އިންޑިއާ-ރާއްޖެ ކޮންސިއުލާ ޓޯކްސްގެ ދެވަނަ ބުރު ފަށައިފި

ރާއްޖެ- އިންޑިއާ ކޮންސިއުލާ ޓޯކްސްގެ ދެވަނަ ބުރު ފެށުން --- ސަން ފޮޓޯ

ރާއްޖެ- އިންޑިއާ ކޮންސިއުލާ ޓޯކްސްގެ ދެވަނަ ބުރު ފަށައިފިއެވެ.

މި ބައްދަލުވުން ކުރިއަށްދަނީ މާލޭގައެވެ. ކޮންސިއުލާ ޓޯކްސްގައި ބައިވެރިވާ އިންޑިއާގެ ވަފުދު އިއްޔެ ރާއްޖެ އައިސްފައިވާއިރު ވަފްދުގެ އިސްބޭފުޅަކަށް ހުންނެވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ އަމިތް ނާރަންގް އެވެ.

ވަކި އުސޫލެއްގެ މަތިން ގަވާއިދުން އެފަދަ މަޝްވަރާތަކެއް ބޭއްވުމަށް ދެޤައުމުގެ ދެމެދުގައި އެއްބަސްވެވިގެން ބޭއްވި ކޮންސިއުލާ ޓޯކްސްގެ ފުރަތަމަ ބުރު ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ގައި އިންޑިއާގެ ނިއުދިއްލީގައެވެ.

އެ ބައްދަލުވުމުގައި ވަނީ ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުމާ ގުޅޭގޮތުންނާއި އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތަކާއި ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންނަށް ދިމާވާ ދަތިތައް އަދި އެކަންތައް ހައްލު ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މިއަދު ފެށި ކޮންސިއުލާ ޓޯކްސްގެ ދެވަނަ ބައްދަލުވުމުގައި އެންމެ އިސްކަމެއްގެ ގޮތުގައި ވާހަކަ ދެކެވޭނީ ރާއްޖެ-އިންޑިއާ ވިސާ އާ ގުޅޭގޮތުންނެވެ. މި ބައްދަލުވުން ފެށުމުގެ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަފުޅުދައްކަވާނެއެވެ.

ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުން ގޯސްވުމަށްފަހު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިފަހުން މި ގުޅުން ބަދަހިވަމުންދާތަން ދަނީ ފެންނަމުންނެވެ. އެގޮތުން ރައީސް ޞާލިހު ހުވާ ކުރެއްވި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

comment ކޮމެންޓް