ކޮމަންވެލްތާ އަލުން ގުޅެން ހުށަހެޅުމުން، ރާއްޖެއަށް މަރުހަބާ ކިޔައިފި

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝާ ސްކޮޓްލެންޑް-- ފޮޓޯ: ޔޫޓިއުބް

ކޮމަންވެލްތާ އަލުން ގުޅެން ރާއްޖެއިން ހުށަހެޅުމާ ގުޅިގެން އެޖަމާއަތުން ރާއްޖެއަށް މަރުހަބާ ކިޔައިފި އެވެ.

ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލޭންޑު ނެރުއްވި ބަޔާނެއްގައިވާ ގޮތުން، 2016 ވަނަ އަހަރު ރާއްޖެއިން ކޮމަންވެލްތާ ވަކިވުމުން އޭނާ ވަނީ އެއީ ވަގުތީ ނިންމުމެއް ކަމަށް އުއްމީދު ކުރައްވާފަ އެވެ.

އެހެންކަމުން ރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް ވާން އަލުން ހުށަހެޅުމަކީ އެއުންމީދު އާލާވާ ކަމެކެވެ. އަދި އެޖަމާއަތުގެ މެމްބަރަކަށް ރާއްޖެ އަލުން ވުމާ ބެހޭ ގޮތުން ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނާ މަޝްވަރާ ކުރުމަށް ކޮމަންވެލްތުން އޮތީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވެފަ އެވެ.

"ރާއްޖެ ކޮމަންވެލްތުން ވަކިވުމުން އަޅުގަނޑު ބުނިން އެއީ ވަގުތީ ނިންމުމަކަށް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށް. އެހެންކަމުން ކޮމަންވެލްތުގެ މެމްބަރަކަށް ވާން (ރާއްޖެއިން) އަލުން ހުށަހެޅުމަކީ އެއުއްމީދު އާލާވާ ކަމެއް،" ސްކޮޓްލޭންޑުގެ ބަޔާނުގައިވެ އެވެ.

އެބަޔާނުގައިވާ ގޮތުން ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށްޓަކައި، ރާއްޖެއިން އެޖަމާއަތުގެ އުސޫލުތަކަށް ބޯލަނބާކަން ސާބިތުކޮށްދޭން ޖެހޭނެ އެވެ. އަދި ރާއްޖެ އަލުން ގުޅުމާ ބެހޭ ގޮތުން އެހެން މެމްބަރު ގައުމުތަކުގެ ރުހުން ލިބިއްޖެ ނަމަ، ރާއްޖެއިން ކޮމަންވެލްތާ ގުޅުމަށް ރަސްމީކޮށް އެދެން ޖެހޭނެ އެވެ.

ކޮމަންވެލްތުގައި ރާއްޖެއިން އަލުން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރީ މިމަހުގެ ފަހެއްގަ އެވެ. އޭގެ ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮމަންވެލްތަށް ފޮނުއްވި ސިޓީއެއްގައި ވަނީ އެޖަމާއަތުގެ އުސޫލުތަކުގައި ސަރުކާރުން ސާބިތުވެ އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރާއްޖެ ކޮމަންވެލްތުން ވަކިވީ 2016 ވަނަ އަހަރު އޮކްޓޯބަރު 13 ގައެވެ. އެސަރުކާރުން ބުނި ގޮތުގައި، ކޮމަންވެލްތުން ވަކިވީ އެޖަމާއަތުން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހި، އިސްތިގުލާލަށް އަސަރު ކުރާތީ އެވެ.

comment ކޮމެންޓް