ވާވޭގެ ސީއެފްއޯ ކަފާލާތުގެ ދަށުން ދޫކޮށްލައިފި

ވާވޭގެ ސީއެފްއޯ މެންގް ވަންޖޯ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ -- ފޮޓޯ: އީޕީއޭ

އޮޓަވާ (ޑިސެމްބަރު 12): ޗައިނާގެ ޓެލެކޮމް ކުންފުނި ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރު މެންގް ވަންޖޯ ކެނެޑާއިން ހައްޔަރު ކުރިތާ 10 ދުވަސް ފަހުން ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.

ކެނެޑާއިން މެންގް ހައްޔަރު ކުރީ އެމެރިކާގެ އެދުމުގެ މަތިންނެވެ. އެމެރިކާއިން ބުނާ ގޮތުގައި މެންގް ވަނީ ވާވޭއިން އީރާނާއެކު ވިޔަފާރި ކުރުމާ ބެހޭ ގޮތުން ބޭންކުތަކަށް އޮޅުވާލާފަ އެވެ. އަދި އެއީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވާ ކަމެކެވެ.

ކެނެޑާގެ ކޯޓަކުން މެންގް ދޫކޮށްލީ ކަފާލާތުގެ ގޮތުގައި 7.5 މިލިއަން ޑޮލަރު ދެއްކުމުންނެވެ. އަދި އިލެކްޓްރޯނިކް ޓެގް އަޅުވައި، ޕާސްޕޯޓު ހަވާލު ކުރުމަށް އަމުރުކޮށްފަ އެވެ.

މެންގް ދެން ކޯޓަށް ހާޒިރުވާން ޖެހޭނީ އަންނަ ފެބްރުއަރީ މަހުގެ ހަޔެއްގަ އެވެ.

އެމައްސަލައިގައި މެންގެ އެމެރިކާއާ ހަވާލު ކުރުމަށް ނިންމާނީ ކެނެޑާގެ ޖަސްޓިސް މިނިސްޓަރެވެ. އަދި އެމެރިކާއާ ހަވާލުކޮށް، މެންގްގެ މައްޗަށް ބޭންކުތަކަށް އޮޅުވާލުމުގެ ދައުވާ ކޮށްފި ނަމަ އޭނާގެ މައްޗަށް 30 އަހަރުގެ ޖަލު ހުކުމެއް ކުރުން އެކަށީގެންވެ އެވެ.

ޗައިނާއިން ވަނީ މެންގް ދޫކޮށްނުލައިފި ނަމަ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް ބުނެ، އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލާފަ އެވެ.

ޗައިނާގެ އެންމެ ބޮޑު އެއްކުންފުނީގެ ސީއެފްއޯ އަދި އެ ކުންފުނީގެ ވެރިޔާގެ ދަރިފުޅު އެމެރިކާ އިން އިސްވެއޮވެ ހައްޔަރުކޮށްފައި ވަނީ ޗައިނާ އާއި އެމެރިކާ އާ ދެމެދު ގުޅުން ގޯސްވެފައިވަނިކޮށެވެ. މީގެ އިތުރުން ވާވޭގެ އުފެއްދުންތައް ބޭނުން ކުރުން އެމެރިކާގެ ރިޔާސީ ގަނޑުވަރުގައި ހުއްޓާލައި، އެ ކުންފުނީގެ އުފެއްދުންތައް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގައި ބޭނުންކުރުން ހުއްޓާލަން މަސައްކަތް ކުރަމުންދަނިކޮށެވެ.

ވާވޭ އިން ވަނީ އެމެރިކާގެ އެޕަލް ވައްޓާލައި، ސްމާޓް ފޯނުގެ ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ކުންފުނީގެ މަގާމު ހޯދައިފަ އެވެ. ވާވޭ އިން އެންމެ ފުރަތަމަ ވިއްކަން ފެށީ އަގުހެޔޮ ފޯނުތަކެއް ނަމަވެސް އެކުންފުނިން މިހާރުދަނީ ބާރުގަދަ މޮޅު ފޯނު ބާޒާރަށް ނެރެމުންނެވެ.

comment ކޮމެންޓް