އެންސްޕާއިން 684 މިލިއަން ރުފިޔާ އިތުރަށް ހޭދަކޮށްފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަށް މި އަހަރަށް ބަޖެޓު ކުރި އަދަދަށް ބުރެ އިތުރަށް 683.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހަފުތާޔަކު އެއްފަހަރު ނެރޭ މާލީ ރިޕޯޓުން ދައްކައިފި އެވެ.

އެންސްޕާއިން މި އަހަރު ހޭދަ ކުރަން ބަޖެޓުކޮށްފައި ވަނީ 1286100000 ރުފިޔާ އެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެންސްޕާ އިން ވަނީ 1،969،700،000 ރުފިޔާ ހޭދަ ކޮށްފަ އެވެ. އެއީ 683.6 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެންސްޕާގެ އިތުރުން އެ މުއްދަތުގެ ނިޔަލަށް އެހެން އިދާރާތަކުން ވެސް ވަނީ ބަޖެޓު ކުރި ވަރަށް ވުރެ ގިނައިން ހޭދަ ކޮށްފަ އެވެ.

އެގޮތުން ރައީސް އޮފީހުން 27.1 މިލިއަން ރުފިޔާ އިތުރަށް ހޭދަ ކުރި އިރު ޖޭއެސްސީން ވަނީ 28.2 މިލިއަން ރުފިޔާ އިތުރަށް ހޭދަ ކޮށްފަ އެވެ. އަދި މީރާ އިން ވަނީ 17.4 މިލިއަން ރުފިޔާ އިތުރަށް ހޭދަކޮށްފަ އެވެ. ކަރެކްޝަންސް އިން ވަނީ 48 މިލިއަން ރުފިޔާ އިތުރަށް ހޭދަ ކޮށްފަ އެވެ.

އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފުލުހުންގެ ބަޖެޓަށް 1.3 ބިލިއަން ހަމަޖެއްސި އިރު އެ އަދަށް ވުރެ 77.3 މިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފަ އެވެ. އެމްއެންޑީއެފްއަށް 1.1 ބިލިއަން ރުފިޔާ ބަޖެޓު ކުރި ނަމަވެސް އެމްއެންޑީއެފް އިން ވަނީ 147.8 މިލިއަން ރުފިޔާ އިތުރަށް ހޭދަ ކޮށްފަ އެވެ.

ބަޖެޓަށް ވުރެ އިތުރަށް ހޭދަ ކުރި މިނިސްޓްރީތަކަށް ބަލާއިރު އެޑިއުކޭޝަން މިނިސްޓްރީއަށް 2.6 ބިލިއަން ރުފިޔާ ބަޖެޓު ކުރި އިރު އެ މިނިސްޓްރީން ވަނީ 295.5 މިލިއަން ރުފިޔާ އިތުރަށް ހޭދަކޮށްފަ އެވެ. ހެލްތު މިނިސްޓްރީއަށް 1.3 ބިލިއަން ރުފިޔާ ބަޖެޓު ކުރި ނަމަވެސް އެ މިނިސްޓްރީން ވަނީ 167.7 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފަ އެވެ. ހައުސިން މިނިސްޓްރީއަށް 1.9 ބިލިއަން ބަޖެޓު ކުރި ނަމަވެސް، 90.2 މިލިއަން ރުފިޔާ އިތުރަށް ހޭދަކޮށްފައިވެ އެވެ.

އަހަރުގެ ފަހު ހަފުތާއާ ހަމަޔަށް ދައުލަތުގެ ހޭދަ އަރަނީ 24.9 ބިލިއަން ރުފިޔާ އަށެވެ. ހަރަދުކުރުމަށް ބަޖެޓުގައި ކަނޑައަޅާފައި ވަނީ 24.8 ބިލިއަން ރުފިޔާ އެވެ. މިހާތަނަށް ދައުލަތުގެ އާމްދަނީ އަކީ 20.5 ބިލިއަން ރުފިޔާ އެވެ. މިއަހަރުގެ އާމްދަނީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައިވެ އެވެ.

comment ކޮމެންޓް