ބާޒީ... (9)

އެތައް އިރެއް ވަންދެން ޒިޔަޒަން ދެއްކި ވާހަކަތަކަށް ފިކުރު ހިންގަން ޝާޢާ އިނެވެ. އޭނަގެ ހިތުގައި ހައިޖާންގަނޑެއް އުފެދިފައި ވެއެވެ. ޤަބޫލުކުރަންވީ ކާކުގެ ވާހަކައެއްކަން ވެސް ނިންމަން ޝާޢާއަށް އުނދަގޫވެފައި ވިއެވެ. ހަމައެއާއެކު ޒިޔަޒަންގެ ފަރާތުން އޭނައަށް ނުރައްކަލެއް ފެނިދާނެކަމުގެ ނިޝާނެއް ވެސް ނުފެނުނެވެ. އެހިނދު އޭނަގެ ހިތުގެ ކަނަކުން ގޮވާލިއެވެ. ޒިޔަޒަންއަށް އިތުބާރުކުރަންވީ ހެއްޔެވެ؟ ޒިޔަޒަން އެދިއްކުރާ އެހީގެ އަތުގައި ހިފަންވީ ހެއްޔެވެ؟ އަފަދައިން ކަންތައްކޮށްފިއްޔާ ވާނީ ކިހިނަކުން ހެއްޔެވެ؟ ޒިޔަޒަންގެ މަޤުސަދަކީ ކޮބާ ހެއްޔެވެ؟

ޖަވާބު ނުލިބޭ ސުވާލުތަކުގެ ފުންޏެއް ޝާޢާގެ ހިތުގައި ވިއެވެ. އޭނަގެ ކަންފަތުގެ ތެރޭގައި ތަކުރާރުވަމުން ދިޔައީ ކާފައާ މެދު ޒިޔަޒަން ދެއްކި ވާހަކަތަކެކެވެ. އޭނައަށް ހަދަންވީ ކިހިނެއްކަމެއް ނޭގުނެވެ. ދިރިއުޅުމުގައި ހަތަރުއަނގޮޅި ކަންމައްޗަކަށް އާދެވިފައިވާ ކަހަލައެވެ. ދާންވީ ކޮން މިސްރާބަކުންކަމެއް ނޭގުނެވެ. ޚިޔާރުކުރާ މަގެއްގެ ސަބަބުން އިތުރު އަނދަވަޅަކަށް ވެއްޓިދާނެކަމުގެ ބިރު އެބަ އޮތެވެ.

''ކާފައަކީ ހަޤީޤަތުގައި ވެސް ނުބައި މީހެއްތަ؟...'' ޝާޢާއަށް އޭނަގެ ހިތާއި ސުވާލުކޮށްލެވުނެވެ. މުޅި ދަން ހޭދަވެގެން ދިޔައީ ވިސްނާ ފިކުރުކުރުމުގައެވެ. ފުންނޭވާތަކެއް ދޫކޮށްލި ޝާޢާއަށް އޭނަގެ ބޮލުގައި ހިފަހައްޓާލެވުނީ ބޮލުގައި ރިއްސަން ފެށުމުންނެވެ.

''ޒިޔަޒަން... އޭނަ އަހަންނަށް އެހީވެދޭން އެއުޅެނީ ކީއްވެ، އޭނަ އެއީ އަސްލަށް ވެސް ރަގަޅު މީހަކީތަ؟... އޭނަގެ ވިސްނުން ހަމަ ތަފާތީތަ؟... އޭނަ އެދިއްކުރާ އަތުގައި އަހަރެން ހިފަންވީތަ؟... އޭރުން އަހަންނަށް މިތަނުން ސަލާމަތް ވެވިދާނެތަ؟... އެކަމަކު ކީއްވެތަ އޭނަގެ ބައްޕައާއި ދެކޮޅަށް އަހަންނަށް އެހީވާން އެއުޅެނީ؟...'' ޝާޢާ އޭނަގެ ޒަމީރާ ސުވާލުކުރިއެވެ.

*****

މުޅިން އައު ދުވަހަކަށް ފެނުން ތޮޅެލި އިރާއެކު ރަށު ތެރެއަށް ފެތުރިފައިވަނީ ޔޫނުސްގެ މަރުގެ ޚަބަރެވެ. ދާދި ކައިރިކައިރީގައި ހިނގާ ދިޔަ ދެހާދިސާއަށް ފަހު ރަށުގެ ރައްޔިތުންނަށް ޝޮކު ލިބިފައި ވެއެވެ. ފާއިތުވި ހަފްތާއެއްހާ މުއްދަތުގެ ތެރޭގައި އެއީ ތިންވަނަ މަރު ވިއްޔާ އެވެ. ރަށުގެ ޒުވާން އަންހެން ކުއްޖަކަށް ވީނުވީ އެއް ނޭގި ވަނީ ގެއްލިފައެވެ. ދެހާދިސާގައި ވެސް އާދަޔާ ޚިލާފު ކަންތަކެއް އެކުލެވިފައި ވިއެވެ. ޑޮކްޓަރުން ޔޫނުސް ބަލާފައި ތޫނު އެއްޗެއް ޔޫނުސްގެ ބަނޑަށް ހެރިފައިވާ ކަމަށް ބުންޏެވެ. ޔޫނުސް މަރުވާން މެދުވެރި މައިގަނޑު ސަބަބަކަށް ވެސް ވީ އެކަމެވެ. ގިނަ ބަޔަކު ބުނީ އެއީ އެކްސިޑެންޓްވި ވަގުތު ޔޫނުސްއަށް ލިބުނު އަނިޔާއެއް ކަމަށެވެ. އާޚިރުގައި ނިމިގެން ދިޔައީ ވެސް އެހެންނެވެ. ބުއްދިއަށް ޤަބޫލުކުރެވެން އޮތް ގޮތަކީ ވެސް އެއީއެވެ. ސުވާލުނުލިބޭ ކުޅިގަނޑެއްގެ ތެރޭގައި ސިކުނޑިi ގާނަން މީހުން ބޭނުންނުވާތީ އެވެ. ހަމައެއާއެކު ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ވެސް ބޭނުންނުވާތީއެވެ.

*****

ވަޒީރުންނާ މަޝްވަރާތަކެއްކޮށް ނިންމާލުމަށްފަހު ކޮޓަރިއަށް އައިސް ވަން ހާތިބަށް ބަރްކާ ފެނުމުން އަހާލީ ޒިޔަޒަން ކޮބައިތޯ އެވެ.

''ޒިޔަޒަން ވީ އޭނަގެ ރައްޓެހިންނާއެކު ބޭރަށް ގޮސް...'' ބަރްކާ ޖަވާބު ދިނެވެ.

''ކޮންތާކަށް؟...'' ހިތްހަމަނުޖެހިފައިވާ ރާގަކަށް ހާތިބު ބުނެލިއެވެ. މިހާރަކަށް އައިސް އޭނަ ހުންނަނީ ބަރްކާ ދެކެ ރުޅި އައިސްފައެވެ. އޭނަގެ ނިންމުންތަކަށް ފާޅުގައި ފާޑުކިޔާތީ އެވެ.

''ނުބުނޭ ދިޔަ ތަނެއް...'' ބަރްކާ ޖަވާބު ދާރީ ވިއެވެ. ބަރްކާގެ އެޖަވާބުން ހާތިބު ގާތަށް ވަކިން ރުޅިއައެވެ. ހިތްހަމަ ނުޖެހުމާއެކު އޭނަ ކޮޓަރިން ނިކުންނަން ދިމާ ކޮށްލިތަނާ ހުއްޓެވުނީ ބަރްކާ ގޮވާލުމުންނެވެ.

''ހާތިބު ތިއުޅޭ ގޮތަކުން އަހަރެން ކަންބޮޑު އެބަވޭ... އެއްފަހަރު ވެސް ނަފުރަތު އެއްފަރާތްކޮށްލުމަށްފަހު ސިކުނޑި ހުޅުވާލަބަލަ، އޭރަށް ތިކުރެވޭ ކަންތައް އިހުސާސްކުރެވޭނެ... ހާތިބު ގެއްލިގެންދާކަށް އަހަރެން ބޭނުމެއް ނޫން...'' ބަރްކާ ވާހަކަދައްކަމުން އައިސް ހާތިބު ކުރިމައްޗަށް ހުއްޓުނެވެ. އޭނަ މަސައްކަތްކުރީ ހާތިބަށް ވިސްނައިދޭށެވެ. އޭރު އަނދައަނދާ ހުރި ޕެޓްރޯލަށް އެއަޅާލެވުނީ ޕެޓްރޯލުކަމެއް އޭނައަކަށް ނޭގެއެވެ.

''ކަލޭ މަށަށް ރަގަޅު ގޮތް ނުދެއްކިއްޔާ ރަގަޅުވާނީ؟... މަ ބޭނުން ގޮތެއް ހަދާނީ!، އެއިންސާނުންނަށް އަހަންނަށް ގެއްލުމެއް ނުދެވޭނެ، އަހަރެން އެމީހުނަށް ވުރެ މާ ބާރުގަދަ ވާނެ...'' ހާތިބުގެ އަޑުގައި ވަނީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. އެއީ އޭނަގެ ލޯބިވާ ފިރިމީހާ ތާއަބަދަށް ގެއްލުނުކަން ބަރްކާއަށް އިހުސާސް ކުރެވުނު ވަގުތު ކޮޅެވެ. ހާތިބުގެ މުޅި ނަފުސު އެވަނީ އަލިކަމެއް ނުވާ އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައެވެ. ހިތާމައަކީ އެއަނދަވަޅުން ސަލާމަތްވާން ހާތިބު ބޭނުން ނުވާ ކަމެވެ. ހާތިބު އެވަނީ ޝައިތާނީ ވަސްވާހަށް ހިތާއި ސިކުނޑި ހުޅުވާލާފައެވެ.

''ހާތިބު...'' ބަރްކާއަށް ގޮވާލެވުނެވެ.

''ބަރްކާގެ ބޭނުމަކީ ކޮބާތަ؟... އެއިންސި ދޫކޮށްލުންތަ؟... އެހެންކަމުގައި ވާނަމަ އެކަމެއް ނުވާނެ... މީގެ ފަހުން އެއީ އަހަރުމެން މުނިފޫހިފިލުވުމުގެ ވަސީލަތެއް...'' ހާތިބުގެ ޖުމްލައާއެކު ބަރްކާގެ ދެލޯ ބޮޑުވެގެން ދިޔަ އެވެ. ސިހުން ލިބުނު ހިނދު އޭނައަށް ހާތިބުގެ މުލައްދަނޑީގައި ހިފަހައްޓާލެވުނެވެ.

''ހެޔޮނުވާނެ އެހެން ހަދަން، އެވެސް އިހުސާސްތަކެއް ލައްވާފައިވާ ފަރާތެކޭ... ތިކުރެވެން އުޅެނީ ކިހާ ވިޔާނުދާ ދަށުދަރަޖަިއގެ އަމަލެއްކަން ހާތިބަށް ހަމަ ނުވިސްނޭތަ؟... އެ އަންހެންކުއްޖާއަށް އެފަދަ ހިތާމައެއް ނުދީ... ހާތިބަށް ކުރެވުނު ކަންތައް އަދިވެސް....'' ބަރްކާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ހާތިބުގެ ހޫނު އަތްތިލައިގެ ހަމަލާއެއް ބަރްކާގެ ކޯތާފަތް މައްޗަށް އެރިއެވެ. އެހަމަލާގެ ބާރު ގަދަކަމާއެކު ބަރްކާ ވިއްސައިގެން ގޮސްފައި ވެއްޓުނެވެ. އޭރު އޭނަގެ ތުންފަތްމަތި ވެސް ފަޅައިގެން ގޮސް ލޭ އާދެއެވެ. ބަރްކާއަށް އޭނަގެ މޫނުގައި ފިރުމާލެވުނީ ނަގަމުން ދިޔަ ދިލައަށް ލުޔެއް ހޯދައި ދިނުމުގެ ނިޔަތުގައެވެ.

''ކަލޭ ވިސްނަންވީ އަމިއްލަ ނަސްލާ ދޭތެރޭ... އެމީހުންނާ ދޭތެރެއަކު ނޫން!...'' ވައިރޯޅީގެ ބާރުމިނުގައި އައިސް ބަރްކާއާ ދިމާއަށް ގުދުވެލަމުން ހާތިބު ހަޅޭއްލަވައިގަތެވެ. ''މީގެ ފަހުން މަގޭ ނިންމުމަކާ މެދު ކަލޭ ފާޑުކިޔައިގެން ނުވާނެ، މަގޭ މިއަމުރާ ޚިލާފު ވެއްޖެނަމަ ތީ މަގޭ އަންހެނުންކަން ހަނދާން ނައްތާލާނަން، ސާފުވެއްޖެތަ؟...''

ބަރްކާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ހާތިބު އޭނަގެ ލޯކުރިމަތިން ގެއްލުމާއެކު އޭނައަށް ގިސްލެވިއްޖެއެވެ.

*****

ޒިޔަޒަން އާއި ރަޒާންގެ އިތުރުން އީވާ ރަށުތެރެއަށް އަރައިގެން އައީ އިރުއޮއްސެން ކައިރިވި ފަހުންނެވެ. އޭރު ރަށުތެރެ ވަނީ ވަރަށް ބޮޑަށް ހަލަބޮލި ވެފައެވެ. ހީވަނީ ބޮޑު ހަފްލާއެއް ބޭއްވެމުން ދިޔަ ހެންނެވެ. ލިބުނު ހައިރާންކަމާއެކު ތިން ޒުވާނުންނަށް ވެސް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. އެއަށްފަހު ހިނގައިގަތީ ބައިގަނޑު އެއްވެފައި އޮތް ދިމާއަށެވެ. އެމައިދާނާ ކައިރިވަމުން ދިޔަ ވަރަކަށް އަންހެން ކުއްޖެއްގެ ވޭނީ ހަޅޭކުގެ އަޑު ގަދަވަމުން ދިޔަ އެވެ. ޒިޔަޒަންގެ ކަންފަތުގައި އެއަޑު ޖެހުމާއެކު އޭނަގެ ހިތް ބިރުވެރި ގޮތަކަށް ތެޅިލިއެވެ. އޭނަގެ ހިތުގެ ތެޅުން އަވަސްވި ހިނދު ދެފަޔަށް ލެވުނުހާ ބާރަކާއެކު ޒިޔަޒަން ކުރިއަށް ހިނގައިގަތެވެ. ޒިޔަޒަންއަށް އެއައި ބަދަލާއެކު ރަޒާންގެ އިތުރުން އީވާއަށް ވެސް ހައިރާންކަން ލިބުނެވެ. އެމީހުން ވެސް ޒިޔަޒަންގެ ފަހަތުން ހިނގައިގަތެވެ.

ބައިގަނޑުގެ ތެރެއިން ގޮސް ޒިޔަޒަން ހާމައަށް ފެންނަން އޮތް ހުސް ބިމަށް ނިކުތްއިރު ފެނުނު މަންޒަރާއެކު އޭނަ ހުރީ ގަނޑުވެފައެވެ. ޝާޢާގެ ހަށިގަނޑުގައި ފޭރާމެއް ނުވެއެވެ. އޭނަގެ އަތާއި ފައި ބަނދެވިފައި ވިއިރު ޝާޢާގެ ވަށައިގެން ތިބީ ސިފަ ހުތުރު މަހުލޫޤުން ތަކެކެވެ. އެސޮރުމެންތަށް ހޭބޯނާރާ އުޅެނީ ޝަހުވަތްތެރިކަން ފުއްދުމުގައެވެ. އެއިން ކޮންމެ ފަހަރަކު ޝާޢާ ވޭނާއެކު ހަޅޭއްލަވައިގަންނަ އަޑު މުޅި ފަޒާގެ ތެރެއަށް ފެތުރިގެންދެ އެވެ. ޝާޢާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް އެއިން އެއްވެސް މަހުލޫޤަކު ފަރުވާލެއް ނުބަހައްޓައެވެ. އެއަށްވުރެ ބޮޑަށް އެސޮރުމެންގެ އެދުންވެރިކަން ބޮޑުވެފައި ވެއެވެ. އެފާހިޝް އަމަލުގައި ބައިވެރިވަމުން ދިޔަ މަހުލޫޤުންނަށް ވަށައިގެން އެއްވެފައި ތިބި ބައިގަނޑުގެ ހިތްވަރު ދިނުމުގެ އަޑު އިވެއެވެ. ޝާޢާގެ ޚަބަރު ހުސްވެ ހަރަކާތްހުއްޓުނު އިރުވެސް އެކުޅިވަރަށް ނިމުމެއް ނާދެއެވެ.

ޝާޢާއަށް ލިބެމުން ދިޔަ އަނިޔާތައް ފެނި ޒިޔަޒަންގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އޭނަގެ ހިތުގައި އިންތިހާ ދަރަޖައިގެ ރުޅިވެރިކަން ވެސް އުފެދުނެވެ. އެނުލަފާ ޖަނަވާރުންތަކުގެ ވަކިތަކުން ޝާޢާ ސަލާމަތްކުރަން ޒިޔަޒަން އަވަސްވެގަތް ހިނދު އޭނަގެ އަތުގައި ހިފަހެއްޓީ ރަޒާން އެވެ. އެއާއެކު ރަޒާންގެ އަތް ފޮޅުވާލާފައި ކުރިއަށް ދާން ޒިޔަޒަން އުޅުނެވެ. ނަމަވެސް އަނެއްކާ ވެސް ރަޒާން ޒިޔަޒަންއަށް ހުރަސް އެޅިއެވެ.

''މިހާރަކު ނޫން...'' ވަށައިގެންވި މާހައުލަށް ނަޒަރު ހިންގާލަމުން ރަޒާން ވާހަކަދެއްކިއެވެ. ފެންނަމުން ދިޔަ މަންޒަރުން އީވާ ވެސް ހުރީ އަޖައިބުވެ އަންތަރީސް ވެފައެވެ. އެހާ ރަހުމުކުޑަ އަމަލެއް ހިންގަން ހިތްވަރުދިނީ ކާކު ހެއްޔެވެ؟

''އަހަރެންގެ ގައިން ދޫކޮށްލާ، ރަޒާންއަށް ނުފެންނަނީތަ؟... އެމީހުން އެކުރާ ކަންތައް ނުފެނޭތަ؟... އެކަމާ ދެކޮޅަށް އެއްޗެކޭ ނުބުނަންވީތަ؟...'' ޒިޔަޒަންގެ އަޑުގައި ރުޅިވެރިކަން ވިއެވެ.

''ޒިޔަޒަން ހިނގާބަލަ އަހަންނާއެކު...'' ރަޒާން މަސައްކަތްކުރީ ޒިޔަޒަން އެތަނުން ގެންދާށެވެ. އެއީ ޒިޔަޒަންގެ އަމިއްލަ ސަލާމަތަށް ޓަކައެވެ. އެތާނގައި އެންމެ އިސް މޭސްތިރިއަކަށް އެހުރީ ޒިޔަޒަންގެ ބައްޕައެވެ. އެންމެންގެ ކުރިމަތީ ޒިޔަޒަން އޭނަގެ ބައްޕައާއި ކުރިމަތިލާން ހަދައިގެން ބޮޑު ހަޅުތާލުގަނޑެއް ހިނގާފާނެއެވެ. އެހެންވެ އޭނަ މަސައްކަތްކުރީ އެފަދަ ކަމެއް ވިޔަ ނުދީ ހިފެހެއްޓުމަށެވެ. އޭނަ ހަށިގަނޑުގައި ހުރި ބާރުގެ ބޭނުންކޮށްގެން ޒިޔަޒަން އެތަނުން ގެންދިޔަ އެވެ.

ރަޒާން ޒިޔަޒަން ދޫކޮށްލީ މައިދާނާ ދުރަށް ދެވުނު ފަހުންނެވެ. އޭރު ޒިޔަޒަން ރުޅިގަދަވެގެން ގޮސް ހަލާކުވާން ކައިރިވެފައި ވެއެވެ. ޒިޔަޒަންއަށް އައިސްފައިވި ބަދަލުން ރަޒާންއަށް ހައިރާންކަން ވެސް ލިބުނެވެ. އެހިނދު އޭނައަށް ކަމެއް ވިސްނުނެވެ. ޒިޔަޒަންގެ ހިތުން އެއިންސިއަށް އަހައްމިއްޔަތުކަން ދެވިފައިވާކަމެވެ. އެކަމާމެދު އޭނަ ކަންބޮޑު ވިއެވެ.

''މިހާލަތަށް ދާއިރުގައި ވެސް ކަމެއް ނުކޮށް މަޑުން ތިބެންވީތަ؟، ދުޝްމަނެކޭ ކިޔާފައި އެލާއިންސާނީ ޖަރީމާގެ ތެރެއަށް ދޫކޮށްލަންވީތަ؟...'' ޒިޔަޒަންގެ އަޑުގައި ރުޅިވެރިކަން ވިއެވެ. ''އޭނަ އިންސާނަކަށް ވީމަ ހިތުހުރިހާ ގޮތެއް ނެހެދޭނެ، އެވެސް އިހުސާސްތަކެއް ލައްވާފައިވާ ފަރާތެކޭ، ވޭނާއި ތަދު އިހުސާސްކުރެވޭނެޔޭ، ރަޒާންއަށް އަޑެއް ނީވޭތަ އޭނަގެ ހަޅޭކުގެ އަޑެއް؟، އެޖިސްމަށް ލިބެމުން އެދާ ވޭން ނުފެނޭތަ؟...''

''ޒިޔަޒަން ހަމަޖެހިބަލަ، ރުޅި އިސްކޮށްކުރާ ކަންތަކުން ފަހުން ހިތާމަކުރަން ޖެހިދާނެ... އެފަދަ އަނިޔާއެއް އެއްވެސް މީހަކަށް ލިބިގެން ނުވާނެ... އަހަންނަށް އެކަން އެބަ ވިސްނޭ... ޒިޔަޒަން، ނިކަން ހަމަޖެހިލައިގެން ވިސްނާލަބަލަ، އަހަންނަށް އެނގޭ ޒިޔަޒަން ބޭނުންވަނީ އޭނައަށް އެހީވާންކަން، ކުރިން ވެސް ޒިޔަޒަން ބޭނުންވީ އެގޮތްކަން އަހަންނަށް އެނގޭ، އެއީ އޭނަގެ ކުށެއް ނުވާތީ... އެކަމަކު ރޭވުމެއް ނެތި ޒިޔަޒަން އެތަނަށް ގޮސް ކުރާ ކަންތަކުން ނިކަމެތިކަން ލިބޭނީ ހަމަ އެއިންސިއަށް... އޭރުން އޭނަ ސަލާމަތްކުރުމުގެ ހުރިހާ ދޮރެއް ބަންދުވެގެންދާނެ...'' ރަޒާން ވިސްނައިދިނެވެ. ފުންނޭވާތަކެއް ދޫކޮށްލި ޒިޔަޒަން ރަޒާންގެ ވާހަކަތަކާ މެދު ވިސްނާލިއެވެ.

''ހެޔޮވާނީ ކިހިނެއް އެެހެން ހަދަން، އެފަދަ އަނިޔާއަކަށް އެއިންސިއަކަށް ކެތެއް ނުކުރެވޭނެ، މިހާރު ފިޔަވަޅު ނާޅައިފިއްޔާ އޭނަ މަރުވެދާނެ...'' އީވާ ކަންބޮޑުވުން ފާޅުކުރިއެވެ. އަންހެނަކަށް ވީތީ ޝާޢާއަށް ލިބެމުން ދިޔަ އަނިޔާ އޭނައަށް އިހުސާސްކުރެވޭ ކަހަލައެވެ. އޭގެ ސަބަބުން އޭނަ ވެސް ބޭނުންވީ ޝާޢާއަށް އެހީގެ އަތެއް ފޯރުކޮށްދޭށެވެ.

''އަހަރެން ޝާޢާ ސަލާމަތްކުރާނަން، އެވޭން އޭނައަށް ބަރުދާސްތުކުރާކަށް ނުޖައްސާނަން، ރަޒާން އަހަންނަށް އެހީވާނަންތަ؟... ޝާޢާ އިންސާނަކަށް ވީތީ އެފަދަ އަނިޔާއެއްގެ ތެރެއަށް ދޫކޮށެއް ނުލެވޭނެ، އެއީ ރަގަޅު ގޮތެއް ނޫން، އޭނައަށް ހިމާޔަތާއި ރައްކާތެރިކަން ލިބެން ޖެހޭނެ...'' ޒިޔަޒަން އެހީއަކަށް އެދި އޭނަގެ އެކުވެރިޔާއަށް ބަލާލިއެވެ.

''އަހަންނަށް ވީ ގޮތަކުން އެހީވެދޭނަން... އެކަމަކު ހުރިހާ ގޮތަކުން ވިސްނަން ޖެހޭނެ، ޒިޔަޒަންގެ ބައްޕައަކީ ބާރުގަދަ މީހެއް، ވަށައިގެން އެތިބީ ވެސް ބާރުގަދަ ޖިންނީން، އެމީހުން މުޅި އުމުރުދުވަހު ޝާޢާ ހޯދަން މަސައްކަތްކުރާނެ... ރުޅި އިސްކުރުން އެއީ ހައްލެއް ނޫން......'' ކުރިމަތިލާން އުޅޭ ކަންތަކުގައި ހުރި ގޮންޖެހުންތައް ރަޒާން ކިޔައިދިނެވެ. އެމީހުން ޝާޢާ އެތަނުން ސަލާމަތްކުރިޔަސް ފުދުނީކީއެއް ނޫނެވެ. ޝާޢާއަށް ފުރިހަމަ ރައްކާތެރިކަން ދެވެން ޖެހޭނެއެވެ. އޭރުން މެނުނީ ހާތިބުގެ އަތްދަށުން ޝާޢާއަށް މިންޖެއް ނުވޭނެއެވެ.

*****

ބޭނުން ފުދުމާއެކު ބާރުކެނޑިފައި އޮތް ޝާޢާ ގެނެސް ރަހުމެއް ނެތް ގޮތުގައި އަނދިރި ގޮޅީގެ ތެރެއަށް އެއްލާލެވުނެވެ. ޝާޢާގެ ޖިސްމަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. ތުންފަތް ފަޅައިގެން ގޮސް ދުޅަވެފައިވާއިރު ދެކޯތާފަތް ވެސް ވަނީ ދުޅަވެފައެވެ. ގައިގެ އެތަން މިތަނުގައި ވަނީ ވަކިތަކުގެ ނިޝާނެވެ. ކުރިމަތިފަރާތަށް ބޮޑެތި ގެއްލުންތައް ލިބިފައި ވިއިރު ލޭވެސް ފައިބާފައި ހުއްޓެވެ. ނިވާކަމެއް ނެތި ޝާޢާ އޮތެވެ.

*****

އިސްދަމުގެ ވަގުތެވެ. ފާރައަށް ތިބި ދެ އިފުރީތުންނަށް ނިދުމާއެކު ފުރަތަމަ އެތެރެއަށް ވަނީ އީވާ އެވެ. ޒިޔަޒަންއާއި ރަޒާން ބޭރުގައި މަޑުކޮށްލައިގެން ތިބީ ނުރައްކަލެއް ނުވޭތޯ ޔަޤީންކުރާށެވެ.

އަތުގައި އޮތް އަލިފާންރޯކުރެވިފައިވާ ދަނޑިކޮޅު އެބެހެއްޓުމަށް ފާރުގައި ހާއްސަކުރެވިފައިވާތަނަށް ލުމަށްފަހު އީވާ ޝާޢާއަށް ބަލާލިއެވެ. ފެނުނު މަންޒަރަކުން އޭނަގެ ލޮލުން ކަރުނަ ހިލުނެވެ. އަވަސް އަވަހަށް އޭނަ އައިސް ޝާޢާ ގާތަށް ހުއްޓުނެވެ. އަދި ޝާޢާގެ ޖިސްމަށް ލިބިފައިވި އަނިޔާތަށް ފަރުވާތެރިކަމައެކު ބަލަން ފެށިއެވެ. ޒަހަމްތައް ފެންނަމުން ދިޔަ ވަރަކަށް އީވާގެ ހިތަށް އަސަރުކުރިއެވެ. ކޮންފަދަ ބޮޑު އަނިޔާއެކެވެ. ރަހުމުގެ ކަންފުޅެއް އެއިން އެކަކުގެ ހިތަކު ވެސް ނުވެއެވެ.

އޯގާތެރިކަމާއެކު ޝާޢާގެ ބޮލުގައި އީވާ ފިރުމާލަން އުޅުނު ވަގުތު ޝާޢާ ކުކުރާލިއެވެ. އެއާއެކު އީވާ އޭނަގެ އަތް ދުރުކޮށްލިއެވެ. އޭނަ އަދިވެސް އެއްފަހަރު ޝާޢާގެ ޒަހަމްތަކަށް ބަލާލިއެވެ. އަދި ގެއްލުނީ މިވަގުތު އެޒަހަމްތަކަށް ފަރުވާކުރުން މުހިންމު ކަމަކަށްވީތީ އެވެ. އެހެންނޫންނަމަ ޝާޢާގެ ފުރާނައަށް ގެއްލުމެއް ވެދާނެއެވެ.

''ޒިޔަޒަން...'' ބޭރަށް ނިކުތް އީވާ ޒިޔަޒަންއަށް ވައިއަޑަކުން ގޮވާލިއެވެ. އެއާއެކު އޭނަގެ ކަނާތްފަރާތުން ފާޅުވެގެން އައީ ބޯ ދުންގަނޑެކެވެ. އިސާހިތަކު އެދުމުގެ ތެރޭން ޒިޔަޒަން ސިފަވެގެން އައެވެ. އޭގެ އިރުކޮޅެއްފަހުން ރަޒާން ވެސް ފާޅުވިއެވެ.

''ވަރަށް ބޮޑެތި ޒަހަމްތައް ލިބިފައިވަނީ... ޒިޔަޒަން އަހަރެން މިބުނާ އެއްޗެހިތައް ގެނެންދީ... އަހަރެން މިތާ މަޑުކުރާނަން...'' އީވާ އޭނަ ބޭނުންވާ އެއްޗެހީގެ ނަންތައް ބުނެލިއެވެ. ބޭސްވެރި ޢާއިލާއަކުން އައިސްފައިވާތީ އެކަމުގެ ހުނަރު ކިތަންމެހާ ވެސް މޮޅަށް އީވާއަށް ލިބިފައި ވިއެވެ. ޒިޔަޒަން އެންމެ ސިކުންތެއް ވެސް މަޑުކޮށްނުލާ ގެއްލުނެވެ.

ޒިޔަޒަން އިވާ ބުނި އެއްޗެހިތައް ގެނައުމާއެކު އީވާ އެއެއްޗެހިތައް ހިފައިގެން ގެއްލުނެވެ. ރަޒާންއާއި ޒިޔަޒަން ބޭރުގައި މަޑުކޮށްލައިގެން ތިބީ އީވާގެ ހިލަމެއް ވާނެ އިރެއްގެ އިންތިޒާރުގައެވެ. އިންތިޒާރުގައި ވަގުތު ގުނަމުން ދަނިކޮށް އީވާ ގޮވާލިއަޑު އިވުނެވެ.

*****

ހުދު ފޮތިގަނޑަކުން ޝާޢާގެ ހަށިގަނޑު ވަނީ ނިވާކުރެވިފައެވެ. ފުން ނިންޖެއްގައި ޝާޢާ އޮތްއިރު އެމޫނުމަތިން ފެންނަނީ ދިރުން ގެއްލިފައިވާތަނެވެ. އެހާލަތުގައި ޝާޢާ ވާތަން ފެނި ޒިޔަޒަންގެ ހިތުގައި ރިއްސާލިއެވެ. ޝާޢާއަށް ރައްކާތެރިކަން ފޯރުކޮށްދޭން އެއްވެސް ކަމެއް ކޮށްނުދެވުމުން އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ.

''ޒިޔަޒަން، އަދި ވަގުތު ފާއިތެއް ނުވޭ، އަހަރުމެންނަށް ޝާޢާއަށް ރައްކާތެރިކަން ދެވޭނެ...'' ޒިޔަޒަންގެ ކޮނޑުގައި އަތްބާއްވާލަމުން ރަޒާން ބުނެލިއެވެ. ޒިޔަޒަންއަށް އޭނަގެ ހިތުގައިވި އިހުސާސްތަކަށް ދޭނެ ނަމެއް ނޭގުނުކަމުގައި ވިޔަސް، ޒިޔަޒަންގެ ފަރާތުން ފެންނަމުން އައި ބަދަލުތަކުން ރަޒާންއަށް އެކަން ފާހަގަކުރެވެމުން ދިޔަ އެވެ. އެކަމުން ނިކުމެދާނެ ނަތީޖާއަކާ މެދު އޭނަ ބިރުގަތެވެ. އިންސިއަކާއި ޖިންނިއަކަށް އެކުގައި އުޅެވިދާނެ ހެއްޔެވެ؟

ޒިޔަޒަން އައިސް ޝާޢާގެ ގާތުގައި އިށީންނަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނައަށް ޝާޢާގެ ބޮލުގައި ފިރުމާލެވުނީ ހިތް އެކަމަށް އެދުނީތީ އެވެ.

''އެމީހުން ހުއްޓައެއް ނުލާނެ، ލިބިފައިވި ޒަހަމްތައް ފަސޭހަވާނެ އިރަށް އަނެއްކާ ވެސް އެކަން ތަކުރާރުކުރާނެ... އޭގެ ކުރިން އަހަރުމެން ކުރަން ޖެހޭކަމެއް ކުރަންވީ...'' އީވާ ބުނެލިއެވެ. އެކަމަށް ޒިޔަޒަންއާއި ރަޒާން ވެސް އެއްބަސް ވެލިއެވެ.

ޝާޢާއާއި ޒިޔަޒަންއަށް ވަގުތުދެމުން އީވާއާއި ރަޒާން އެތަނުން ދިޔަ އެވެ. އެދެޒުވާނުންގެ ފިޔަވަޅުތަކުގެ އަޑު އޮބުމާއެކު ޝާޢާގެ އަތްތިލައިގައި ޒިޔަޒަން ހިފާލިއެވެ. އަދި އެތައްތިލަ ގެނެސް ތުންފަތުގައި ޖައްސާލި އެވެ.

''އަހަންނަށް މަޢާފުކުރޭ...''

ޒިޔަޒަން ބުނެލިއެވެ. އެހިނދު އޭނަގެ ލޮލުގެ ހިމަކޮޅުން ލާފައި ކަރުނަ ތިއްކެއް ފާޅުވިއެވެ. ޝާޢާ ވޭނުގައިވާތަން ފެނި އޭނަގެ ހިތަށް ފުން އަސަރުތަކެއް ކޮށްފައި ވިއެވެ. އޭނަގެ ހިތުގައި ޝާޢާ މެދު އުފެދުނު ހަމްދަރުދީގައި މުޅިން ތަފާތު އޮއެވަރެއް އުފެދެމުން ދިޔަ ކަމެއް ޒިޔަޒަންއަކަށް ނޭގެއެވެ.

*****

ޅޮސްގަހެއްގެ އޮފިގަނޑެއްގައި އިށީންދެލައިގެން އީވާއާއި ރަޒާން ތިބިއިރު ދެޒުވާނުންގެ ނަޒަރުތައް ވެސް ވަށައިގެން އޮތް މާހައުލަށް ދަތުރުކުރެ އެވެ. އެހެން ތިބެފައި ރަޒާން ވާހަކަދައްކަން ފެށިއެވެ.

''މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޒިޔަޒަން މުޅިން ބަދަލުވެއްޖެ، އީވާއަށް އެކަން ފާހަގަ ނުކުރެވޭތަ؟...'' ރަޒާން އަހާލިއެވެ.

''ފާހަގަ ކުރެވޭ...'' އީވާ ބުނެލިއެވެ.

''އެބަދަލުތަކާ ގުޅިފައިވަނީ ޝާޢާ... ޒިޔަޒަންއަށް އެކަމެއް ނޭގޭ، އަހަރެން ބިރުގަންނަނީ އެގުޅުމާ މެދު...'' ރަޒާން ބުނެލިއެވެ. ''އިންސާނުންނާ ޖިންނީން އެއީ ތަފާތު ދެ ނަސްލެއްގެ ބައެއް...''

''ކިތައް ފަހަރު އެފަދަ ލޯބީގެ ގުޅުންތައް ހިނގާފައި ވަނީ، އެގުޅުންތަކަށް ދަރިން ވެސް ލިބެއެއްނު...'' އީވާ ބުނެލިއެވެ. އޭނަގެ ނަޒަރުގައި އިންސިއަކާއި ޖިންނިއެއްގެ ދެމެދުގައި ލޯބި އުފެދުން އެއީ މައްސަލައެއް ނޫނެވެ.

''އެއީ ކަނޑައެޅިފައިވާ ޚުދޫދުގެ ބޭރުން ހިނގާ ގޯސްކަމެއް، ޖިންނީންނަށް އިންސިއަކާއެކު ނޫޅެވޭނެ، އެއީ ދޮގު ނުކުރެވޭނެ ހަޤީޤަތެއް... އިންސީންގެ ހަށިގަނޑަކު އަހަރުމެންގެ ބާރާއި ހަށިގަނޑުގައި މިވާ ހޫނު ބަރުދާސްތުކުރުމުގެ ކުޅަދާނަކަމެއް ލިބިގެން ނުވޭ... ގިނަފަހަރު އިންސާނާގެ ބުއްދި ގޯސްވަނީ އެސަބަބާ ހެދި... އެފަދަ ގުޅުމެއް ކުރިއަށް ދިޔަޔަސް ގިނަފަހަރަށް އެއިން ގުޅުމަކަށް އުފާވެރި ނިމުމެއް ނާންނާނެ!... ތިބުނާ ދަރިންތައް ބިކަވެ މަރު ނުވޭތަ؟... އަހަރެން ބިރުގަންނަނީ އެހެންވެ... ޒިޔަޒަންއަށް އޭނަގެ ފުރަތަމަ ލޯބި ހާސިލުނުކުރެވޭނެތީ... ލޯތްބަކީ ބާރުގަދަ ޖަޒުބާތެއް، ގިނަ ފަހަރަށް މީހާ ހަލާކުކޮށްލާ އެއްޗެއް... ކުޑަ ހިނދުކޮޅެއްގައި ލޯބި ވެވިދާނެ، ނަމަވެސް އެވެވޭ ލޯބި ދުނިއުމުރަށް ވޭނަކަށް ވެސް ބަދަލުވެގެން ހިނގައިދާނެ، ލޯބީގައި ކޮންމެކޮންމެ މީހަކަށް ކާމިޔާބެއް ވެސް ނުލިބޭނެ...'' ރަޒާންގެ ވާހަކައާ މެދު އީވާއަށް ވިސްނާލެވުނެވެ. އެބުނީ ދޮގެއް ވެސް ނޫންތާއެވެ.

''މިވަގުތު އެކަންތަކަށް ވުރެ ބޮޑަށް މުހިންމީ ޝާޢާ ސަލާމަތްކޮށް ދިނުމުގައި ޒިޔަޒަންއަށް އެހީވެދިނުން... އެކަމަކު ރަޒާން ބުނިހެން އެކަމުގައި ކާމިޔާބު ހޯދާނީ ކިހިނެއް؟، ޒިޔަޒަންގެ ބައްޕަ ފަސޭހައިން ޝާޢާ ދޫކޮށެއް ނުލާނެ... އޭނަ އެއީ ބާރުގަދަ ޖިންނިއެއް... އަހަރުމެންނަށް އޭނައާއި ކުރިމަތިލެވިދާނެތަ؟...'' އީވާ ކަންބޮޑުވުން ފާޅުކުރި އެވެ.

''ޖާނުން ވަރުގަދަ މީހާއަށްވުރެ ސިކުނޑީގެ ބޭނުންކޮށްގެން ހުޝިޔާރުކަމާއެކު ހަމަލާދޭ މީހާ ބާރުގަދަވާނެ، އެހެންނޫނަސް ޒިޔަޒަންއަށް އަދި ނޭގުނަސް އޭނައަކީ ބާރުގަދަ ޖިންނިއެއް، ވަގުތާއި ހާލަތު އެކަން ސާބިތުކޮށްދޭނެ، އެކަމަކު އަހަރުމެން ޖެހޭނެ ހުޝިޔާރުވާން، އެމީހުންގެ ކޮންމެ ކަމަކަށް ސަމާލުކަން ދޭން، އޭރުން އެމީހުންދޭ ހަމަލާއަކަށް ތައްޔާރުވެ ތިބެވޭނީ...'' ރަޒާން ބުނެލި އެވެ.

*****

ހެނދުނުގެ ވަގުތެވެ. ހާތިބުގެ އެންގުމަށް ޝާޢާއަށް ބޭސްކުރުމަށް ބޭސްވެރިޔަކު ހޯދުނެވެ. އެކަމަށް ސަމާލުވެގެން ހުރި އީވާ އެންމެ ފުރަތަމަ ވެސް އިސްނެގިއެވެ. އެއީ ޝާޢާއަށް އެހީތެރިވެދިނުމުގެ ގޮތުން އޭނަ ކުރިކަމެކެވެ. އޭނައާއި ޝާޢާއާ ބައްދަލުވެ އެކުވެރިކަން އުފެދޭނެތީއެވެ. ހަމައެއާއެކު އެތަނުން ސަލާމަތްވުމުގައި އެމީހުންގެ ރޭވުމުގެ ބައިތައް ޝާޢާއާ ހިއްސާކުރެވޭނެތީއެވެ.

ޝާޢާގެ ޒަހަމްތަކުގައި ފަތްޕިލާވެލިން ތައްޔާރުކުރެވިފައިވާ ބޭހެއް އީވާ އުނގުޅާލިއެވެ. އޭރު ވެސް ޝާޢާއަށް އޮތީ ނިދިފައެވެ. ޝާޢަގެ ހަށިގަނޑުގެ ފިނިހޫނިމިން ބަލަން އީވާ އޭނަގެ އަތްތިލަ ޝާޢާގެ ނިތްކުރީގައި ޖައްސާލިއެވެ. އެއާއެކު އިހުސާސްކުރެވުނު ހޫނުން ޝާޢާ ކުކުރާލި އެވެ. ލަސްލަހުން އެސްފިޔަތައް ތަޅުވާލަމުން ޝާޢާ އޭނަގެ ލޯހުޅުވަން މަސައްކަތްކުރިއެވެ. އޭރު އޭނައަށް ހަށިގަނޑުގައި އުފެދިފައިވާ ވޭން އިހުސާސްކުރެވެން ފެށުނެވެ. ވޭނީ އާހްތަކެއް ޝާޢާގެ ދުލުން ބޭރުވެގެން ދިޔައީ އެސަބަބާ ހުރެއެވެ. ލޯހުޅުވާލި ޝާޢާއަށް ފުރަތަމަ ފެނުނީ ފުސްކޮށެވެ. އޭނައަށް ވަށައިގެންވި މާހައުލަށް ހޭނެން އިރުކޮޅެއް ނެގި އެވެ.

ޝާޢާއަށް އޭނަގެ ގާތުގައި އިން އީވާ ފެނުމާއެކު ދުރަންޖެހިލަން އުޅުނެވެ. ނަމަވެސް އޭނަގެ ހަށިގަނޑު އެކަމަށް އިޖާބަ ނުދިނެވެ. ހަށިގަނޑުގައި އަޅަން ފެށި ވޭނުން މީހާގެ ޚަބަރު ހުސްވެދާހާ ވެއެވެ. ޝާޢާގެ ލޮލަށް ކަރުނަ ޖަމާވީ ކުރީދުވަހުގެ ހާދިސާގެ ހަނދާންތައް އަލާވާން ފެށުމުންވެ. އެއީ ހާދަ ވޭންދެނިވި ވަގުތު ކޮޅެކެވެ. އޭނަގެ ހަށިގަނޑުގެ މަސްތައް ވީދި ނާރުތައް ބުރިބުރިވެގެން ދިޔަ ވަގުތު ކޮޅެކެވެ. ހަށިގަނޑުގެ އެތެރެއަށް ފޭދުނު ހޫނުކަމާއެކު އެތެރެހަށި ވެސް ފިހިގެން ދިޔަ ކަހަލައެވެ. އެފަދަ ވޭނެއް މިއިން ދުވަހަކު އޭނައަށް ތަޖުރިބާ ނުކުރެވެއެވެ. އޭނަގެ އިއްޒަތާއި އަބުރު ވެއްޔާ މޮޑެވިގެން ދިޔައީ އަނިޔާވެރި ޖަނަވާރުންތަކެއްގެ އަތްދަށުވެފައެވެ. އޭނަގެ އިތްފަތްތެރިކަން ނަގާލެވުނީ ރޮއިއޮރި އާދޭސްކުރަމުން ދަނިކޮށެވެ. އޭނަގެ މުޅިން ޖިސްމު އެވަނީ ނުތާހިރުވެފައެވެ. ހަށިގަނޑުގައި ޖެހިފައި އެވަނީ ދުވަހަކު ފިލައިގެން ނުދާނެ ލައްގަނޑެކެވެ. ޝަހުވާނީ އެދުން ފުއްދުމުގެ ވަސީލަތަކަށް އޭނަ އެވަނީ ވެފައެވެ. ދިރިހުރުމުގެ ބޭނުމެއް ވެސް ނެތެވެ. ދުނިޔެއާއި އޭނަ ކުރިމަތިލާނީ ކިހިނަކުން ހެއްޔެވެ؟ އޭނަގެ ޖިސްމުގައި ލެވިފައި އެވާ ލައްގަނޑާއެކު އޭނަ ޤަބޫލުކުރާނީ ކާކު ހެއްޔެވެ؟ ރުހުމުގެ ލޮލަކުން އޭނައަށް ބަލާނެ މީހަކު ނެތެވެ. އަނިޔާވެރި ވަކިތަކެއްގެ ދަށުވެ އޭނަ އެވަނީ ހަފުސް ވެފައެވެ.

ޝާޢާއަށް ގިސްލެވުނެވެ. އޭނަގެ ހަށިގަނޑުގެ އުނަގަނޑުން ތިރީގައި ވާގިނުވާކަހަލައެވެ. އެއީ އޭނައަށް ލިބުނު އަނިޔާތަކުގެ ކުޑަ މިސާލެކެވެ. ޝާޢާ ރޮމުން ދިޔައީ ފޮތިފޮތިވެފައިވާ އޭނަގެ ހިތުގެ އުދާސްތައް ބޭރުކުރުމަށެވެ. ހިތްހަލާކުވާހާ ޖަޒުބާތުތަކާއެކު ރޮމުން ދިޔަ ޝާޢާގެ އަތުގައި ފަރުވާތެރިކަމާއެކު ފިރުމާލަމުން ހިތްވަރުލައިދޭން އީވާ މަސައްކަތްކުރިއެވެ. ޝާޢާގެ ހިތްދަތިކަން އޭނައަށް އިހުސާސްކުރެވޭ ކަހަލަ އެވެ.

''އަން މި ބޭސް ބޯލަބަލަ، އޭރުން ތަދު ކެނޑިދާނެ...'' ހިތްހެޔޮ ރާގަކަށް އީވާ ބުނެލިއެވެ. އެއާއެކު ރަތްވެފައިވި ދެލޮލުން ޝާޢާ ބަލާލިއެވެ. އޭނަ އެއްވެސް މީހެއްގެ އެހީއެއް ބޭނުމެއް ނޫނެވެ. އަނިޔާ ދީފައި ބޭސްއެކުރަނީ ކީއްވެގެން ހެއްޔެވެ؟ އޭނަ ރަގަޅުވުމުން އަނެއްކާ ވެސް އެރަހުމުކުޑަ އަމަލު ހިންގަން ހެއްޔެވެ؟ އެއަށްވުރެ އޭނަ މަރުވާން ދޫކޮށްލުން ވެސް މާރަނގަޅު ވާނެއެވެ.

''އަހަރެން މިއީ ޒިޔަޒަންގެ އެކުވެރިއެއް... ޝާޢާއަށް މިތަނުން ސަލަމަތްވެވޭނީ ހަށިގަނޑުގައި ވަރު ޖެހުމުން... ޒިޔަޒަން އެދަނީ ޝާޢާ ސަލާމަތްކޮށްދޭން މަސައްކަތްކުރަމުން، ޝާޢާގެ ވެސް ހިތްވަރު މިކަމުގައި ބޭނުންވާނެ...'' އީވާ ބުނެލި އެވެ.

''އަހަރެން ބޭނުމީ މަރުވާން...'' ޝާޢާ ގިސްލަމުން ބުނެލިއެވެ. ދުނިޔެއާއި އިތުރަށް ކުރިމަތިލުމުގެ ހިތްވަރެއް އޭނަގެ ނެތެވެ. އޭނަގެ މުޅި ދިރިއުޅުން އެވަނީ ބަރުބާދުވެގެން ގޮސްފައެވެ. އިއްޒަތާއި އަބުރު ވަނީ ގެއްލިފަ އެވެ.

''ޝާޢާއަށް ލިބުނު އަނިޔާތައް އަހަރެންގެ ހިތަށް ތަސައްވަރުކުރަން ވެސް ދަތި، ޝާޢާގެ ހިތުގައި ތިއަޅާ ވޭނުގެ ސަބަބުން ތިހެން ވާހަކަ ތިދައްކަނީ... އަހަންނަށް އެނގޭ ދުލުން ބުނާހާ ފަސޭހަކަމެއް ނޫންކަން އެއީ، އެކަމަކުވެސް ހިތްވަރުކުރަން ޖެހޭނެ، ދިރިއުޅުމުގެ މައިދާނުގައި ތިފަދަ ކިތަންމެ ކަމަކާ ކުރިމަތިލާން ޖެހޭނެ، އެކަމަކު ހިތްވަރު އެލި މަރުވާން ބޭނުންވެއްޖެއްޔާ ކާމިޔާބު ލިބޭނީ ކޮންބަޔަކަށް؟، ޝާޢާއަށް ތި އަނިޔާދޭ މީހުންގެ މަޤުސަދަކީ ވެސް އެއީ... ދިރިއުޅުން މަތިން ޝާޢާ ފޫހިކުރުވުން، ޝާޢާ ބޭނުންތަ އެމީހުނަށް ކުރިއެރުން ލިބެން؟، އެމީހުންގެ ރޭވުންތައް ކާމިޔާބުވާން... އެމީހުންނަށް ގޮންޖަހާލައި ކުރިއަށް ދެވޭނީ ކެތްތެރިވުމުން، ދިރިއުޅުމުގައި އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެ، ޝާޢާއަށް އެހީތެރިވެދޭން ބަޔަކު އެބަތިބި، އެމީހުންގެ އަތުގައި ހިފާ، ކެތްތެރިވޭ...'' އީވާގެ ވާހަކަތަކުން ޝާޢާއަށް ހިތްވަރުލިބުނެވެ. ދުވަސްތަކަކަށްފަހު އޭނަގެ އެކުވެރި އައިޝާގެ މަތިން ހަނދާން ވިއެވެ. އައިޝާ ވެސް އޭނައަށް އެފަދައިން ހިތްވަރުލައިދިނެވެ. ނަމަވެސް ކުރިމަތިވި ހާދިސާއަށްފަހު އޭނަ އެވަނީ މުޅިން ބަލިކަށިވެ ދުނިޔެ މަތިން ފޫހިވެފަ އެވެ.

''ޝާޢާއަށް މިތަނުން ސަލާމަތްވެވޭނީ ކެތްތެރިވުމުން، ޖިންނީންނަކީ އެމީހުން ދެކެ ބިރުގަންނަ އިންސާނުންގެ މައްޗަށް ބާރުގަދަ ވެގަންނަ ބަޔެއް، އެމީހުން ބަލިކުރަން ބޭނުންވާނަމަ ޖެހޭނީ އެބިރު ކަނޑުވާލަން، ނޫންނަމަ އޭގެ ނާޖާއިޒު ފައިދާ ކޮންމެ ވަގުތަކު ވެސް އެމީހުން ނަގާނެ... ޝާޢާ ބަލިކަށިވުން އެއީ ޖިންނީންނަށް ދެވޭ ދައުވަތެއް، ނަމަވެސް މީހާ އެބިރާ ކުރިމަތިލައިފިނަމަ އެމީހުން ބަލިކަށިވާނެ، ޖިންނީންނަށް ބާރުތަކެއް ވެސް ދެއްވާފައިވަނީ ވަކި އިމެއްގެ ތެރޭން...'' ޝާޢާއަށް ހިތްވަރުލައިދެމުން އީވާ ވާހަކަދެއްކި އެވެ.

''މިއީ އެންމެ ބޮޑަށް ޝާޢާ ހިތްވަރުކުރަންވީ ވަގުތު، ތިހެން އޮވެ މަރުވުމަށް އެދޭނަމަ ކާމިޔާބު ލިބޭނީ ކޮންބަޔަކަށް... ޝާޢާ ބޭނުމެއް ނުވޭތަ މިތަނުން ސަލާމަތްވާކަށް؟...'' އީވާ އަހާލި އެވެ.

''ބޭ...ނު..ން'' ރުއިމުގެ ތެރޭން އީވާ ބުނެލި އެވެ.

''ފުރަތަމަ ކަމަކަށް ރުއިން ހުއްޓާލާ، ދެން މި ބޭސް ބޯލާ، އަދި ޒިޔަޒަންއަށް އިތުބާރުކުރޭ، އޭނަ އެހުރީ އަޒުމެއްގެ މަތީގައި...'' އީވާ ބުނެލިއެވެ. އަދި އޭނަގެ އަތުގައި އޮތް ކުޑަ ބޯތަށި ޝާޢާގެ ތުނބުގައި ޖައްސާލި އެވެ.

''ޝާޢާ ޖެހޭނެ ތި ހިތުގައިވާ ބިރާ ކުރިމަތިލާން...'' ފަނޑު ހިނިތުންވުމަކާއެކު އީވާ ބުނެލިއެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި އީވާއާއި ޝާޢާގެ ދެމެދުގައި އެކުވެރިކަން ބަދަހިވެގެން ދިޔަ އެވެ. އީވާގެ ސަބަބުން ޝާޢާ ވަރަށް ބޮޑަށް އައިޝާ މަތިން ހަނދާން ވިއެވެ. އޭނަގެ ދިލަ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބިފައި ވިއެވެ. ހިތާމައިގެ ތެރޭގައި އިތުބާރުކުރެވޭ ފަދަ އޯގާތެރި އެކުވެރިޔަކު ލިބުނީތީ އެވެ. ރަގަޅުވުމަށް އޭނައަށް ހިތްވަރު ލިބުނެވެ.

*****

އާދައިގެ މަތިން ޒިޔަޒަން ޝާޢާއާ ބައްދަލުކުރަން އައީ ދަންވަރު ވަގުތުގައެވެ. އޭރު ޝާޢާއަށް އޮތީ ނިދިފައެވެ. އީވާ ދިން ބޭހުން ޝާޢާއަށް ޝިފާ ލިބިފައި ވިއެވެ. ޝާޢާގެ ގާތުގައި އިށީން ޒިޔަޒަން ފަރުވާތެރިކަމާއެކު ޝާޢާގެ މޫނަށް ބަލާލިއެވެ. ނިދީގައި އޮތް އިރު އެމޫނުމަތިން ހަމަޖެހުމުގެ ކުލަވަރު ފެނުނެވެ. އޭގެ ސަބަބުން ޒިޔަޒަންގެ ހިތަށް ފިނިކަން ލިބުނެވެ. އޭނަ ޝާޢާގެ މަޑުއަތްތިލާގައި ހިފާލި ތަނާ ސިހިފައި ޝާޢާއަށް ލޯހުޅުވާލެވުނެވެ. ޝާޢާއަށް ވީ ގޮތް ފެނިފައި ވަގުތުން ޒިޔަޒަން މަޢާފަށް އެދުނެވެ.

ދެޒުވާނުންގެ ދެމެދަށް ވެރިވެފައިވީ ހިމޭންކަމެވެ. ޝާޢާ ޒިޔަޒަންއަށް ބަލަމުން ދިޔަ ހިނދު އެމޫނުމަތިން އޭނައަށް އޫދާސްކަން ފާހަގަކުރެވުނެވެ. އޭނައަށް ހިތާ ސުވާލުކޮށްލެވުނީ އޭގެ ފަހަތުގައިވާ ސަބަބާ މެދުގައެވެ. ޒިޔަޒަން ވެސް ޝާޢާއަށް ބަލާލިއެވެ. ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިއުމާއެކު ކޮންމެވެސް ކަހަލަ ޖަޒުބާތުތަކެއް އުފެދިގެން ދިޔަކަން ގައިމެވެ. ނަމަވެސް އަވަސް އަވަހަށް ޝާޢާ އޭނަގެ ނަޒަރު ބަދަލުކޮށްލިއެވެ. ޒިޔަޒަންގެ ލޮލުގައިވި ޝުޢޫރުތައް ފެނި އޭނަ ސިކުނޑީީގައި އާލާވެގެން އައީ ޔޫނުސްގެ ހަނދާންތަކެވެ. އޭނައަށް ހާސިލުނުކުރެވުނު ލޯބީގެ ހިތި ހަނދާންތައް ހިތުގައި އާލާވެގެން ދިއުމާއެކު ލޮލުން ކަރުނަ ހިލުނެވެ. ހިތުގައި ޖެހި ރޮވުނެވެ.

''ޝާޢާ...'' ޒިޔަޒަން ކަންބޮޑުވެފައިވާ ރާގަކަށް ގޮވާލިއެވެ. އޭނަ ހުރީ ހަދަންވީ ގޮތެއް ނޭގިފައެވެ. ދެޚިޔާލެއްގައި ވަނިކޮށް ޝާޢާ ޒިޔަޒަންގެ އަތުގައި ހިފާބާރުކޮށްލިއެވެ. ޝާޢާއަށް ރޮވެމުން ދިޔައީ އަމިއްލަ އިހުތިޔާރުން ބޭރުގައެވެ. އޭނަ ހިތްވަރުކުރަން ބޭނުމެވެ. އެހެނަސް ހިތުގައި ލެވިފައިވާ ތާޒާ ޒަހަމްތަކުން ކޮންމެ ފަަހަރަކު އޭނަ ރޮއްވާލުމުގައި ކާމިޔާބު ހޯދައެވެ.

''އަހަރެން ސަލާމަތްކޮށްދީ...''

ޝާޢާއަށް ރުއިމުގެ ތެރޭން ބުނެލެވުނެވެ. އެވަގުތު ޒިޔަޒަންގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ޝާޢާ ގެނެސް މޭގައި ޖައްސާލެވުނީ އެކަމަށް ހިތް އެދުނު ވަރުންނެވެ. ޝާޢާ ވެސް ހުރީ އެކަމަށް ބޭނުން ވެފައެވެ. ޒިޔަޒަންގެ ގައިގައި ބައްދާލަމުން އޭނަ އެތެރެއަށް ނޭފަތް ދަމާލިއެވެ.

ޝާޢާގެ ނާޒުކު ހަށިގަނޑު އެބާރުގަދަ ދެއަތުން ޒިޔަޒަން ވަށާލިއެވެ.

ޝާޢާގެ ލޮލުން ފޭބި ކަރުނަތަކުން ޒިޔަޒަންގެ މޭމަތި ތެމި މެޔަށް ފިނިވެފައިވިއެވެ.

''ޒިޔަޒަން، އަހަރެން ސަލަމަތްކޮށްދީ، އަހަރެން ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދީ، ޒިޔަޒަން ބުނީމެއްނު އަހަރެން ސަލާމަތްކޮށްދޭނަމޭ، އެވަޢުދު ފުއްދާދީ... އަހަރެން ސަލާމަތްކޮށްދީ... އަހަންނަށް އިތުރަށް ކެތެއް ނުކުރެވޭނެ...'' ޝާޢާ ރޮމުން އާދޭސްކުރިއެވެ.

''ޝާޢާ ދެރަނުވޭ، އެދުވަހު ޝާޢާއަށް ރައްކާތެރިކަން ނުދެވުނަސް މިހާރު އަހަރެން މިިހިރީ... އެފަދަ ކަމެއް ތަކުރާރު ވިޔަނުދޭނަން ކަމުގައި ވަޢުދުވަން... އަހަރެން ޝާޢާ ސަލާމަތްކޮށްދޭނަން...'' ޒިޔަޒަން ވަޢުދުވިއެވެ. އޭނަގެ ހިތުގައި ޝާޢާއަށް ތަފާތު ވިންދެއް ޖަހަން ފެށިއެވެ. ޝާޢާއާއި ގާތުގައި ހުރެވުމުން އޭނަގެ ހިތަށް ހަމަޖެހުން ލިބިފައި ވިއެވެ.

ޒިޔަޒަންގެ ވާހަކަތައް މިފަހަރު ޝާޢާ ޤަބޫލުކުރިއެވެ. ޒިޔަޒަންގެ އަޑުގައި ވަނީ ސާބިތުކަމެވެ. ހަމައެއާއެކު އެއަތުގެ ހިމާޔަތުގެ ތެރޭގައިވުމުން ޝާޢާއަށް ރައްކާތެރިކަން އިހުސާސްކުރެވުނެވެ.

ޒިޔަޒަންއާއި ޝާޢާ ވަކިވެގެން ދިޔައީ ފަތިސްވާން ކައިރިވީފަހުންނެވެ. އޭރު ދެހިތަށް ވެސް ލުޔެއް ލިބިފައިވިއެވެ. ޒިޔަޒަންއާއި ވަކިވުމުން ޝާޢާގެ ހިތަށް ހުސްކަމެއް ވެރިވިއެވެ. ލަސްލަހުން އިރުގެ އަލި މުޅިތަނަށް ވެރިވަމުން ދިޔަތަން ބަލަން ޝާޢާ އޮތެވެ. އޭނައަށް އާ އުއްމީދެއް ލިބިފައިވާ ކަހަލަ އެވެ. ކުރިއަށްވުރެ ބޮޑަށް ރަގަޅުވާން އޭނަ އަޒުމުކަނޑައެޅި އެވެ.

*****

ތިން ހަފުތާ ފާއިތުވެގެން ދިޔަ އިރު ޝާޢާގެ ޒަހަމްތައް ވެސް މުޅިންހެން ފަސޭހަ ވެއްޖެއެވެ. އެދުވަސްކޮޅުގެ ތެރޭގައި އޭނައަށް އެއްވެސް ޖިންނިއެއްގެ އުނދަގޫ ނުފޯރައެވެ. ހާތިބު ވެސް ލޮލަށް ދައްކާނުލައެވެ. އެކަމާހުރެ ކުރަންވީ އުފާކަމެއް ނުވަތަ ކަންބޮޑުވާންވީކަމެއް ޝާޢާއަކަށް ނޭގުނެވެ.

ފާއިތުވެގެން ދިޔަ ދުވަސްތަކުގެ ތެރޭގައި ޝާޢާ އާއި އީވާގެ އެކުވެރިކަން ވެސް ނުހަނު ބޮޑަށް ބަދަހިވެއްޖެއެވެ. ޖިންނީންގެ ތެރޭން އިތުބާރުކުރެވޭ ފަދަ ދެ އެކުވެރިން ޝާޢާއަށް ލިބުނެވެ. އޭނައަށް ހިތްދަތިކަމާއި ކެކުޅުން ލިބުނު ހިނދު އޭނަގެ ހިތްވަރެއް ކަމުގައިވީ ޒިޔަޒަން އެވެ. ޒިޔަޒަންގެ އޯގާތެރިކަމުން ހަލާކުވެފައިވި ޝާޢާގެ ހިތުގައި މަލަން އަޅާލަ ދިނެވެ. ލޭއޮހޮރެމުން ދިޔަ ޖިސްމަށް ޝިފާއެއް ލިބުނެވެ. ދަންވަރުވުމާއެކު އޭނައަށް އެންމެ ބޮޑަށް އިންތިޒާރުކުރެވެނީ ވެސް ޒިޔަޒަން އަންނާނެ އިރަކަށެވެ. ކީއްވެގެންކަމެއް ނޭގެއެވެ. ޒިޔަޒަން ފެނުމުން އޭނަގެ ހިތަށް ފިނިކަން ލިބެއެވެ. ބިރުވެރިކަން ފިލައިގެން ދެއެވެ. ހިތްވަރު ލިބެއެވެ. އެވާ ގޮތެއް އޭނައަކަށް ނޭގެއެވެ. އެނގޭހާ ވެސް ކަމަކީ ކުރިން އޭނަގެ ހިތުގައި ޒިޔަޒަންއާ މެދު އުފެދިފައިވި ބިރުވެރިކަމާއި ރުޅިވެރިކަން ފިލާ ހިނގައްޖެކަމެވެ. އެހިތުގައި މުޅިން އައު ޖަޒުބާތުތަކެއް އުފަންވެ ވިންދު ޖަހަން ފަށައިފިކަން ޝާޢާއަށް އިހުސާސްކުރެވެމުން ދިޔަ އެވެ.

އާދައިގެ މަތިން ޒިޔަޒަން ޝާޢާއާއި ބައްދަލުކުރަން އައެވެ. މިރޭ ޒިޔަޒަން އައިއިރު އޭނައައީ ޝާޢާއަށް ދޭން އީވާ ތައްޔާރުކުރި ފޮނި އެއްޗެއް ހިފައިގެންނެވެ. ކެޔޮފަތުގައި ހުރި އެއްޗެހި ޝާޢާއަށް ދިއްކޮށްލަމުން، ޝާޢާއާ ކުރިމައްޗަށް ވާނެހެން ޒިޔަޒަން އިށީނެވެ.

ޝާޢާ ކަމުން ދިޔަ އިރު ޒިޔަޒަން އިނީ ބަލަންށެވެ. އޭނަގެ ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވެފައިވިއެވެ. ދިމާވި ހިތާމަވެރި ހާދިސާއިން އަރައިގަންނަން ޝާޢާ ކުރަމުން ދިޔަ މަސައްކަތް ފެނި ޒިޔަޒަން އުފާވެއެވެ. ނަމަވެސް އެހާދިސާ މުޅިން ހަނދާނުން ފިލުވާލަން އުނދަގޫވާނެކަން އެނގޭތީ އޭނައަށް ވެވުނު ގޮތަކުން ޝާޢާއަށް ޒިޔަޒަން އެހީވެދެއެވެ. އޭނަ ގިނަ ފަހަރު އޭނައަށް ލިބިފައިވާ ބާރުގެ ބޭނުން ކުރަނީ ޝާޢާ ނިންދެވުމުގައެވެ. ލިބުނު ނަފުސާނީ ގެއްލުންތަކުން ޝާޢާއަށް ނިކުމެވުން ވެފައިވަނީ ގޮންޖެހުމަކަށެވެ. ސިއްސައިގެން ގޮސް ހޭލެވުމާއި، ނިދީގައި ރޮވޭވަރުން ޝާޢާއަށް ނުނިދެއެވެ. ނަމަވެސް ޒިޔަޒަން އޭނަގެ ބާރުން ޝާޢާ ނިންދަވާލަނީ އެވޭން ތަހައްމަލުކުރަން ޝާޢާ ދޫކޮށްލަން ހިތް ނޭދޭތީއެވެ.

އަތުގައި އޮތް ކެޔޮފަތުގައި ހުރި ފޮނިއެއްޗެހި ކަމުން ދިޔަ ޝާޢާއަށް ބަލާލަމުން ޒިޔަޒަން ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި މިރޭ އޭނައައި މަޤުޟަދާއިގެން ކުރިއަށްދާން ގަސްދުކުރިއެވެ. އޭނަ އެވާހަކަތައް ފެށީ ދުރުދުރުންނެވެ.

''ޝާޢާ އަނބުރާ ދިއުމުން އެހީތެރިވެދޭނެ ބަޔަކު ތިބޭނެތަ؟...'' ވިސްނުމެއްގެ ތެރެއަށް ގެއްލިފައިވި ޒިޔަޒަން އަހާލިއެވެ.

''އާނ، އައިޝާ ހުންނާނެ، އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ...'' ޝާޢާ ޖަވާބު ދެމުން ބުނެލިއެވެ. ޒިޔަޒަންގެ ސުވާލުން އޭނަގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. އޭނަ ހައްޔަރީން ސަލާމަތްވާ ދުވަސް އައިސް ޖެހެނީ ހެއްޔެވެ؟

''ދެން އެންމެ ގިނަވެގެން ވެސް ޝާޢާ މިތަނުގައި ހުންނަން ޖެހޭނީ ދެދުވަސް ވަންދެން، އެއަށްފަހު ޝާޢާގެ ކުރީގެ ދިރިއުޅުން އަނބުރާ ލިބޭނެ...'' ޒިޔަޒަންގެ ވާހަކައިން ޝާޢާގެ ހިތަށް އުފާވެރިކަން ލިބުނެއް ކަމަކު ޒިޔަޒަންއާއި ވަކިވާން ޖެހޭ ވަގުތު އައިސް ބައްދަލުކުރަނީކަން ހާމަވުމުން މާޔޫސްކަން އެދެލޮލުން ވިދާލިއެވެ.

''އެކަމަކު އަހަންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެތަ؟...'' ޝާޢާ އަހާލިއެވެ.

''އާނ، ލިބޭނެ، އަހަރެން މިދަނީ ޝާޢާގެ ހަށިރައްކަލަށް ކަންތައްތަކެއް ކުރަމުން، އޭގެ ފަހުން އެއްވެސް ޝައިތާނަކަށް އަދި މާރިދަކަށް ޝާޢާއަށް ގެއްލުން ދޭން ކައިރިވާކަށް ވެސް ނުކެރޭނެ...'' ޒިޔަޒަން ބުނެދިނެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގައި އޭނަ ބުރަކޮށް އުޅުނީ އެކަމުގައެވެ. ރަޒާންގެ ބޮޑު ބޭބެއެއްގެ އެހީގައި އޭނަ މަސައްކަތްއެކުރަނީ ޝައިތާނުންގެ ލޯތަކަށް ޝާޢާ ގެއްލުވާލާށެވެ. އޭރުން ދުނިއުމުރަށް ޝާޢާއަށް ރައްކާތެރިކަން ލިބޭނެއެވެ.

''ޒިޔަޒަންގެ ބައްޕަ؟...'' ޝާޢާއަށް އަހާލެވުނެވެ.

''އެއްވެސް ޝައިތާނަކަށް ޝާޢާއަށް ގެއްލުމެއްދޭން ނުކުރޭނެ، އަހަރެންގެ ބައްޕަ އަނިޔާވެރިވެ ލޭއޮހޮރުވަން ފެށި ދުވަހުން ފެށިގެން ޝާމިލުވެގެން ދިޔައީ ޝައިތާނާގެ ވަފުދުގެ ތެރޭގައި، އަލިކަމުން ބޭރުވެ އަނދިރީގެ ތެރެއަށް މުޅި މީހާ ވަނީ ގެއްލިފައި.... މިހާރު އެއީ އަހަރެންގެ ބައްޕައެއް ނޫން، އެއީ މުޅިން އެހެން މީހެއް...'' ޒިޔަޒަން އަޑުގައި ހިތިކަމެއް ވިއެވެ.

''އިންސާނުންގެ ދުނިޔެއަށް ދިއުމުން ޝާޢާއަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ، އަހަރެން ދޭ އެތި ޝާޢާގެ ހަށިގަނޑުގައި ވާހާ ހިނދަކު ޝައިތާނުންގެ އުނދަގޫ ނުފޯރާނެ، ނަމަވެސް އެއަށް އެކަނި ބަރޯސާވެގެން ނުވާނެ!... ޝާޢާ ޖެހޭނެ ނަމާދުކޮށް ހެއްދެވި ފަރާތުގެ ކިބައިން ވާގިއަށް އެދި ދަންނަވަން، ޤުރުއާނުން ރައްކާތެރިކަން ހޯދަން... ޖިންނީންނަށް ބާރުތަކެއް ދެއްވާފައި ވިޔަސް ނަމާދުކޮށް އަޅުކަމުގައި މަސްއޫލުވާ މީހާ ދެކެ ޖިންނީން ބިރުގަންނާނެ، ކައިރިވާކަން ނުކެރޭނެ... ޖިންނީންނާ މެދު ހިތުގައި އޮތް ބިރުވެރިކަން ނެތި ދިއުމުން އެމީހުންގެ މައްޗަށް ގަދަވެވޭނެ... މިކަމުގައި ބޭނުންވާނީ ޝާޢާގެ ހިތްވަރު... އެއްވެސް ހާލަތެއްގައި ބިރު ނުގަންނާތި... އަޤީދާ ވަރުގަދަވުމުން ޝާޢާގެ ނަފުސަށް ވެސް ހަމަޖެހުން ލިބޭނެ، ރައްކާތެރިކަން އިހުސާސްކުރެވޭނެ...'' ޒިޔަޒަން ވަރަށް ތަފުސީލުކޮށް ނުބައި ޖިންނީންގެ ފުށުން ސަލާމަތްވާނެ ގޮތް ޝާޢާއަށް ކިޔައި ދިނެވެ. ކަނުލާ އަޑުއަހަމުން ޝާޢާ ދިޔަ އެވެ.

''އަހަރެން ދިއުމުން ޒިޔަޒަންއަށް ވާނީ ކިހިނެއް؟، އީވާއަށް ވާނީ ކިހިނެއް؟... އަހަންނާ ހެދި ތި ދެމީހުންނަށް ގެއްލުމެއް ކުރިމަތިވާކަށް އަހަރެން ބޭނުމެއް ނޫން...'' ކަންބޮޑުވެފައިވި ރާގަކުން ޝާޢާ ވާހަކަދެއްކިއެވެ. އޭރު އޭނަގެ ހިތުގައި ރިހުމެއް ވެސް އުފެދިފައި ވިއެވެ. އަލްވަދާޢު ކިޔުމުގެ ވަގުތު އައިސް ޖެހިފައި ވުމުންނެވެ. ނަމަވެސް އޭނަގެ ހިތުގެ ހާލު ޒިޔަޒަންއަށް ބަޔާންކޮށްދޭން ޝާޢާ ފަސްޖެހުނެވެ. އޭނައަށް ޒިޔަޒަންގެ ހިތް އޮތްގޮތް ނޭގޭތީއެވެ. ހަމައެއާއެކު އެދެމެދުގައިވި ފަރަގުގެ ސަބަބުންނެވެ. އެއީ ދެނަސްލެއްގެ ބަޔަކަށް ވީތީއެވެ. އެއީ އެލޯބި ހާސިލުކުރުމަށް އެޅިފައި އޮތް އެންމެ ބޮޑު ހުރަހެވެ.

''ޝާޢާއަށް އެހީވާން އަހަރުމެން ނިންމި ދުވަހުން ފެށިގެން އަހަރުމެންމީ ކުށްވެރިން... ޝާޢާއަށް ރައްކާތެރިކަން ޔަޤީންކޮށްދީފައި އަހަރުމެން ޖެހޭނީ ބައްޕައަށް ނުފެންނަ ހިސާބަކަށް ދުރަށް ދާން...'' ޒިޔަޒަން ބުނެލިއެވެ. އޭނަގެ އަޑުން ވެސް ޝާޢާއަށް އަލްވަދާއު ކިޔަން ބޭނުންނުވާކަން އެނގެއެވެ. އެހެނަސް އޭނައަށް އެވަނީ މަޖުބޫރުވެފައެވެ. އޭނަގެ ހިތުގައި އެވާ ލޯތްބަށް ކުރިއެރުން ނުލިބުނޭނެތީއެވެ. އިންސީންނާއި ޖިންނީން އެއީ ތަފާތު ދެނަސްލެއްގެ ބަޔެކެވެ. ދެނަސްލު މަސްހުނިވުން އެއީ ޚަދޫދުން ބޭރުގައިވާކަމެވެ. އޭނަ ގަދައަޅައި މަސައްކަތްކުރަމުން ދިޔައީ އިހުސާސްތައް ހިންދާލެވޭތޯއެވެ. އެހެންނޫނަމަ އޭނަގެ މަޤުޟަދަށް އެކަމުން ހިޔަނި އެޅިދާނެއެވެ.

''އަހަންނަށް ޒިޔަޒަން ދެން ނުފެންނާނެއޭތަ ތިބުނަނީ؟...'' ޝާޢާގެ ހިތް ތެޅިލިއެވެ. އެފަދައިން ކަންތައް ވާން ޝާޢާގެ ހިތެއް ނޭދުނެވެ.

''އާނ، ޝާޢާ އިންސާނުންގެ ދުނިޔެއަށް އަނބުރާ ދާފަހުން އަހަރުމެން ދާން ޖެހޭނީ ދެމަގުން، ޖިންނީން އިންސީންގެ ދުނިޔެއަށް ދިއުން އެއީ ރަގަޅުކަމެއް ނޫން... އެއީ ގޯހެއް... މިދުނިޔޭގައި އެކަން ލައްވާފައި އޮތް ގޮތަކީ އެއީ، އެގޮތް ބަދަލެއް ނުކުރެވޭނެ އެއްވެސް މީހަކަށް...'' ޒިޔަޒަން ހާމަކުރިއެވެ.

ޝާޢާގެ ހިތަށް ނުބައި ގޮތެއް ވިއެވެ. ޒިޔަޒަން އެހާމަކުރަނީ އޭނަގެ ހިތް ބިރުގެންފައިވާ ހަޤީޤަތެވެ. އެހެނެއްކަމަކު އެހަޤީޤަތް ބަދަލުކުރަން އޭނަ ކުރާނީ ކޮންކަމެއް ހެއްޔެވެ؟ ދުނިޔޭގެ އުސޫލަށް ގޮންޖަހަންވީ ހެއްޔެވެ؟ އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟

(ނުނިމޭ...)

http://sun.mv/115509

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު