ގުޅީގައި އުމުރުން ދުވަސްވީ މީހެއްގެ ގަޔަށް ހޫނުފެން ޖެހި މައްސަލަ އެއް ބަލަނީ

ކ. ގުޅި ---

ކ. ގުޅީގައި އުމުރުން ދުވަސްވީ މީހެއްގެ ގަޔަށް ހޫނުފެން ޖެހި މައްސަލައެއް ބަލަން ފަށައިފި އެވެ.

ގުޅިން ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށުގެ އުމުރުން ދުވަސްވީ މީހަކަށް އެމީހާގެ ދަރިފުޅު އަނިޔާކުރާތާ ތިން އަހަރު ވެފައިވާ ކަމަށާއި އެ މައްސަލަ ޖެންޑާ މިނިސްޓްރީ އަށް ރިޕޯޓު ކުރަމުންދާތާ ތިން އަހަރު ވެފައިވާ ކަމަށެވެ.

"އެކަމަކު ޖެންޑާ އިން މިރަށަކަށް ނާދޭ އެ ބޭބެގެ ހާލު ބަލާކަށް. މިހާރު އެބޭބެ ގަޔަށް ހޫނުފެން އަޅާ ފޮޅު ނަގާފައި އޮތީ،" އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެފަދަ މައްސަލައެއް ޖެންޑާ މިނިސްޓްރީ އަށް ވެސް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ގުޅިން ވާހަކަ ދެއްކި މީހާ ބުނީ އުމުރުން ދުވަސްވީ މީހާ ބަލަނީ އޭނާގެ އަންހެން ދަރިފުޅު ކަމަށެވެ.

"މީގެ ކުރިން އުޅުނު އެ ބޭބެ ގުރާދޫ އަށް ލާންވެސް. އެކަމަކު ނުގެންދޭ،"

ގުޅިން ވާހަކަ ދެއްކި މީހާ ބުނީ ތަކުރާރުކޮށް ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީ އަށް ރިޕޯޓު ކުރުމުން ވެސް ހާލަތު އޮތްގޮތް ބަލާލަން ވެސް އެ ފަރާތްތަކުން ނާންނަ ކަމަށެވެ.

"މީގެ ކުރިން ވެސް އެ ބޭބެއަށް އެއްވެސް އަޅައެއް ނުލާ ދަރިންނެއް. ގައިން ތާހިރުކޮށް ވެސް ނުހަދާ. މިފަހަކުން އެ ބޭބެ ގަޔަށް ހޫނުފެން އަޅައިގެން ކަރުދޮށް ފިއްސާލާފައި އޮތީ. އެ ބޭބެ ވެސް އެބަބުނޭ ތިމަންނަ ގަޔަށް އެމީހުން [ދަރިފުޅު] ހޫނުފެން އެޅިއްޔޭ،" އުމުރުން ދުވަސްވީ މީހާ އަށް އަނިޔާ ކުރާ މައްސަލަ ރިޕޯޓުކުރާތާ ތިން އަހަރު ވެފައިވާ ކަމަށާއި ދެތު ދޮގު ބަލާލުމަށް ވެސް ފުލުހުން ވެސް އަދި ޖެންޑާ އިން ވެސް ނާންނަ ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީ އިން ބުނީ ގުޅީގައި ދިމާވެގެން އުޅޭ މައްސަލާގައި މީގެ ކުރިން އެ މިނިސްޓްރީ އިން އެޓެންޑު ކޮށްފައިވާނެ ކަމަށެވެ. "ހޯމް ވިޒިޓްވެސް ހަދާ ހާލަތު ބަލާފައިވާނީ. އަޅުގަނޑުމެން އާއިލާ އާ މަޝްވަރާ ވެސް ކުރިން [އުމުރުން ދުވަސްވީ މީހާ] އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ގުރައިދޫ މަރުކަޒަށް ބަދަލު ކުރަން. ނަމަވެސް އާއިލާ އިން ބޭފުޅަކު އަޅުގަނޑުމެންނަށް ޔަގީންކަން ދިން [އުމުރުން ދުވަސްވީ މީހާ] ބަލަހައްޓާނެ ކަމަށް. އެގޮތަށް ޔަގީންކަން ދިނީމާ އަޅުގަނޑުމެންގެ ބެލުމުގެ ދަށަކަށް ނުގެނެވޭނެ ނޫންތޯ؟"

މިނިސްޓްރީ އޮފް ޖެންޑާ އެންޑް ސޯޝަލް ސާވިސަސް އިން "ސަން" އަށް ބުނީ ގުޅީގައި އުމުރުން ދުވަސްވީ މީހެއްގެ ގަޔަށް ހޫނުފެން އެޅި މައްސަލައެއް އެ މިނިސްޓްރީ އަށް ހުށަހަޅާފައިވާކަމަށެވެ. އެ މައްސަލަ ބަލަމުންދާ ކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

"މައްސަލައާ ގުޅިގެން ވިކްޓިމް އަށް ފޯރުކޮށްދެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން މިދަނީ ފޯރުކޮށްދެމުން،" ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ. ޖެންޑާ އިން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އުމުރުން ދުވަސްވީމީހެއްގެ ގަޔަށް ހޫނުފެން ޖެހި މައްސަލައެއް މިއަދު މެންދުރު ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ޖެންޑާ މިނިސްޓްރީ އާ ގުޅިގެން ބަލަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން ގުޅީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އާސިފް ވިދާޅުވީ އެފަދަ މައްސަލައެއް ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އުމުރުން ދުވަސްވީމީހާގެ ގައިގައި ފިހިފައި ހުރިތަންތަން ޑޮކްޓަރަށް ދެއްކުމަށް ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށްވެސް ކައުންސިލުންގެ ނައިބު ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް