ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ފުލުހަށް ހާޒިރުުވުމަށް ޗިޓު ފޮނުވައިފި އެވެ.
މިކަން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފް (މުންދު) "ސަން"އަށް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
މުންދު ވިދާޅުވީ ފުލުހަށް ހާޒިރުވުމަށް ފޮނުވި ޗިޓާ ހަވާލުވެ ވަޑައިގަތީ ރައީސް ޔާމީން އަމިއްލަފުޅަށް ކަމަށެވެ.
"މާދަމާ ނޫން އަނެއްދުވަހު 2:00 އަށް ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވަނީ،"
ރައީސް ޔާމީން ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާއިރު، އެމަނިކުފާނުގެ ވެރިކަމުގައި ހިނގާފައިވާ ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތުހުމަތު ޔާމީނަށް ކުރެވެ އެވެ.
އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ރައީސް ޔާމީންގެ ބައިވެރިވުން އެބައޮތް ކަމަށް އެމްޑީޕީ އިން ތުހުމަތު ކުރެ އެވެ.
މީގެ އިތުރުން ރައީސް ޔާމީނުގެ މައްޗަށް ތުހުމަތުކޮށް ބައެއް މައްސަލަތައް އެމްޑީޕީގެ ފަރާތުން ވަނީ ފުލުހަށް ހުށަހަޅައިފަ އެވެ. ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ތަހުގީގުކޮށް އެ މައްސަލަތައް ބެލުން އަވަސްކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ގޮވާލައްވައިފަ އެވެ.
ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަތްކަމަށް ބުނާ މައްސަލަ އޭސީސީ އިން ވަނީ ތަހުގީގު ވެސް ކޮށްފަ އެވެ.
އެމަނިކުފާނު ރާއްޖެ ދޫކޮށް ފިއްލަވަން އުޅޭ ކަމަށް ތުހުމަތު ކުރި ނަމަވެސް ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުން މަތީ ދެމިހުންނަވާނެ ކަމަށާއި ރާއްޖެ ދޫކޮށް ނުފިއްލަވާނެ ކަމަށެވެ.