ދިވެހި ކުންފުނިތަކުގައި ވީހާވެސް މަދުން ބޭރުގެ މުވައްޒަފުން ބޭނުން ކުރެއްވުމަށް ދައުލަތައް ގިނަ ދުވަހު ހިދުމަތް ކުރެއްވި، ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާ އައްބާސް އިބްރާޙިމް ވިދާޅުވެއްޖެއެވެ.
ރޭ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018ގެ ގާލާ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ، އަޅުގަނޑުމެންގެ އަމިއްލަ އުފެއްދުންތެރިކަން މަދުވެ، ބޭރުގެ ބަޔަކު އަޅުގަނޑުމެންތެރެއަށް އައިސް ހުރިހާ ފައިދާއެއް ނެގުމަކީ "އަލި މުސްތަޤްބަލެއް" އޮތް ކަމެއް ނޫން ކަމަށެވެ.
"ގައުމު ދެކެ ލޯބިވާ، ގައުމުގެ ކަންތައްތަކާ މެދު ފިކުރު ކުރާ މީހެއްގެ ހައިސިއްޔަތުން މިތާ މިވާހަކަ މި ދަންނަވާލީ. ތިޔަބޭފުޅުންގެ ވިޔަފާރީގެ ތެރޭގައި ބޭރުގެ މުވައްޒަފުން ބޭނުން ކުރެވެން އޮތް އެންމެ މަދު މިންވަރަކަށް ބޭނުން ކުރެއްވުމަކީ އަޅުގަނޑުމެން ވިސްނަން ޖެހޭ،" ހަފްލާއަށް ވަޑައިގެންނެވި ވޮޔަފާރިވެރިންނަށް އިޝާރާތްކޮށް، އައްބާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަމާމެދު ވިސްނާނުލައި ތިބެން ވެއްޖެ ނަމަ އެކަން "އެހެން ގޮތަކަށް" ބަދަލުވެދާނެ ކަމަށެވެ.
ރާއްޖޭގެ ކުންފުނިތަކުގައި ގިނަ އަދަދަކަށް ބިދޭސީ މަސައްކަތްތެރިން ވަޒީފާ އަދާކުރެއެވެ.
ހަފްލާގައި އިތުރަށް ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ، ވިޔަފާރިވެރިންނާއި ސަރުކާރު، މި ދެ ފަރާތް ދެ ފަރާތުގެ އަޅުންނަށް ވެގެން ނުވާނެ ކަމަށާއި ދެ ފަރާތުންވެސް ކުރަންވާނީ ގައުމުގެ މަސްލަހަތައްޓަކައި ރައްޔިތުންނަށް ފާއިދާ ހުރި މަސައްކަތް ކަމަަށެވެ.
"ސަރުކާރުގެ ބޭނުމަކަށް ވިޔަފާރިވެރިން ގެންގުޅެވޭ ގޮތަށް ނުވަތަ ވިޔަފާރިވެރިންގެ ބޭނުމަކަށް ސަރުކާރު ގެންގުޅެވޭގޮތަކަަށް އެކަން އެގޮތަށް އޮވެގެން ނުވާނެ. ދެ ފަރާތުގެ މަގްސަދަކަށް ވާންވާނީ ރައްޔިތުންނަށް އެންމެ ފާއިދާ ހުރި ގޮތަށް، ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތަށް، މަސައްކަތް ކުރެއްވުން،" ސަރުކާރުގެ ގިނަ ވުޒާރާތަކުގެ ވަޒީރުކަންވެސް ކުރެއްވި އައްބާސް ވިދާޅުވިއެވެ.
މީގެ ތެރެއިން ދެފަރާތުންވެސް އަނެއްފަރާތުގެ އަޅަކަށް ވެއްޖެ ނަމަ، ރައްޔިތުންނާއި ގައުމުގެ ކަންތައް ހުންނާނީ ބޮއްސުންލާފައި ކަމަށާއި އެކަމެއް ރަނގަޅަކަށް ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަބަދުވެސް ނެގޭނީ ވިޔަފާރިވެރިންގެ މަސްލަހަތު ނުވަތަ ސަރުކާރުގެ ނުފޫޒު ކަމަށް އައްބާސް ވިދާޅުވިއެވެ.
ރާއްޖޭގައި ހިންގާ ޕީއާރު، މާކެޓިންގް އަދި ބިޒްނަސް ޑިވެލޮޕްމެންޓް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ބްލޭޒަން އިން އިންތިޒާމްކޮށްގެން ރާއްޖޭގައި އަލަށް ދޭން ފެށި ވިޔަފާރިވެރިންގެ އެވޯޑްގައި، 12 ދާއިރާއަކުން ކުންފުނި ތަކަށް އެކްސެލެންސް އެވޯޑާއި ފަސް ކުންފުންޏަކަށް އެކި އެކި ރޮގު ރޮގުން އެކްސެލެންސް އެވޯޑް ދީފާވެޔެވެ. އަދި އިންޑިވިޖުއަލް ބިޒްނެސް އެވޯޑް ހަތަރު ފަރާތަކަށް ދީފައިވެއެވެ.
މީގެ އިތުން އެލީޓް އެވޯޑްގެ ތެރޭގައި ހިމެނޭ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވިލާ ގުރޫޕްގެ ޗެއަމަން ގާސިމް އިބްރާހީމްއަށް ލިބުނު އިރު ބިޒްނެސް އޮފް ދަ އިޔާ އެވޯޑް ލިބުނީ އެލައިޑް އިންޝުއަރެންސް އަށެވެ.
އަންނަ އަހަރުވެސް ބިޒްނަސް އެވޯޑު ދޭނެ ކަމަށް ބްލޭޒަން އިން ވަނީ ބުނެފައެވެ.