ސިޔާމް މައުރޫފް ސޮކާކަޕްގައި އިއްޔެ މާޅެންދޫގެ މައްޗަށް ކުރި ހޯދައި މަނަދޫ އިން ސެމީ ފައިނަލަށް ދަތުރު ކުރުމުގެ އުންމީދު އާކޮށްފި އެވެ.
އިއްޔެ ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑުގައި މަނަދޫ އާއި މާޅެންދޫ ބައްދަލު ކުރި މެޗު މަނަދޫ ކާމިޔާބު ކުރީ 1-0ގެ ނަތީޖާއިންނެވެ. މަނަދޫގެ ހަމައެކަނި ގޯލު ކާމިޔާބު ކުރީ މެޗު ނިމެން ދަނިކޮށް ޖާޒީ ނަމްބަރު 25، ހަސަން ޒައީމެވެ.
އެ މެޗުގެ މޭން އޮފް ދަ މެޗު ކަމަށް ހޮވުނީ މަނަދޫގެ ޖާޒީ ނަމްބަރު 10 ރައުފަތު އަބޫބަކުރު އެވެ.
ގްރޫޕް އޭގައި މިހާތަނަށް މަގޫދޫ އާއި ހެނބަދޫ ފިޔަވައި އެހެން ހުރިހާ ޓީމެއް ވަނީ ހަތަރު މެޗު ކުޅެފަ އެވެ. މަގޫދޫ އާއި ހެނބަދޫ ކުޅެފައި ވަނީ ތިން މެޗެވެ.
ގްރޫޕް އޭގެ އެއްވަނައިގައި މިވަގުތު އޮތީ 10 ޕޮއިންޓާ އެކު ކެނދިކުޅުދޫ އެވެ. އިއްޔެގެ ނަތީޖާއަށް ފަހު ގްރޫޕް އޭގެ ތިން ޓީމަކަށް ވަނީ ހަ ޕޮއިންޓު ލިބިފަ އެވެ. އެ ތިން ޓީމަކީ މިލަދޫ، ހެނބަދޫ އަދި މަނަދޫ އެވެ. އެ ތިން ޓީމަށް ވެސް ސެމީ ފައިނަލަށް ދަތުރު ކުރުމުގެ ފުރުސަތު އެބަ އޮތެވެ.
މާދަމާ ގްރޫޕް އޭގައި ބައްދަލު ކުރާނީ މަގޫދޫ އާއި މާޅެންދޫ އެވެ. މާދަމާގެ މެޗުން މަގޫދޫ މޮޅުވެއްޖެ ނަމަ އެ ޓީމަށް ވެސް ހަ ޕޮއިންޓު ހަމަ ވާނެ އެވެ. އަދި އެއާ އެކު ސެމީއަށް ދަތުރު ކުރުމުގެ ފުރުސަތު އެ ޓީމަށް ވެސް ފަހި ވާނެ އެވެ.
ސެމީއަށް ދާނެ ޓީމުތަށް ކަށަވަރު ވާނީ އަންނަ ހަފްތާގައި ކުޅޭ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ފަހު އެވެ.
ގްރޫޕް އޭ
- ކެނދިކުޅުދޫ (10 ޕޮއިންޓު)
- މިލަދޫ (6 ޕޮއިންޓު)
- ހެނބަދޫ (6 ޕޮއިންޓު)
- މަނަދޫ (6 ޕޮއިންޓު)
- މަގޫދޫ (3 ޕޮއިންޓު)
- މާޅެންދޫ (1 ޕޮއިންޓު)
ގްރޫޕް ބީ
- ހޮޅުދޫ (6 ޕޮއިންޓު)
- ލަންދޫ (4 ޕޮއިންޓު)
- މާފަރު (4 ޕޮއިންޓު)
- ކުޑަފަރި (3 ޕޮއިންޓު)
- ވެލިދޫ (0 ޕޮއިންޓު)