އަނިޔާވެރިކޮށް މަރާލެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އާއި ބްލޮގާ ޔާމީން ރަޝީދު އަދި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ކޭސް ތަކުގެ މައުލޫމާތު އެނގޭ ފަރާތްތަކުން އެ މައުލޫމާތު ރިިޔާސީ ކޮމިޝަނަށް ހިއްސާ ކުރެއްވުމަށް އެކޮމިޝަނުން އެދެފިއެވެ.
ވީނުވީއެއް ނެގި ގެއްލިފައިވާ މީހުންނާއި ނުބެލި ހުރި މަރުތަކުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ކޭސްތައް ބެލުމުގައި ކޮމިޝަނަށް ބޭނުން ހިފޭ ކަހަލަ މައުލޫމާތު ހުރި މީހަކު ހުރި ނަމަ އެކޮމިޝަނަށް އެންގުމަށެވެ.
އަދި އެ މައުލޫމާތު އެނގޭ މީހަކު އެ ކޮމިޝަންގެ ޓްވިޓާ އެކައުންޓް މެސްޖް ކޮށްލެއްވުން ނުވަތަ މެއިލް މެދުވެރިކޮށްްވެސް އެ މައުލޫމާތު ހިއްސާ ކުރެއްވޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
Afraasheem, Rilwan adhi Yameen Rasheed ge case thakuga commission ah beynun hifeyne hen heevaa evves mauloomaatheh dheyn beynunvaa meehaku hurinama DM koh dhevvun edhen nuvatha [email protected] ah email kohdhevvun edhen.
— Commission on Disappearances and Deaths (@DdcomMdv) December 27, 2018
އެކޮމިޝަނުން ބުނީ އެގޮތަށް އެދިފައިވަނީ އެ މައުލާމތު ދެނީ ކާކުކަން ނޭނގޭ ގޮތަށް ފޮނުވުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ. އަދި އެ މައުލޫމާތު ފޯރުކޮށްދޭ ފަރާތެއްގެ މައުލޫމަތު ސިއްރުކޮށް، ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ދޭނެ ކަމުގެ ޔާގީން ކަންވެސް އެ ކޮމިޝަނުން ދިނެވެ.