތަކެވެ. މިގޮތަށް އަލުން ވަޒީފާ ދޭ ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެތައް ލައްކަ ނުވަތަ އެތައް މިލިއަން ރިފިޔާ ދޭ އިރު އެއީ ވެސް ރައްޔިތުންގެ ފައިސާ އެވެ. އެކަމަށް ޒިއްމާ ނަގާނެ މީހަކު ނުހުރެ އެވެ.

ރީކޯ މޫސައަށް ދޭން ނުޖެހޭ ބަދަލެއް ދިން އިރު ގައިމު އެއް ރަށް ދިން ނަމަވެސް ރަނގަޅެވެ. އެއް ރަށެއް ނޫނެވެ. ދެރަށެއް ވެސް ނޫނެވެ. ތިން ރަށެވެ. މިހެން ބަހަމުން ބަހަމުން ގޮސް ރާއްޖޭގެ ހުރިހާ ރަށްތައް ބަހައި ހުސްވެދާނެ އެވެ. ދިވެހި ރައްޔިތުން ބިކަވާ ވަރަކަށް މިކަހަލަ މަހުޖަނުންނާއި ސިޔާސީ މީހުން ވަނީ މުއްސަންޖެވެ. ކޮންމެ ވެރިކަމެއް އަޔަސް އެމީހުން ވަގުތުން ކޮޅު ބަދަލު ކޮށް މެޑަލް ޖަހާލައިގެން ބޮޑު މަގާމެއް ހޯދަ އެވެ. ލަންޑަނުން، ޑުބާއީ އިން ސިނަގަޕޫރުން ދަތުރު ކޮށް މާލެއިން ނާއި ހުޅުމާލެއިންނާއި މެލޭޝިޔާއިން އެޕާރޓްމެންޓް ގަނެލައެވެ. މަޖުލިސް ގޮނޑި ގަނެލައިގެން، ދައުލަތުން މަހަކު ލައްކަ އެއްހާ ރުފިޔާގެ މުސާރަ ނަގައިގެން، މަޖުލިހަށް ހާޒިރު ނުވެ، އަމިއްލަ ވިޔަފާރި ހިންގަންށާއި އަޗާތަޅަން ވަގުތު ހޭދަކޮށްލަ އެވެ.

ހިތާމައަކީ ރައްޔިތުން ތިބެނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އެންމެ 500 ރުފިޔާ އަށް ވެސް ޥޯޓު ވިއްކާލަން ތައްޔާރަށް ކަމެވެ. ރައްޔިތުންގެ މި ވިސްނުން ބަދަލުވީ ދުވަހަކުން މެނުވީ ސިޔާސީ މީހުންގެ ނުބައިކަމުން ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތް ސަލާމަތް ނުވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް