އަރިއަތޮޅު ރިސޯޓެއްގައި އެންމެ ހަތަރު ދިވެހިން، ދެން ހުސް ބިދޭސީން!

ދިވެހިންނާއި ބިދޭސީން ތަނަކަށް ޖަމާވެފައި: ރާއްޖޭގެ ރިސޯޓެއްގައި އެންމެ ހަތަރު ދިވެހިން ފިޔަވާ ހުރިހާ ވަޒީފާއެއްގައި އުޅެނީ ބިދޭސީ -- ސަން ފޮޓޯ/ އަލީ ނަސީރު

ރާއްޖޭގެ ރިސޯޓެއްގައި އެންމެ ހަތަރު ދިވެހިން ފިޔަވައި އެހެން ހުރިހާ ވަޒީފާއެއް ބިދޭސީން މަސައްކަތް ކުރަމުން އަންނަކަމަށް، ލޭބާ ރިލޭޝަންސް އޮތޯރިޓީން (އެލްއާރުއޭ) އިން މިއަދު ބުނެފި އެވެ.

މިހާރު އެ އޮތޯރިޓީން އިން ބަލަމުންދާ މައްސަލައަކަށް ވާތީ އެ ރިސޯޓެއްގެ ނަމެއް އެލްއާރުއޭ އަކުން ނުބުނެއެވެ. އަދި ތަހުގީގު މަރުހަލާ ނިމުމުން އެ މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެއީ އަރިއަތޮޅަށް ނިސްބަތްވާ ރަށެކެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ބިދޭސީން ކަމެއް ސާފެއް ނުވެއެވެ.

އެލްއާރުއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރު އަލީ ޝަރީފް ވިދާޅުވީ، އެ އޮތޯރިޓީގެ ފަރާތުން 30 ރިސޯޓެއްގައި ވަޒީފާ އަދާ ކުރަމުންދާ ފަރާތްތަކަކީ ގަވާއިދާ އެއްގޮތަށް ވަޒީފާ އަދާ ކުރަމުންދާ ފަރާތްތަކެއްތޯ މި އަހަރު ބަލާފައިވާ ކަމަށެވެ.

އެގޮތުން އެއް ރިސޯޓުގައި ހަތަރު ދިވެހީން ފިޔަވައި ވަޒީފާ އަދާ ކުރަމުން ދިޔައީ ހުސް ބިދޭސީން ކަން ފާހަގަ ކުރެވުނު ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި މަހު ތެރޭ ކުރެވުނު އިންސްޕެކްޝަންއަކުން ފާހާގަ ކުރެވުނު، ދިވެހި ހަތަރު މީހުން ދެން ހުސް ބަންގްލަދޭޝް މީހުން. ރިސެޕްޝަންގައި ވެސް. ވޭއިޓަރަކަށް ވެސް އަދި ކައްކަން ވެސް ބަންގްލަދޭޝް މީހެއް. ހުރިހާ ކަމެއްގައި ބަންގްލަދޭޝް މީހުން. ގެންޓުންނާވެސް ވާހަކަ ދައްކަން،" އޭނާ ވިދާޅުވި އެވެ.

https://www.sun.mv/113262

އަލީ ޝަރީފް ވިދާޅުވި ގޮތުގައި، ކޮންޓްރެކްޓަރު ހަދާފައި އެކި މަސައްކަތްތަކަށް ކޮންޓްރެކްޓްގެ އުސޫލުން ބިދޭސީން ކުއްޔަށް ހިފައިގެން ރިސޯޓްތަކުގައި ބިދޭސީން މައްސަކަތް ކުރަމުންދާ ކަމަށެވެ.

ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ގެންނަ ބިދޭސީން ވެސް ރަށު ތެރެއަށް ދޫކޮށްލެވިފަ!

އަލީ ޝަރީފް ވިދާޅުވި ގޮތުގައި ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ގެންނަ ބިދޭސީން ޕްރޮޖެކްޓް ކުރިއަށް ނުގޮސް ރަށުތެރެއަށް ދޫކުރެވި، އެގޮތަށް ގެންނަ ބިދޭސީންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

"ސަރުކާރުގެ ޕްރޮޖެކްޓްތަކަށް [ގެންނަ ބިދޭސީން]، މިސާލަކަށް ނަރުދަމާއަޅަން، ނުވަތަ ޓުއަރިޒަމް ތަރައްގީ ކުރާ ޕްރޮޖެކްޓްތަކަށް ދޫކޮށްފައ މިހުންނަނީ. ޕްރޮޖެކްޓް ނުއެއް ހިނގާ. ނަމަވެސް ލިޔެކިޔުމުން ކޯޓާ ހޯދާފައި، ބިދޭސިން އެތެރެކޮށްފައި ރަށު ތެރެއަށް ދޫކޮށްލެވިފަ މިހުންނަނީ،" އަލީ ޝަރީފް ވިދާޅުވީ ލިޔެކިޔުމަށް ބަލާފައި ކޯޓާ ދޫކޮށްފައި އެގޮތަށް ގެންނަ ބިދޭސީން ވެސް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ، ރާއްޖޭގައި ހިންގާ ބޭރުގެ ކުންފުނިތަކުން ވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވައި މަސައްކަތް ކުރުވަމުންދާ ކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުން އަންނަ ކަމަށެވެ.

https://www.sun.mv/113263

އެ އޮތޯރިޓީން ބުނި ގޮތުގައި މިއަހަރު މިހާތަނަށް ރިސޯޓްތައް ފިޔަވާ 318 ތަނެއް އިސްޕެކްޓް ކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އެއްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓިން ބުންޏެވެ.

comment ކޮމެންޓް