"ނިވައިރޯޅި"ގެ އާ ޓްރެއިލާ ވަރަށް ޝައުގުވެރި!

"ނިވައިރޯޅި"ގެ މަންޒަރެއް...

މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދު ސްކްރީނުން އަލްވަދާއު ކިޔާ ފިލްމު "ނިވައިރޯޅި" އަކީ ބެލުންތެރިން މިހާރު އެންމެ އިންތިޒާރުކުރާ އެއް ފިލްމެވެ. އެ ފިލްމުގެ ޓިކެޓް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އޮލިމްޕަހުން ވިއްކަން ފަށާނެއެވެ.

އެ ފިލްމަކީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ސްކްރީނަށް ގެންނަން ނިންމި ފިލްމެކެވެ. ނަމަވެސް ބަތަލާ ނިއުމާ ރޯގާޖެހި، އަޑު ހަލާކުވުމުގެ ސަބަބުން ފިލްމަށް ޑަބް ނުކުރެވިގެން އަންނަ މަހުގެ ތިން ވަނަ ދުވަހު ފިލްމު ރިލީޒްކުރަން ފަސްކުރީއެވެ.

"ނިވައިރޯޅި"ގެ މަންޒަރެއް...

އެހެން ނަމަވެސް ނިއުމާގެ އަޑުގެ ފަރުވާ އަށް ފަހު ރާއްޖެ އައިސް މިހާރު ވަނީ ފިލްމުގެ ހުރިހާ މަންޒަރަކަށް އަޑުވެސް އަޅައި ނިންމާފައެވެ. "ނިވައިރޯޅި"ގެ ހުރިހާ މަސައްކަތެއްހެން މިހާރު އޮތީ ނިމިފައެވެ.

މޫމިން ފުއާދު ލިޔެ ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ އިތުރު ޓްރެއިލާ އެއް އިއްޔެ މިވަނީ ބެލުންތެރިނަށް ދައްކާލާފައެވެ. ޓްރެެއިލާ ވަރަށް ޝައުގުވެރިއެވެ. ފިލްމުގެ ބައެއް ޑައިލޮގްތަކާއެކު އާންމުކޮށްފައިވާ އެ ޓްރެއިލާ މިހާރު "ނިވައިރޯޅި" ގެ ރަސްމީ ފޭސްބުކް ޕޭޖުން ބަލާލެވޭނެއެވެ.

މީގެ ކުރިން ވެސް ފިލްމުގެ ޓީޒާ ޓްރެއިލާ އެއް ބެލުންތެރިންނަށް ވަނީ ދައްކާލާފައެވެ.

"ނިވައިރޯޅި"ގެ އާ ޓްރެއިލާ...

"ސަން" ވާ ވާހަކަ ދައްކަމުން ނިއުމާ ބުނީ، ޓްރެއިލާ ބަލާފައި ވަރަށް ގިނަ ބަޔަކު ކޮމެންޓް ކުރަމުން އަންނަ ކަމަށާއި ޓްރެއިލާ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި ވަރަށް ގިނަ ބަޔަކު ފިލްމު ބަލާލަން ކެތްމަދުވެފައި ތިބި ކަމަށް ބުނަމުން އަންނަ ކަމަށް ވެސް ނިއުމާ ބުންޏެވެ.

"ވަރަށް ގިނަ ބަޔަކު ޓްރެއިލާ ބަލައިފި، ޝެއާރ ވެސް ކޮށްފި، ޕްޒިޓިވް ކޮމެންޓްސް ހަމަ ގިނައީ،" ނިއުމާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ނިއުމާ ބުނީ، މިހާރު ކުރަމުން އަންނަނީ ފިލްމު ޕޮލިޝް ކޮށްލުމުގެ މަސައްކަތް ކަމަށެވެ. އަދި ފިލްމު ސްކްރީން ކުރަން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

"ނިވައިރޯޅި"ގެ މަންޒަރެއް...

"ވަރަށް ކުލަ ގަދަ ހަފްލާ އަކާއެކު ފިލްމު ރިލީޒްކުރަން ތައްޔާރުވަމުން މި އަންނަނީ، ވަރަށް ފުރިހަމަކޮށް އިރާދަކުރެއްވިއްޔާ ޕްރިމިއަރ ކުރާ ފިލްމަކަށް 'ނިވައިރޯޅި' ވާނެ،" ނިއުމާ ބުންޏެވެ.

ފިލްމުގެ ޓިކެޓް މި މަހުގެ ވިހި ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު މެންދުރުފަހު ދެއަކުން ރޭގަނޑު ނުވައަކާ ހަމަޔަށް އޮލިމްޕަހުން ގަންނަން ލިބޭނެއެވެ.

"ނިވައިރޯޅި"ގެ މަންޒަރެއް...

"ނިވައިރޯޅި" ގެ ގިނަ ޝޯ ތަކެއް މާލެ އަދި ހުޅުމާލޭގެ އިތުރުން އަތޮޅުތަކުގައި ވެސް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މިހާރުވެސް ޖެނުއަރީ މަސް ނިމުމުގެ ކުރިން އަތޮޅުތަކުގެ 30 ރަށެއްގައި ފިލްމު ދެއްކުމަށް އޮތީ ފައިނަލް ވެފައެވެ.

" ޓާގެޓަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މި ފިލްމު ދެއްކުން، ހުޅުމާލޭގައި ވެސް ފިލްމު ދައްކާނަން، މިހާރު ދަނީ ސިނަމާ ލިބޭތޯ މަސައްކަތް ކުރަމުން، ރިސޯޓް ތަކުން ވެސް އަދި ރަށް ރަށުންވެސް ފިލްމު އަޅުވަން ބޭނުން ނަމަ ޕޭޖަށް މެސެޖް ކުރަންވީ،" ނިއުމާ ބުންޏެވެ.

ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ރ. އިނގުރައިދޫ އަދި ރ. އުނގޫފާރުގެ އިތުރުން މާލޭގައެވެ.

"ނިވައިރޯޅި"ގެ މަންޒަރެއް...

"ނިވައިރޯޅި"ގެ ކާސްޓުންގެ ތެރޭގައި ނިއުމާ، ޔޫސުފް ޝަފީއު، ޒީނަތު އައްބާސް، ނާޝިދާ މުހައްމަދު، މަރިޔަމް ޝަކީލާ، އައިމިނަތު ރަޝީދަ، އަހުމަދު ސައީދި، އަހުމަދު އަޒުމީލު، މަރިޔަމް ހަލީމް، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިމް،އައިމިނަތު އިޝާލް ރަޝީދު އަދި އައިމިނަތު ރިޝްފާ ފަދަ އެކްޓަރުން ހިމެނެއެވެ.

comment ކޮމެންޓް