އެއްގަމު އުޅަނދު ޕާކު ކުރުމަށްް ހުއްދަ ދީފައިވާ ގަރާޖުތަކުގައި އުޅަނދު ޕާކު ކުރުން ނޫން އެހެން މަސައްކަތެއް ކުރާ ނަމަ އެ ގަރާޖަކަށް އުޅަނދު ރަޖިސްޓްރީކޮށް ނުދޭ ގޮތަށް އުސޫލަށް ބަދަލު ގެނެސް، ގަވާއިދާ ހިލާފުވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރަން ޓްރާންސްޕޯޓް އޮތޯރިޓީ އިން ނިންމައިފި އެވެ.
ޓްރާންސްޕޯޓު އޮތީރިޓީ އިން މި އުސޫލަށް ބަދަލުގެނެސްފައި ވަނީ މިއަދު އެވެ. އަދި އުސޫލަށް އަމަލު ކުރަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނީ އެކަންކަން މޮނީޓާކޮށް، އުސޫލަށް ތަބާވޭތޯ ބެލުމަށް ޓްރާންސްޕޯޓު މިނިސްޓްރީ އާއި އޮތޯރިޓީ އިން އިންސްޕެކްޓު ކުރާނެ ކަމަށެވެ.
އަލަށް އެކުލަވާލި އުސޫލުގައި ވަނީ އޭ ޒޯނުގައި ރަޖިސްޓްރީ ކުރުމަށް ދެ ފުރޮޅުލީ އެއްވެސް އުޅަނދެއް ކުރިން ރަޖިސްޓްރީކޮށްފައިވާ ނަމަ އެ އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ގަރާޖުގައި ގަރާޖު ކުރަމުން ނުދާކަން ނުވަތަ އެ އުޅަނދަކީ މަގުމަތީގައި ގަރާޖު ކުރުމަށް ބޭނުންކުރާ އުޅަނދެއްކަން ފާހަގަ ވެއްޖެ ނަމަ އެފަދަ ފަރާތްތަކަށް އޭ ޒޯނުގައި ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށް ނުދެވޭނެ ކަމަށެވެ.
އަމިއްލަ ވެހިކަލް ބޭއްވުމަށް ގަރާޖަށް ދީފައިވާ ހުއްދައިގެ ދަށުން ރަޖިސްޓްރީ ކުރެވޭނީ އެ ގޭގެ ވެރިފަރާތުގެ އުޅަނދާއި ގޭގެ ރަޖިސްޓްރީގައިވާ މީހުންގެ އުޅަނދުތައް އެކަނި ކަމަށް ވެސް އުސޫލުގައިވެ އެވެ.
ވިޔަފާރީގެ ގޮތުން ވެހިކަލް ގަރާޖެއްގެ ގޮތުގައި ބޭނުން ކުރުމަށް ހުއްދަ ދީފައިވާ ގަރާޖުތަކުގައި ދެ ވެހިކަލަށް ވުރެ ގިނައިން ގަރާޖުކުރަން ބޭނުންވާ ނަމަ އެ ގަރާޖަކީ 24 ގަޑި އިރު އުޅަނދު ގަރާޖު ކުރެވޭ ގޮތަށް، އެތަން ހުޅުވާ ލެއްޕުމަށް ސެކިއުރިޓީން ބައިތިއްބާ ތަންތަނަށް ވާންޖެހޭނެ ކަމަށް ވެސް އަލަށް އެކުލަވާލި އުސޫލުގައިވެ އެވެ.
މީގެ އިތުރުން މާލޭގައި ރަޖިސްޓްރީކުރާ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށް، ރަޖިސްޓްރީ ހަވާލުކުރާ އިރު އެ އުޅަނދު މެންދަމު 12 އިން ހެނދުނު ހަޔަކާ ދެމެދު އެއް ގަޑިއިރަށް ވުރެ ގިނަ އިރު ޕާކު ކޮށްފައި ބާއްވާ ނަމަ އޮންނަން ވާނީ ގަރާޖުގައިކަން އުޅަނދުގެ ވެރިފަރާތަށް ލިޔުމަކުން އަންގަންވާނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނީ މި އުސޫލާ ހިލާފުވާނަމަ އުޅަނދުގެ ރަޖިސްޓްރީ ބާތިލް ކުރާނެ ކަމަށެވެ. އަދި މިކަންތައް މޮނީޓާކޮށް، އުސޫލަށް ތަބާވޭތޯ ބެލުމަށް ޓްރާންސްޕޯޓު މިނިސްޓްރީ އާއި އޮތޯރިޓީ އިން އިންސްޕެކްޓު ކުރާނެ ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.
އެ އުސޫލުގެ ދަށުން ރަޖިސްޓްރީ ބާތިލް ކުރާނީ އެކެއް ޖެނުއަރީން ފެށިގެން ރަޖިސްޓްރީ ކުރާ އުޅަނދުތައް ކަމަށް އޭނާ ބުންޏެވެ.