ފްލެޓަށް އެދެން ކިއުގައި ނުޖެހޭނެ ނިޒާމެއް ގާއިމްކުރަނީ

ހައުސިންގް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެެރެއިން- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލިޔާސް

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ރާއްޖޭގައި މިހާތަނަށް ފެށި އެންމެ ބޮޑު ހިޔާ މަޝްރޫއިން ފްލެޓަށް އެދުމަށް ފޯމް ހުށަހެޅުމުގައި ކިއުގައި ނުޖެހި ފޯމެ ހުށަހެޅޭނެ ނިޒާމެއް ގާއިމްކުރަން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ވިދާޅުވީ ފޯމް ހުށަހެޅުމަށް ގިނަ ބަޔަކު ދިގު ކިިއުއެއްގައި ތިބެން ޖެހުމަކީ ބޮޑު ތަކުލީފެއްކަން ގަބޫލުކުރައްވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން އެމަނިކުފާނުގެ ފުރަތަމަ 100 ދުވަސްތެރޭ ކިއުގައި ނުޖެހި ފޯމް ހުށަހެޅޭގޮތަށް ނިޒާމެއް ގާއިމްކޮށްދެއްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފައެވެ.

"މި ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ ނެޝެނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލަޖީއާ ގުޅިގެން. އޭގެ އަމަލީ މަސައްކަތް ވަނީ ފެށިފައި. އަދި އެއާ ގުޅިފައިވާ ޕޯޓަލް ހެދުމުގެ މަސައްކަތް އެބަކުރިއަށްދޭ. އަދި މިހާރު އަޅުގަނޑުމެން މިކަމުގައި ބައިވެރިވެވަޑައިގެންނަވާ އިތުރު ފަރާތްތަކާ މަޝްވަރާކުރަމުން މިގެެންދަނީ އެއީ އެންމެ ފަސޭހައިން އެންމެ ފުރިހަމަކޮށް މިކަންތައް ކުރިއަށް ގެންދެވޭނީ ކިހިނެއްތޯ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެ ނިޒާމްގެ ތެރެއިން ގާއިމްކުރާ ޕޯޓަށް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް ލޮގިން އެއް ލިބޭނެ ކަމަށެވެ. އަދި އޭގެން އޭނާގެ ޒާތީ މައުލޫމާތުތަކާއި ޝަތުރު ހަމަވާނަމަ އެކަންވެސް އެނގޭނެ ކަމަށެވެ.

comment ކޮމެންޓް