އިޖުތިމާއީ ގުޅުންތައް ވަރުގަދަވެގެން ނޫނީ ގައުމު ކުރިއަށް ނުދާނެ: ސިޔާމް

ސިޔާމް މައުރޫފް ސޮކަރ ކަޕް 2018 ނިންމުމުގެ ރަސްމިއްޔާތުގެ ތެރޭން-- ފޮޓޯ: ކޭކޭއެފްސީ

ރައްޔިތުންގެ މެދުގައި އިޖުތިމާއީ ގުޅުންތައް ވަރުގަދަވެގެން ނޫނީ ގައުމު ކުރިއަށް ނުދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާތަނަށް ބާއްވަމުން އަަންނަ އެންމެ އަގު ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ " ސިޔާމް މައުރޫފް ސޮކަރ ކަޕް 2018" ނިމި އިނާމް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ރައްޔިތަކީވެސް ކުރިއަރަން ބޭނުންވާ ބައެއް ކަމަށެވެ.

" އަޅުގަނޑުމެންގެ ސިއްހަތި ހުރެެގެން ނޫނީ އަޅުގަނޑުމެންނަށް ކަންކަން ރަނގަޅަކަށް ނުކުރެވޭނެ. އަޅުގަނޑުމެންގެ އިޖުތިމާއީ ގުޅުންތައް ވަރުގަދަވެގެން ނޫނީ ގައުމު ކުރިއަކަށް ނުދާނެ. އަޅުގަނޑުމެންނަކީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި އެބަ އުޅެން ޖެހޭ. އަޅުގަނޑުމެން އެކަކު އަނެކަކަށް އެހީތެރިވާން އެބަ ޖެހޭ. އެކަކު އަނެކަކަށް ސަޕޯޓްކުރަން އެބަ ޖެހޭ،" ސިޔާމް ވިދާޅުވިއެވެ.

ނޮވެމްބަރު 24 އިން ޑިސެމްބަރު 26ގެ ނިޔަލަށް ނ. ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދިޔަ ފޯރިގަދަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މިފަހަރު ހޯދައިފައިވަނީ ކެނދިކޮޅުދޫ ފުޓްބޯޅަ ކްލަބުންނެވެ.

"ސިޔާމް-މައުރޫފް ސޮކަރ ކަޕް" ކާމިޔާބު ކަމާއެކު ފަސް ވަނަ ފަހަރަށް ބާއްވާފައި ވާއިރު، މިފަހަރު ހަމައެކަނި މުބާރާތުގެ އެކި ވަނަތަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމަށް ވެސް 740،000 ރުފިޔާ ހުށަހަޅާފައިވެއެވެ.

މިފަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި 600،000 ރުފިޔާ ދިވެނެވެ. އަދި ރަނަރަޕް ޓީމަށް 100،000 ރުފިޔާ ދިނެވެ.

ސިޔާމް-މައުރޫފް ސޮކަރ ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ މުބާރާތެކެވެ.

comment ކޮމެންޓް