ސިރިސޭނާ ޕާލިމެންޓު އުވާލެއްވީ ގާނޫނު އަސާސީއާ ހިލާފަށް: ސުޕްރީމް ކޯޓު

ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ އިއްޔެ ގައުމާ މުހާތަބު ކުރައްވާފަ --

ކޮލަމްބޯ (ޑިސެމްބަރު 13): ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ މިދިޔަ މަހު ޕާލިމެންޓު އުވާލެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ލަންކާ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމި ގޮތުގައި ޕާލިމެންޓުގެ ދައުރު ހަމަވުމުގެ ކުރިން، މިދިޔަ މަހުގެ ނުވައެއްގައި ސިރިސޭނާ ޕާލިމެންޓު އުވާލެއްވި ގާނޫނާއި ގަވާއިދުތަކާ ހިލާފަށެވެ.

ރައީސް ސިރިސޭނާ ވަނީ މިދިޔަ އޮކްޓޯބަރު 26ގައި ރަނިލް ވިކްރަމަސިންހަ ބޮޑުވަޒީރު ކަމުން ދުރުކުރައްވައި، އެމަގާމަށް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރައްވާފަ އެވެ. އަދި ރާޖަޕަކްސަގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ޕާލިމެންޓުން ތައްޔާރު ވުމުން، ޕާލިމެންޓު އުވާލައްވާފަ އެވެ. އަދި އަންނަ މަހު އާއްމު އިންތިހާބެއް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މިދިޔަ މަހުގެ 13އިގައި، ސުޕްރީމް ކޯޓުން ވަނީ ޕާލިމެންޓުގެ މަސައްކަތްތައް އަލުން ފެށުމަށާއި އަވަސް އިންތިހާބަށް ވަމުން ދިޔަ ތައްޔާރީތައް ހުއްޓާލުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ.

އޭގެ ފަހުން ލަންކާ ޕާލިމެންޓުން ވަނީ ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ދެ ފަހަރު ފާސްކޮށްފަ އެވެ. އަދި ވިކްރަމަސިންހައަށް އިތުބާރު އޮތް ކަމަށް އިއްޔެ ވޯޓު ދީފަ އެވެ.

މީގެ އިތުރުން، މިދިޔަ ހަފްތާގައި ލަންކާގެ އިސްތިއުނާފު ކޯޓުން ވަނީ ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް އައްޔަންކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފު ނުވާ ގޮތަށް ކަން ކަނޑައެޅެންދެން، އޭނާ އާއި ކެބިނެޓުގެ ބާރުތައް ހިފަހައްޓާފަ އެވެ.

comment ކޮމެންޓް