އެމްޑީޕީގެ ޕްރައިމަރީން މުސްތަފާއަށް ޖާގަ ދީފި

މުސްތަފާ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފާއިތުވި މަޖިލިސް އިންތިހާބްގައި އެމްޑީޕީގެ ޓިކެޓްގައި މުހަައްމަދު މުސްތަފާ ތިމަރަފުށި ދާއިރާއަށް އިންތިހާބުވި ނަމަވެސް ފަހުން އެ ޕާޓީ ބަދަލުކުރި މައްސަލައިގައި، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން އެ މައްސަލަ ބެލުމަށްފަހު ކުރިއަށް އޮތް އެމްޑީޕީގެ މަޖިލިސް އިންތިޚާބު ޕްރައިމަރީގައި ޖާގަ ދޭން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ މުސްތަފާ އެ ޕާޓީ ދޫކޮށް ޕީޕީއެމްއާ ގުޅުމަކީ އެމްޑީޕީގެ އުސޫލުތަކާއި އަސާސްތަކާ ދެކޮޅަށް ކުރެއްވި ކަމެއް ނަމަވެސް އެ ޕާޓީގެ އާންމު މެމްބަރުންގެ ކިބައިން މާފަށް އެދެފިނަމަ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

މުސްތަފާ ވަނީ އެމްޑީޕީން އެންގި ގޮތަށް މިއަދު މެންދުރު 2:00 ގެ ކުރިން އެ ޕާޓީގެ އާންމު މެމްބަރުންގެ ކިބައިން މާފަށް އެދި ބަޔާނެއް ނެރެފަައެެވެ. އެ ބަޔާން އޭނާގެ ޓުވިޓާގައިވެސް ވަނީ އާންމުކޮށްފައެވެ.

މުސްތަފާ ވިދާޅުވީ އޭނާ އެމްޑީޕީ ދޫކުރައްވައި ޕީޕީއެމްއާ ގުޅުވަޑައިގަތީ އެހެން ނަހަދައިފިނަމަ ޖުޑީޝިއަރީ މެދުވެރިކޮށް އޭނާގެ ގޮޮނޑިގެއްލުވާލާނެ ކަމުގެ އިންޒާރާ ގުޅިގެން ކަމަށެވެ.

"އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންނަ މަޝްވަރާކުރުމުން ރައްޔިތުން ތަކުރާރުކޮށް ބުނަމުންގެންދިޔައީ އެއްވެސް ހާލެއްގައި ގޮނޑި ދޫކޮށްލައިގެން ނުވާނެ ކަމަށެވެ." މުސްތަފާގެ ބަޔާނުގައި ވެއެވެ.

މީގެ ކުރިން އެމްޑިޕީގެ އާންމު މެމްބަރަކު ވަނީ މުސްތަފާއަށް އެމްޑިޕީގެ ޕްރައިމަރީގައި ވާދަ ނުކުރެވޭނެ ކަމަށް ބުނެ ޝަކުވާ ހުށަހަޅައި ސިޓީއެއް ފޮނުވައިފައެވެ.

އެމްޑީޕީގެ އިންތިހާބޭ ބެހޭ ގަވާއިދުގެ 51 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޕްރައިމަރީ އަށް ކުރިމަތިލުމަށް ސޮއިކުރާ އިގުރާރާ ހިލާފުވެއްޖެނަމަ އެޕާޓީގެ އެއްވެސް އާންމު އިންތިހާބެއްގައި އެއް އަހަރާއި ހަތްއަހަރާ ދެމެދު ބައިވެރިނުވެވޭނެ ކަމަށް ބުނެފައިވާކަން އެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް