މި މަހުގެ 29 ވަނަ ދުވަހު ގެސްޓްހައުސް ސިމްޕޯޒިއަމް ބާއްވަނީ

މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ގެސްޓްހައުސް ކޮންފަރެންސްގެ ތެރެއިން. އެ ކޮންފަރެންސްގައި ގެސްޓްހައުސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައި -- ސަން ފައިލް ފޮޓޯ/

މި މަހުގެ 29 ވަނަ ދުވަހު ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކަށް ހުޅުވާލައިގެން، ގެސްޓްހައުސް ސިމްޕޯޒިއަމްއެއް ބާއްވަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ގެސްޓްހައުސް ސިމްޕޯޒިއަމްއެއް ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 100 ދުވަހުގެ ތެރޭގައި ކުރަން ވައުދުވެފައިވާ ކަންކަމުގެ ތެރެއިން 30 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ.

މިއަދު އއ. ރަސްދޫގައި ސިމްޕޯޒިއަމް ބާއްވާ ތާރީހު އިއުލާނު ކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ޑިސެމްބަރު 29 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ސިމްޕޯޒިއަމްގައި ބައިވެރިވުމަށް ރާއްޖޭގައި އޮޕަރޭޓް ކުރާ ހުރިހާ ގެސްޓްހައުސްތަކަށް ދައުވަތު ދެއްވާ ކަމަށެވެ.

"މި ސިމްޕޯޒިއަމްގެ ބޭނުމަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމަށް، ނުވަތަ ރަށްރަށުގައި ގެސްޓް ހައުސް ހިންގާއިރު ދިމާވާ ކަންކަން، އެކަންކަން ދެނެގަނެ، އެ އެންމެންގެ ހިޔާލާ މަޝްވަަރާ ލިބިގަނެ، އެކަންކަމަށް މައުނަވީ ހައްލެއް ހޯދުމަށް ސަރުކާރުން ބާއްވާ ސިމްޕޯޒިއަމް އެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ގެސްޓްހައުސް ސިމްޕޯޒިއަމްއަށް ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކުގެ އެއްބާރުލިން ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް މިނިސްޓަަރު ވިދާޅުވި އެވެ.

"މި ސިމްޕޯޒިއަމްގެ ތެރޭގައި، އަޅުގަނޑުމެން މި ސަރުކާރުގެ އެންމެ މައިގަނޑު އެއް އަމާޒު ކަމުގައިވާ، ދިވެހި ރާއްޖޭގެ ތަންތަން ނުވަތަ ރަށްތައް ޑެސްޓިނޭޝަންތަކެއްގެ ގޮތުގައި މާކެޓް ކުރުމަށް ޓަކައި، އަޅުގަނޑުމެންގެ ބްރޭންޑިންގެ މަސައްކަތުގައި ގެސްޓްހައުސްތަކުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ ހިޔާލު ހޯދުން، އޭގެ މަސައްކަތު ކަރުދާސްތަކުގެ މަސައްކަތް އޮންނާނެ. ރެގިއުލޭޝަންސްތައް، ގެސްޓް ހައުސް ސެކްޓާގައި އެކަން ކުރާ މީހުންގެ ހިޔާލާ އެއްކޮށް، އެކަން އިމްޕްރޫވް ކުރަން ބޭނުންވާ ކަންތައް ދެނެގަތުން އޮންނާނެ. އަދި މި ގެސްޓް ހައުސް ވިޔަފާރީގެ ސަަބަބުން އަޅުގަނޑުމެންގެ ކޮމިއުނިޓީތަކަށް ކުރާ ބެނެފިޓްސްތައް، އަދި އިތުރަށް އެ ބެނެފިޓްސްތައް ވާސިލުވެވޭނެ ގޮތް ދެނެގަތުން އޮންނާނެ،"

އޭނާ ވިދާޅުވީ، ސިމްޕޯޒިއަމްގައި ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކުން އަމިއްލަ މަސައްކަތު ކަރުދާސްތައް ހަދައި ސަރުކާރަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އަދި ހެނދުނުން ފަށައިގެން ރޭގަނޑާ ހަމައަށް ބާއްވަން ނިންމާފައިވާ އެ ސިމްޕޯޒިއަމް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެފަދަ އެންމެ ބޮޑު ސިމްޕޯޒިއަމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް