ޝުމްބާ ގޭ ބަންދުން ދޫކޮށްލަން އަމުރު ކޮށްފި

ޝުމްބާ ގޮންގް މީގެ ކުރިން ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ޖަލަށް ގެންދަނީ: އޭނާ ގޭ ބަންދުން ދޫކޮށްލުމަށް މިއަދު ވަނީ ކޯޓުން ހުކުމް ކޮށްފައި ----

ބިރުދެއްކުމުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު ނައިލޯނުގެ އަހްމަދު އަޝްރަފް (ޝުމްބާ ގޮންގް) ގޭ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.

ޝުމްބާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ 2015 އަހަރުގެ އޮކްޓޯބަރު މަހުގެ ތަފާތު އެކި ދުވަސްމަތިން ތަފާތު އެކި މޮބައިލް ނަންބަރުތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ޕީޕީއެމް ކައުންސިލް މެމްބަރު ޒާހިދު ރަމީޒުގެ ފުރާނަ އަށާއި މުދަލަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ބުނެއެވެ.

ޝުމްބާގެ މައްޗަށް 2016 ވަނަ އަހަރު އެ ދައުވާ ކުރުމަށް ފަހު އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމަރުކޮށްފަ އެވެ.

ޖަލު ބަންދުގައި އަހަރަކަށް ވުރެ ގިނަ ދުވަހު ބެހެއްޓުމަށް ފަހު ޝުމްބާ ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް އެއް ވަނަ ދުވަހު އެވެ. ނަމަވެސް ރިޔާސީ އިންތިހާބުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަލިވުމާ އެކު ޝުމްބާ އަންނަނީ ބޭރުތެރޭގައި ހަރަކާތްތެރިވަމުންނެވެ. އަދި އަލަށް އުފެއްދި އެމްޓީޑީއަށް ސޮއިކޮށް އެ ޕާޓީއަށް މީހުން އިތުރުކުރުމަށް ޝުމްބާ އަންނަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްއާ ގާތް ގުޅުމެއް އޮންނަ ޝުމްބާ ހައްޔަރުކޮށްފައި ވަނީ 2015 ވަނަ އަހަރު ސްރީލަންކާގައި ހުއްޓަ އެވެ. އޭރު އޭނާ ހޯދުމަށް ފުލުހުން ފޮޓޯ އާންމުކޮށްފައި ވަނީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށެވެ.

comment ކޮމެންޓް