ޗައިނާއިން ކެނެޑާގެ ކުރީގެ ޑިޕްލޮމެޓަކު ހިފަހައްޓައިފި

ޗައިނާއިން ވަނީ ކެނެޑާގެ ކުރީގެ ޑިޕްލޮމެޓް މައިކެލް ކޮވްރިގް ހިފަހައްޓާފަ -- ފޮޓޯ: އައިސީޖީ

ބެއިޖިން (ޑިސެމްބަރު 12): ޗައިނާއިން ކެނެޑާގެ ކުރީގެ ޑިޕްލޮމެޓަކު ހިފަހައްޓައިފި އެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ އެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށާއި ޗައިނާގެ ކަމާ ބެހޭ އިދާރާތަކާ ވާހަކަ ދެކެވެމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ޗައިނާއިން ހައްޔަރު ކުރި މައިކެލް ކޮވްރިގް ވަނީ 2010 އިން 2016އަށް ބެއިޖިން އާއި ހޮންކޮންގާއި އދގައި ކެނެޑާގެ ޑިޕްލޮމެޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

މިދިޔަ އަހަރުން ފެށިގެން ކޮވްރިގް މަސައްކަތް ކުރަމުން ދަނީ ބްރަސެލްސްގެ ތިންކް ޓޭންކެއް ކަމަށްވާ އިންޓަނޭޝަނަލް ކްރައިސިސް ގުރޫޕުގެ ނޯތް އީސްޓް އޭޝިއާ ސީނިއާ އެޑްވައިޒަރުގެ ގޮތުގަ އެވެ.

ޗައިނާއިން ކޮވްރިގް ހިފަހައްޓާފައި ވަނީ ކެނެޑާއިން ވާވޭގެ ސީއެފްއޯ މެންގް ވަންޖޯ ހައްޔަރު ކުރި މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. ޗައިނާ އިން ވަނީ މެންގް ދޫކޮށްނުލައިފި ނަމަ ނަތީޖާ ހިތިވާނެ ކަމަށް ބުނެ އިންޒާރު ވެސް ދީފަ އެވެ.

ނަމަވެސް ކެނެޑާގެ ފެޑެރަލް ޕަބްލިކް ސޭފްޓީ މިނިސްޓަރު ރަލްފް ގުޑްއޭލް ވަނީ ކޮވްރިގް ހައްޔަރު ކުރުމާ މެންގްގެ ހައްޔަރާ ގުޅުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ އެދުމުގެ މަތިން ކެނެޑާއިން ހައްޔަރު ކުރި މެންގް މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. އެމެރިކާއިން ބުނާ ގޮތުގައި މެންގް ވަނީ ވާވޭއިން އީރާނާއެކު ވިޔަފާރި ކުރުމާ ބެހޭ ގޮތުން ބޭންކުތަކަށް އޮޅުވާލާފަ އެވެ. އަދި އެއީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވާ ކަމެކެވެ.

comment ކޮމެންޓް