ޕީޕީއެމް އިން ވަކިވެއްޖައިން: މުއާޒް

މުއާޒު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ޕީޕީއެމް އިން ވަކިވާން އެ ޕާޓީގެ ކައުންސިލް މެމްބަރު އިބްރާހިމް މުއާޒް އަލީ ނިންމަވައިފި އެވެ.

މުއާޒް ޕީޕީއެމް އިން ވަކިވެވަޑައިގަންނަވަން ނިންމެވިކަން އިއުލާނު ކުރެއްވީ، ފިނިފެންމާ ލޯންޗުގެ ހާދިސާއާ ގުޅޭ ބައެއް މައުލޫމާތުތައް ހިއްސާ ކުރެއްވުމަށް އޭނާ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

"އަޅުގަނޑު، އަޅުގަނޑުގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ މި ޕީޕީއެމް އަދި އަޅުގަނޑު މިހިރަ ޕީޕީއެމްގެ ކައުންސިލް މެމްބަރު ކަމުން މިވަގުތުން ފެށިގެން އިސްތިއުފާ ދިނުމަށް [ނިންމައިފިން]. އަޅުގަނޑަކީ މިވަގުތު އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ވެސް ނޫން. އަޅުގަނޑަކީ އެއްވެސް ސިޔާސީ ފަރާތެއްގެ ފަރާތުން މީޑިއާގައި ބަސް ބުނާ މީހެއް ވެސް ނޫން." މުއާޒް ވިދާޅުވި އެވެ.

މުއާޒް އެހެން ވިދާޅުވި ނަމަވެސް އޭނާ ޕީޕީއެމް އިން ވަކިވެވަޑައިގަންނަވަން ސިޓީފުޅެއް ހުށަހެޅުއްވި ކަމެއް އެނގިފައެއް ނުވެ އެވެ.

މިރޭ މުއާޒް ދެއްކެވި ވާހަކަތައް ޕީޕީއެމް އިން ވަނީ ދޮގު ކޮށްފަ އެވެ. އަދި އޭނާގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

މުއާޒް މިރޭ ވިދާޅުވީ، ފިނިފެންމާ ލޯންޗުގެ ހާދިސާގެ ދުވަހު ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތުގެ މަތިން ހުރިހާ ނޫސްވެރިން ޕްރެސް ކޮންފަރެންސަށް ގެންދިޔައީ، އެހެން ދުވަސްތަކާ ހިލާފަށް ފާލަން ސަރަހައްދަށް ކަމަށެވެ. އަދި އެ ހާދިސާ ހިނގި އިރު ރައީސް ޔާމީން އިށީނދެވަޑައިގެން އިންނެވީ އެހެން ދުވަސްތަކާ ހިލާފަށް އެހެން ގޮނޑިއެއްގައި ކަމަށާއި އެ ހާދިސާ ހިނގުމަށް ފަހު ވެސް އެމަނިކުފާނުގެ މޫނުފުޅުން ހާސް ކަމެއް ނުފެން ކަމަށް އޭނާ ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ ލޯންޗު ގޮވި އިރު އޭނާއަށް އަލިފާން ނުފެންނަ ކަމަށެވެ. ނަމަވެސް ފަހުން މީޑިއާއާ ހިއްސާ ކުރަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އޭނާގެ އަތަށް ސީޑީއެއް ދިން ކަމަށާއި އެ ސީޑީން ލޯންޗު ގޮވި އިރު އަލިފާން ފެންނަ ކަމަށް މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފިނިފެންމާ ލޯންޗުގެ ހާދިސާއާ ގުޅިގެން އޭނާ ހިއްސާ ކުރެއްވި މައުލޫމާތުތަކަކީ އެއްވެސް ނުފޫޒެއްގެ ދަށުވެގެން އޭނާ ހިއްސާ ކުރެއްވި މައުލޫމާތެއް ނޫން ކަމަށެވެ.

comment ކޮމެންޓް