މިލަދޫ ބަލިކޮށް ކެނދިކުޅުދޫ 4 ޕޮއިންޓުގެ ލީޑެއް ނަގައިފި

މިއަދު ކެނދިކުޅުދޫ އާއި މިލަދޫ ބައްދަލު ކުރި މެޗުގެ ތެރެއިން ----

ސިޔާމް މައުރޫފް ސޮކާކަޕުގައި މިއަދު ޑިފެންޑިން ޗެމްޕިއަން މިލަދޫ ބަލިކޮށް މުބާރާތް ބާއްވާ ރަށް ކަމަށްވާ ކެނދިކުޅުދޫ އިން ގްރޫޕު އޭގެ އެއްވަނާގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ގްރޫޕު އޭގެ އެންމެ ފޯރިގަދަ ވާނެ ކަމަށް ބެލެވުނު މިއަދުގެ މެޗު ކެނދުކުޅުދޫ ކާމިޔާބު ކުރީ 1-0ގެ ނަތީޖާއިންނެވެ. މެޗުގެ ހަމަ އެކަނި ގޯލު ކާމިޔާބު ކުރީ ނުވަ ވަނަ މިނެޓުގައި ކެނދިކުޅުދޫ ޓީމުގެ ޖާޒީ ނަމްބަރު 25 އަބްދުﷲ ސުއާދު އެވެ.

މިއަދުގެ މެޗުގެ މޭން އޮފް ދަ މެޗު ކަމަށް ހޮވުނީ ކެނދުކުޅުދޫ ޓީމުގެ ޖާޒީ ނަމްބަރު 21 މުހައްމަދު އައްޒާމެވެ.

ފުރަތަމަ ދެ މެޗުން މޮޅުވެ، މުބާރާތުގެ ފެށުން ރަނގަޅު ކުރި ނަމަވެސް، މިއަދުގެ ބައްޔާ އެކު މިލަދޫ މިވަނީ ޖެހި ޖެހިގެން ދެ މެޗުން ބަލިވެފަ އެވެ.

ހުކުރު ދުވަހު ހެނބަދޫއާ ދެކޮޅަށް މިލަދޫ ނުކުތް މެޗުން މޮޅުވެގެން ގްރޫޕް އޭގެ އެއްވަނަ އަށް އެރުމުގެ ފުރުސަތު މިލަދޫ އަށް އޮތެވެ. ނަމަވެސް، އެ މެޗުން މިލަދޫ ވަނީ 1-0ގެ ނަތީޖާއިން ބަލިވެފަ އެވެ. އެ މޮޅާ އެކު ހެނބަދޫ ވަނީ އިތުރު ތިން ޕޮއިންޓު ހޯދައި މިލަދޫއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފަ އެވެ.

ގްރޫޕް އޭ

  • ކެނދިކުޅުދޫ (10 ޕޮއިންޓު)
  • މިލަދޫ (6 ޕޮއިންޓު)
  • ހެނބަދޫ (6 ޕޮއިންޓު)
  • މަނަދޫ (3 ޕޮއިންޓު)
  • މަގޫދޫ (3 ޕޮއިންޓު)
  • މާޅެންދޫ (1 ޕޮއިންޓު)

މުބާރާތުގެ ގްރޫޕް ބީގެ މެޗުތަކަށް ބަލާއިރު ހޮނިހިރު ދުވަހު ހޮޅުދޫ ވަނީ 1-0ގެ ނަތީޖާއިން ކުޑަފަރި ބަލިކޮށްފަ އެވެ. އަދި އިއްޔެ މާފަރު ވަނީ 5-0ގެ ތަފާތު ބޮޑު ނަތީޖާއިން ވެލިދޫ ބަލިކޮށްފަ އެވެ.

އެ ނަތީޖާތަކާ އެކު މިވަގުތު ގްރޫޕް ބީގެ އެއްވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ހޮޅުދޫ އެވެ. އިއްޔެގެ މޮޅާ އެކު، މާފަރު ވަނީ ހަތަރު ޕޮއިންޓު ހޯދައި ލަންދޫއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފަ އެވެ.

ގްރޫޕް ބީގައި ހޮޅުދޫ، ލަންދޫ އަދި ކުޑަފަރި ކުޅެފައި ވަނީ ދެ މެޗެވެ. ވެލިދޫ އާއި މާފަރު ވަނީ ތިން މެޗު ކުޅެފަ އެވެ.

ގްރޫޕް ބީ

  • ހޮޅުދޫ (6 ޕޮއިންޓު)
  • ލަންދޫ (4 ޕޮއިންޓު)
  • މާފަރު (4 ޕޮއިންޓު)
  • ކުޑަފަރި (3 ޕޮއިންޓު)
  • ވެލިދޫ (0 ޕޮއިންޓު)
comment ކޮމެންޓް