މުތާގެ "ބާޒީ..." އަނެއްކާވެސް ސަންއަށް!

މީގެ ދެ އަހަރެއްހާ ދުވަސް ކުރީން، ޒުވާން ވާހަކަ ލިޔުންތެރިޔާ، މުޠައްހަރު އިބްރާހީމް (މުތާ)، ސަން އޮންލައިނަށް ލިޔަމުން ގެންދިޔަ ވާހަކަ "ބާޒީ..." އަކީ ކިޔުންތެރީންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ވާހަކައެކެވެ. ނަމަވެސް ވަކި ހިސާބަކުން ވާހަކަ މެދުކެނޑުނީއެވެ.

މުތާގެ "ބާޒީ..." އަށް ވީގޮތެއް ނޭނގި ގިނަ ބަޔަކު ތިބީ މާޔޫސް ކަމެއްގެ ތެރޭގައެވެ. އަދި މުތާގެ އާ ވާހަކައަކަށް އިންތިޒާރު ކުރާ ކަމަށް ވެސް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އޭރު އެ ވާހަކަ މެދުކަނޑާލަން ޖެހުނީ މުތާ ބަލިވުމުގެ ސަބަބުންނެނެވެ.

މުތާ މިހާރު ވަނީ އެނބުރި ސަންއާ ގުޅިފައެވެ. އަދި "އިންދިރާސް..."ގެ ނަމުގައި މިހާރުވަނީ އާ ވާހަކައެއް ސަންގައި ޝާއިއުކުރާން ފަށައިފައެވެ. ނަމަވެސް މުތާ ވަނީ، "ބާޒީ..."ގެ އިންތިޒާރުގައި ތިބި ކިޔުންތެރީންވެސް މާޔޫސް ނުވުމަށް ބުނެފައެވެ. ސަބަބަކީ މުތާގެ އެނބުރި އައުމާއެކު ސަންއިން އަނެއްކާވެސް "ބާޒީ..." ގެންނަން ނިންމާފައިވާތީއެވެ.

https://sun.mv/113086

"ބާޒީ..." އަކީ، މި ބަހުގެ މާނައެކޭ އެއްފަދައިން (މަސައްކަތެއް ކުޅައުމުގައި ނުވަތަ ކުޅިވަރެއް ކުޅުމުގައި ކިޔާ ވާދަ. ވާދަކުރާ ކަންތަކުގައި ލިބޭ މޮޅު.) ދެ ޖަމާއަތެއްގެ ދެމެދުގައި ހިނގާ ވާދަވެރިކަމުގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. މިއީ އިންސާނުންނާއި ޖިންނީންގެ މެދުގައި ހިނގާ ހަޅުތާލެއް ސިފަކޮށްދޭ ތަފާތު ވާހަކައެކެވެ.

މާދަމައިން ފެށިގެން ކޮންމެ ހުކުރު ދުވަހަކު، މުތާގެ "ބާޒީ..." ސަންގައި ޝާއިއުކުރާނެއެވެ. މިފަހަރު، އިރާދަކުރެއްވިޔާ ވާހަކަ މެދުކަނޑާނުލައި ނިންމާލާނޭކަމުގެ ޔަގީންކަންވެސް ކިޔުންތެރީންނަށް މުތާ ދެއެވެ.

ސ. ހިތަދުއަށް އުފަން މުތާ އަކީ 2013 ވަނަ އަހަރުން ފެށިގެން ވާހަކަލިޔަމުން އަންނަ ލިޔުންތެރިއެކެވެ. ތަފާތު އެކި ކަހަލަ މައްސަލަތަކުގެ މައްޗަށް މުތާ ވަނީ ވާހަކަ ލިޔެފައެވެ. އޭނާގެ ތިން ވާހަކަ ފޮތެއް ޗާޕުކޮށްގެން ވިއްކާފައިވެސް ވެއެވެ. އެއީ "ލޯބީގެ ނޫރު" އާއި "ތި ގަދަރު ފަނޑުވާނެހޭ" އަދި " ޔާރު މިވަނީ ލޯތްބޭ" އެވެ.

"ފޮހެވޭނެ ބާއޭ" އާއި "އޯގާވީ ހިތަކުން" އަދި "އެވްލިީން" އަކީވެސް ކިޔުންތެރީންގެ މެދުގައި މަގުބޫލުވެގެންދިޔަ، މުތާގެ ބައެއް ވާހަކަތަކެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު