ސިޔާމް މައުރޫފް ކަޕް 2018ގެ ފައިނަލަށް ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރު ކުރި މުބާރާތް ބާއްވާ ރަށް ކަމަށްވާ ކެނދިކުޅޫ އާއ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ދަތުރު ކުރި ހޮޅުދޫ ދަތުރުކޮށްފި އެވެ.
މުބާރާތުގެ ފައިނަށް، ކެނދިކުޅުދޫ ދަތުރު ކުރީ އެ ޓީމު ސެމީގައި މިދިޔަ ހޮނިހިރު ދުވަހު ކުޑަފަރީއާ ބައްދަލު ކުރި މެޗުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކަށް ފަހު މެޗުން މޮޅުވީ ކެނދިކުޅުދޫ ކަމަށް މުބާރާތުގެ ޑިސިޕްލިނަރީ ބޯޑުން ނިންމުންނެވެ.
އެ މެޗުގެ 87 ވަނަ މިނެޓުގައި ހިނގައި ދިޔަ ހަމަނުޖެހުމުގައި ކުޑަފަރީގެ ދެ ކުޅުންތެރިޔަކު ވަނީ ރެފްރީއަށް ހަމަލާ ދީފަ އެވެ. އޭރު 2-1ގެ ނަތީޖާއިން ކުރީގައި އޮތީ ކެނދިކުޅުދޫ އެވެ. އެ ހަމަނުޖެހުމުގެ ސަބަބުން މެޗު ކުރިއަށް ނުގެންދެވުމުން، މުބާރާތުގެ ޑިސިޕްލިނަރީ ބޯޑުން ފަހުން ނިންމީ މެޗުން މޮޅުވީ، ހަމަނުޖެހުން ހިނގައި ދިޔަ އިރު ކުރީގައި އޮތް ކެނދިކުޅުދޫ ކަމަށެވެ.
އިއްޔެ މުބާރާތުގެ ދެވަނަ ސެމީ ފައިނަލުގައި ހެނބަދޫ އާއި ހޮޅުދޫ ބައްދަލު ކުރި މެޗު 3-0ގެ ނަތީޖާއިން ކާމިޔާބު ކުރީ ހޮޅުދޫ އެވެ. ހޮޅުދޫގެ ގޯލުތައް ކާމިޔާބު ކޮށްދިނީ އަބްދުލް ވަދޫދު އާއި މުހައްމަދު ފާރިޝް އެވެ. އެއާ އެކު އެ ޓީމު ވަނީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.
މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ހަވީރު ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑުގަ އެވެ. މިފަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި 600000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.
ސިޔާމް-މައުރޫފް ސޮކަރ ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ މުބާރާތެކެވެ.